16 ޖޫން 2016 - 21:19

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުން ދޭ ވޯޓާ އެއްގޮތަށް ވެރިކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އިންތިހާބުތަކަށް ވޯޓު ހޯއްދަވަން ރައްޔިތުންގެ ގާތަށް އެ މަނިކުފާނު ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީއަކާ ނުލައި 2018 ގެ ޓިކެޓް ރައީސް ޔާމީނަށް ދެއްވަން އެދިވަޑައިގެން ޕީޕީއެމް ކައުންސިލް މެމްބަރުންތަކެއް ޕެޓިޝަނެއް ތައްޔާރުކުރާތީ އެކަމަށް އިޝާރާތް ކުރައްވައި ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވީ ރައްޔިތުން އިންތިހާބުކުރި ގޮތަށް ރައީސް ޔާމީނަށް ވެރިކަން ނުކުރެއްވުނު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގޮވައިގެން އުޅުއްވާކަށް ވެސް ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގެންނެވި އެވެ. ހަމަ އެއާ އެކު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުން ރައްޔިތުންގެ ހައްގުތަކަށް ވީ ގޮތާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އާއި ކުންފުނިތަކުގެ ކޮރަޕްޝަނާއި މަޖިލިސް މެމްބަރުންގެ ހާލަތާ މެދު ވެސް، ޖަމީލް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އާއްމު މެމްބަރުން ވިސްނަން ޖެހެ އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދެއްވަން ޖެހެ އެވެ. ސަބަބަކީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެމަނިކުފާނު ރައްޔިތުންނަށްޓަކައި އެތައް ހިދުމަތެއް ކޮށްދެއްވައި "އޭ ރިޕޯޓެއް" ހޯއްދަވާފައިވާތީ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ 2018ގެ ކެމްޕޭން ފަށައި އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓް ކަން ދެއްވަން ހުށަހަޅާފައިވީ ނަމަވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމުގައި ހިޔާލުތަފާތެވެ. އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ޑިމޮކްރެޓިކް އުސޫލުން އެކަން ކުރިއަށް ގެންދެވުމަށެވެ.