"ނޫރް" އާއި "މާތުރަ" ވެސް ސެންސަރު ބޯޑުގައި ތާށިވި
"ނޫރް" އާއި "މާތުރަ" ވެސް ސެންސަރު ބޯޑުގައި ތާށިވި

ސޮނާކްޝީ ސިންހާގެ "ނޫރް" އަށް ސެންސަރު ބޯޑުން ޔޫ/އޭ ސެޓްފިކެޓެއް ދީފި އެވެ. އެއީ އެ ބޯޑުން އެންގި މަންޒަރުތަކާއި އަޑުތައް ބަދަލުކުރުމަށް ފަހުގަ އެވެ. ސެންސަރު ބޯޑުން އެންގީ "ނޫރް"ގެ ބައެއް ޑައިލޯގްތަކުގައި ބޭނުންކުރާ ބައެއް ބަސްތައް ފިލްމުން ކަނޑާލުމަށެވެ.

ޑައިރެކްޓަރު ސަންހިލް ސިއްޕީ ބުނީ ސެންސަރު ބޯޑުން އެންގި ގޮތާ އެމީހުން ގަބޫލު ކަމަށާއި ކަނޑާލަން ބުނި ތަންތަން ކަނޑާލަފައިވާ ކަމަށެވެ.

"ސެންސަރު ބޯޑުން ކަނޑާލަން ބުނި ޑައިލޯގްތަކުގެ ސަބަބުން ފިލްމުގެ ވާހަކަ ބެލުންތެރިންނަށް ގެނެސްދިނުމުގައި މައްސަލައެއް ކުރިމައްޗެއް ނުވާނެ،" ޑައިރެކްޓަރު ބުނެފައިވެ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ނޫރް" އަކީ ސަބާ އިމްތިޔާޒު ލިޔެފައިވާ "ކަރާޗީ، ޔޫ އާ ކިލިން މީ!" ކިޔާ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގައި ނޫރްގެ ރޯލު އަދާކުރަނީ ސޮނާކްޝީ އެވެ. ނޫރް އަކީ ނޫސްވެރިއެކެވެ. އަދި އޭނާ މުމްބައިގައި ހޭދަކުރާ ދުވަސްތަކުގައި ދިމާވާ ބައެއް ހާދިސާތައް މި ފިލްމުގައި ފެނިގެން ދާނެ އެވެ.

ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދީގެން މައްސަލަތަކާ ކުރިމަތިވެފައިވާ އަނެއް ފިލްމަކީ ރަވީނާ ޓަންޑަން ގެ "މާތުރަ" އެވެ. މި ފިލްމަކީ ރޭޕް ކޭސްތަކަކަށް ބިނާކޮށްފައިވާ ފިލްމަކަށް ވާތީ ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތަކާއި ބޭނުންކޮށްފައިވާ ބައެއް ހުތުރު ބަހުން ވާހަކަ ދައްކާ ޑައިލޯގްތަކާ ސެންސަރު ބޯޑުން ދެކޮޅެވެ. އެހެންވެ އެ ބައިތައް ބަދަލުކޮށް މިހާރު އަލުން ފިލްމު ސެންސަރު ކުރަން ވަނީ ހުށަހަޅާފަ އެވެ. އަދި ފިލްމު ފާސްކޮށްދިނުމާ މެދު އެ ބޯޑުން މިހާރު އަންނަނީ އަލުން ވިސްނަމުންނެވެ.

ސެންސަރު ބޯޑުގެ ފަރާތުން ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވީ އެ ބޯޑުން ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރުތަކާއި ޑައިލޯގްތައް ބަދަލުކުރުމަށް ފަހު އަލުން އިސްލާހުކޮށްފައިވާ ކޮޕީއެއް ހުށަހަޅާފައިވާ ކަމަށާއި އަލުން ބެއްލެވުމަށް ފަހު ނޫނީ ފާސްކޮށްދޭނެކަން ނުވަތަ ނޫންކަން ވިދާޅުވާން ނޭނގޭ ކަމަށެވެ.

މި ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު ބުނީ ފިލްމުގައި ހިމެނޭ 13 މިނެޓްގެ ރޭޕް މަންޒަރެއް ދެތިން މިނެޓަށް ކުރުކޮށްލަން ސެންސަރު ބޯޑުން އެންގި ކަމަށެވެ. އެހެންވެ އެ ބައިތައް މިހާރު އެޑިޓްކޮށްފައިވާ ކަމަށެވެ.

"ނޫރް" އާއި "މާތުރަ" ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.