ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެ ބިލު ރައީސް ތަސްދީގު ކުރެއްވީ އެ ބިލާއި މި ފަހުން ފާސްކުރި އެހެން ހަ ބިލެއް ތަސްދީގު ކުރައްވަން ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބިލު ތަސްދީގު ކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވިދާޅުވީ އެ ބިލްގައިވާ ގޮތަށް 40 ޕަސެންޓް ބޭރުފައިސާ މާރުކުރުމަކީ ރިސޯޓްތަކަށް އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރިސޯޓްތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނުވަތަ މުވައްޒަފުންނަށް މުސާރަ ދޭން ނުވަތަ އެހެން ހަރަދުތައް ހަމަޖައްސަން ވެސް އެކަމުގެ ސަބަބުން ދައްޗެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑު ހަަމަ ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން ބޭނުން، ރިސޯޓްތަކުން 10 އިންސައްތަ މާރުކުރުމަަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަަޅުގަނޑުމެންނަށް ޔަގީންކަމާ އެކީ އެނގޭ،" ރައީސް ވިދާޅުވި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެ އިސްލާހު ފާސްކުރީ މަޖިލީހުގައި އެކަަމަށް ނެގި ވޯޓުަގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓުދެއްވައިގެންނެވެ.
އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.