19 އެޕްރީލް 2017 - 17:20

ލައިފް އިންޝުއަރަންސް ޕޮލިސީ އެންމެ ފުރަތަމަ ނެގި ކަސްޓަމަރަށް ފުރަތަމަ ތިން އަހަރު ފުރިހަމަ ކުރުމުން "ސަވައިވަލް ބެނެފިޓް"ގެ ގޮތުގައި ލިބޭ ފައިސާ ހަވާލުކޮށްފި އެވެ.
އެލައިޑްގެ މައި އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގައި، "ކޭޝްބެކް 12- ރަން ރޭރު"ގެ ނަމުގައި 2014 ވަނަ އަހަރު ތައާރަފުކުރި އެ ޕޮލިސީގެ "ސަވައިވަލް ބެނެފިޓް" ކ. ކާށިދޫ، ރާއިދު މުހައްމަދަށް ހަވާލުކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ލައިފް އިންޝުއަރަންސް މެނޭޖަރު ސްރިނިވާސަން ރާމަކްރިޝްނަން އެވެ.
ރާއްޖޭގައި ހަމައެކަނި ލައިފް އިންޝުއަރަންސްގެ ހިދުމަތްދޭ ކުންފުނި؛ އެލައިޑް އިންޝުއަރަންސުން ތައާރަފް ކުރި ޕޮލިސީއަކީ މަދު ފައިސާކޮޅެއް ދައްކައިގެން ފަހަށް ފައިސާ ރައްކާކުރުމަށް އެހީވެދިނުމާ އެކު އާއިލާ އަށް މާލީ ރައްކާތެރިކަން ލިބިދޭ އިންޝުއަރަންސް ޕްލޭނެކެވެ.
އެލައިޑުން ބުނީ 12 އަހަރުގެ މުއްދަތަށް ކުރި އަށް ގެންދާ ޕްލޭންގެ ދަށުން އިންޝުއާ ކުރެވޭ އަދަދުގެ ގޮތުގައި 50،000ރ. އަށް ވުރެ މަތީ ކޮންމެ އަދަދެއް ވެސް ނެގިދާނެ ކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން އިންޝުއާ ކޮށްފައިވާ ޖުމްލަ އަދަދުގެ 25 ޕަސެންޓް ކޮންމެ ތިން އަހަރަކުން އެއް ފަހަރު ޕޮލިސީ ނަގާފައިވާ ފަރާތަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެލައިޑުން ބުނީ އެ ޕޮލިސީގެ އެންމެ ފަހު އަހަރު އިންޝުއާ ކުރި އަދަދުގެ ބާކީ 25 ޕަސެންޓާއެކު މުޅި 12 އަހަރަށްވާ ބޯނަސް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ޕޮލިސީގެ މުއްދަތުގައި އިންޝުއާ ކުރި ފަރާތް މަރުވެއްޖެ ހާލަތެއްގައި އިންޝުއާ ކުރި ޖުމްލަ އަދަދާއި ބޯނަސް އާއިލާ އަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިއަދަދު ދިނުމުގައި އިންޝުއާވެފައިވާ ފަރާތަށް "ސަވައިވަލް ބެނެފިޓް"ގެ ގޮތުގައި ކުރިން ދެވިފައިވާ އެއްވެސް ފައިސާއެއް އުނިވެގެން ނުދާނެ،" އެ ކުންފުނިން ބުންޏެވެ.
ސަވައިވަލް ބެނެފިޓް ހަވާލުކުރި ހަފުލާގައި ވާހަކަދައްކަވަމުން އެލައިޑްގެ ލައިފް އިންޝުއަރަންސް މެނޭޖަރު ސްރިނިވާސަން ވިދާޅުވީ އެލައިޑުން ދޭ އެ ޕްލޭނަކީ އެ މީހާ ދުނިޔޭގައި ނެތް ދުވަހަކުން ވެސް އެ މީހެއްގެ އާއިލާ އަށް މާލީ ރައްކާތެރިކަން ޔަގީންކޮށްދޭ އަދި ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމަށް ފައިސާ ރައްކާކުރުމަށް ވެސް އެހީވެދޭ މުހިންމު ޕޮލިސީއެއް ކަމަށެވެ. އެހެންކަމުން އެ ޕޮލިސީ ނަންގަވާ އިންޝުއަރަންސް ފުރިހަމަ އަށް ބޭނުން ކުރެއްވުމަށް ސްރިނިވާސަން އިލްތިމާސްކުރެއްވި އެވެ.