ދުވާލަކު އާފަލެއް ކެއުމުން ބައްޔެއް ނުވާނެތަ؟
ދުވާލަކު އާފަލެއް ކެއުމުން ބައްޔެއް ނުވާނެތަ؟

"ކޮންމެ ދުވަހަކު އާފަލެއް ކާ ނަމަ ޑޮކްޓަރަކަށް ދައްކާކަށް ނުޖެހޭނެ" ކަމަށް، 1922 ވަނަ އަހަރު ފެށިގެން ކިޔައި އުޅެ ކަމަށްވެ އެވެ. މިއަދާ ހަމަޔަށް ވެސް މިހެން ބުނެ އުޅެ އެވެ.

އާފަލަށް ވުރެ މޮޅު މޭވާއެއް ނެތީހެއްޔެވެ؟ ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ އާފަލަކީ ވަރަށް ރަނގަޅު މޭވާއެއް ކަމަށާއި އެކަމަކު އެއީ އެންމެ މޮޅު މޭވާ ނޫން ކަމަށެވެ.

ލިބޭ ފައިދާގެ ގޮތުން ބަލާއިރު ފަޅޯ، ޗެރީ، ދޮންކެޔޮ، އޮރެންޖް އަދި ބްލޫބެރީ ފަދަ މޭވާ އަކީ ވެސް އާފަލަށް ދޫކުރާ އެއްޗިއްސެއް ނޫނެވެ. އެކަމަކު އަބަދު އާފަލުގެ ވާހަކަ އަންނަނީ ކީއްވެ ހެއްޔެވެ؟ މިހާ ގިނަ ދުވަސް ވަންދެން މި ވާހަކަ މިގޮތަށް ދެކެވެމުން އަންނާނީ ކާބަފައިންނަށް ވެސް ކަންތައްތަކެއް ވިސްނިފައި އޮވެގެން ކަމަށް ބެލެވެ އެވެ.

އާފަލަކީ ލޭގައި ކޮލެސްޓްރޯލް ޖަމާވުމުން ދިފާއުކޮށްދޭ އެއްޗެކެވެ. އަދި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް އާފަލު މުހިންމެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އާފަލަކީ ބައެއް ބާވަތުގެ ކެންސަރުން ވެސް ދިފާއުކޮށްދޭ އެއްޗެކެވެ.

ދަނޑުވެރިކަމާ ބެހޭ މާހިރުން ބުނަނީ އާފަލަކީ ހައްދަން ފަސޭހަ އެއްޗަކަށް ވެފައި ރައްކާކޮށްފައި އަހަރެއްހާ ދުވަހު ވެސް ބެހެއްޓޭ އެއްޗެއް ކަމަށެވެ. އެގޮތުން ބައެއް ދިރާސާތައް ބުނަނީ އާފަލުގައި ނިއުޓްރިޝަން ހުންނަ މިންވަރު، ދޮންވާތާ 200 ދުވަސްވާއިރު ވެސް ތަފާތެއް ނުވެ ހުންނަ ކަމަށެވެ. އަދި އާފަލު ކާލަން ފަސޭހަ ވުމަކީ ވެސް ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

އާފަލުގެ 85 ޕަސެންޓަކީ ފެނެވެ. ދެން އެންމެ ގިނައީ ފައިބަ އެވެ. އާފަލެއް ކާލުމުން ކެލޮރީޒްތައް އިތުރުނުވެ ބަނޑު ފުރިއްޖެކަމުގެ އިހްސާސް ކުރެވޭނެ އެވެ.

ކެއުމުގައި އާފަލު ހިމަނައި، އެހެން ވައްތަރުތަކުގެ މޭވާ އާއި ތަރުކާރީގެ ބެލެންސް ޑައިޓެއް ނެގުމުން ނޫނީ އާފަލުގެ އެކަށީގެންވާ ފައިދާއެއް ނުކުރާނެ އެވެ. އެގޮތުން 3:4 ރޭޝިއޯގެ ޑައެޓެއް ބަރާބާރުވާނެ ކަމަށް ނިއުޓްރިޝަނިސްޓުން ބުނެ އެވެ. އެއީ ދުވާލަކު ތަފާތު ތިން ކުލައެއްގެ މޭވާ އާއި ތަފާތު ހަތަރު ކުލައެއްގެ ތަރުކާރީ އާދަކޮށް ކެއުމުގައި ބޭނުން ކުރުމެވެ.

އާފަލަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ނަމަވެސް އެ ބުނާ ގޮތަށް، އާފަލު ކެޔަސް ޑޮކްޓަރަށް ފިލައިގެނެއް ނޫޅެވޭނެ އެވެ.