މި އަހަރުގެ ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި "މިހާރު ރޯދަ ކުއިޒް" ގެ ވަނަތަކަށް ދިޔަ ފަރާތްތަކާ އިނާމުތައް މިއަދު ހަވާލުކޮށްފި އެވެ.
އަލް މަނާސިކް ގްރޫޕުން ހުށަހެޅި އުމްރާ ދަތުރު ކާމިޔާބުކޮށް، މުބާރާތުގެ އެއް ވަނަ ހޯދީ ޝިރުޒިމާ އިބްރާހިމްއާ އެ ގުރޫޕުގެ އެމްޑީ ހަސީސް މިއަދު ހަވާލު ކުރައްވަނީ.---- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގިނަ ބަޔަކު ބައިވެރިވި މި ކުއިޒު ބޭއްވީ އެންމެ އަވަހަށް އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދީގެން ކާމިޔާބު ކުރެވޭ ގޮތަށެވެ. ކުއިޒްގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ބައިވެރިވެގެން ސުވާލުތަކަށް ވީހާ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަވާބުދިނުމުގެ ފުރުސަތު ދިނެވެ.
ދެ ވަނަ އަށް ރެޑްވޭވްގެ ފަރާތުން ހުށައަޅާފައިވާ ރެފްރިޖަރޭޓަރު ކާމިޔާބުކުރި ޔާމިން އަލީ މުރުތަލާއަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިހާރު" ރޯދަ ކުއިޒްގެ އިނާމުތައް ހަވާލުކުރީ މިއަދު "މިހާރު" ގެ އޮފީހުގައި އޮތް ހާއްސަ ހަފްލާއެއްގަ އެވެ.
އެ ހަފްލާގައި ވަނީ ވަނަތަކަށް ދިޔަ މީހުންނަށް ލިބުނު އިނާމުތައް ހަވާލުކޮށްފަ އެވެ.
ކުއިޒުގެ އެންމެ ބޮޑު އިނާމަކަށް، އަލް މަނާސިކް ގްރޫޕުން ހުށަހެޅި އުމްރާ ދަތުރު ކާމިޔާބުކޮށް، މުބާރާތުގެ އެއް ވަނަ ހޯދި ޝިރުޒިމާ އިބްރާހިމަށް އިނާމު ހަވާލު ކޮށްދެއްވީ އަލް މަނާސިކްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަސީސް އެވެ.
ތިން ވަނަ އަށް އަށް ރެޑްވޭވް އިން ހުށަހެޅި ޓީވީ ކާމިޔާބުކުރި އައިމިނަތު ވަފާ ސައީދާ، ރެޑްވޭވްގެ މާކެޓިން މެނޭޖަރު ނާއިޝް އިނާމު ހަވާލުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދެ ވަނަ އަށް ރެޑްވޭވްގެ ފަރާތުން ހުށަހެޅި އައިސްއަލަމާރީގެ އިނާމު ކާމިޔާބުކުރި ޔާމިން އަލީ މުރުތަޟާ އަށާއި ތިން ވަނަ އަށް ރެޑްވޭވުން ހުށަހެޅި ޓީވީ ކާމިޔާބުކުރި އައިމިނަތު ވަފާ ސައީދަށް ރެޑްވޭވްގެ މާކެޓިން މެނޭޖަރު އަހުމަދު ނާއިޝް ވަނީ އިނާމު ހަވާލުކޮށްދެއްވައިފަ އެވެ.
"މިހާރު" ގެ އެޑިޓަރު އަހުމަދު ހަމްދޫން ވިދާޅުވީ، މި ފަހަރުގެ ކުއިޒަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޖަވާބުތައް ރަނގަޅުކޮށް، އިނާމުތައް ހޯދަން ވާދަވެރި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަވި ކަމަށެވެ.
"މި ފަހަރުގެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ރޯދަމަހު ވެސް ކުއިޒް މުބާރާތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ރޯދަމަހުގެ ކުއިޒަށް އެހީތެރިވި މަނާސިކް ގުރޫޕާއި ރެޑްވޭވުން ފޯރުކޮށްދިން އެހީތެރިކަން ހަމްދޫން ފާހަގަކުރެއްވި އެވެ.
ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ބައިވެރިވެވޭ ގޮތަށް "މިހާރު" އިން ބޭއްވި މި ކުއިޒްގައި ތަފާތު އެކި ދާއިރާތަކުގެ ސުވާލުތައް ހިމެނި އެވެ. އޭގެ ތެރޭގައި އިސްލާމްދީނާއި ތާރީހާ ގުޅޭ ސުވާލުތައް ވެސް ހިމެނެ އެވެ.