ރާއްޖޭގެ ކުރީގެ މެރެތަން ރެކޯޑް
ހޯލްޑަރު އަދި މިހާރުގެ މަޝްހޫރު ކޯޗު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އިނގިރޭސި
ބަހުން ލިޔުއްވާފައިވާ ތިން ފޮތެއް ނެރުއްވައިފި އެވެ.
އޭނާ ނެރުއްވި ފޮތްތަކުގެ
ތެރޭގައި ހިމެނެނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭގޮތުން ލިޔުއްވި ފޮތުގެ
ފުރަތަމަ ވޮލިއުމްގެ އިތުރުން، ރާއްޖޭގެ ކުޅިވަރާ ބެހޭ ފޮތަކާއި އޭނާގެ އަމިއްލަ
ކުޅިވަރު ކެރިއަރާ ބެހޭ ފޮތެކެވެ.
މެލޭޝިއާގެ ޕެރާކްގައި ހުންނަ
ސުލްތާން އިދުރީސް އެޑިއުކޭޝަން ޔުނިވާސިޓީގެ ސްޕޯޓްސް ސައިންސް އެންޑް ކޯޗިން
ފެކަލްޓީގެ ސީނިއާ ލެކްޗަރާގެ މަގާމުގައި ހުންނެވި ހުސެން ވަނީ މިދިޔަ ހަފުތާގައި
ރާއްޖެ ވަޑައިގެން، މި ފޮތްތައް ކުރީގެ ބައެއް ރައީސުންނާއި އެކި ދާއިރާތަކުގެ
އިސް ޝަހުސިއްޔަތުންނަށް ހަދިޔާކުރައްވައިފަ އެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން
އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު
ސޯލިހަށް ވެސް ފޮތް ހަދިޔާކުރެއްވި އެވެ.
ހުސެންގެ ތިން ފޮތުގެ ތެރެއިން
ރަސޫލާގެ ސީރަތާ ބެހޭ ފޮތަކީ، ކޮވިޑް-19 ގެ ދުވަސްވަރު އަމިއްލަ ނަފުސަށް ކުރެއްވި
ޗެލެންޖެއްގެ ތެރެއިން ފެއްޓެވި މަސައްކަތެކެވެ. ލޮކްޑައުންގެ ތެރޭގައި ބޮޑު
ބައެއް ނިންމެވި އެ ފޮތުގައި ޖުމްލަ ދެހާހެއްހާ ސަފުހާ ހިމެނެ އެވެ. އެހެންކަމުން
އެ ފޮތް ނެރުއްވަން ގަސްދުކުރެއްވީ ހަތަރު ވޮލިއުމަކަށް ބައްސަވާލައްވައިގެންނެވެ.

ހުސެން (ވ) އޭނާގެ ފޮތެއް ރައީސް މައުމޫނަށް ހަދިޔާކުރައްވަނީ.
"ރިތިންކިން
މޯލްޑިވިއަން ސްޕޯޓްސް" ގެ ނަމުގައި ލިޔުއްވި ފޮތަކީ އެތުލީޓެއްގެ
ގޮތުގައާއި، ކޯޗެއްގެ ގޮތުން އަދި ހިންގުންތެރިއެއްގެ ގޮތުން ކުރެއްވި
ތަޖުރިބާތަކުގެ އަލީގައި، ރާއްޖޭގެ ކުޅިވަރަށް ދިމާވެފައިވާ މައްސަލަތައް
ތަހުލީލުކުރައްވާފައިވާ ފޮތެކެވެ. މި ފޮތުގައި މެލޭޝިއާގެ ބައެއް ތަޖުރިބާކާރުން
ވެސް ވަނީ ޗެޕްޓަރުތަކެއް ލިޔުއްވައިފަ އެވެ.
ތިންވަނަ ފޮތަކީ
"(އަން)ޑިފީޓެޑް މޯލްޑިވިއަން އޮލިމްޕިއަން"ގެ ނަމުގައި އަމިއްލަ
ހަޔާތުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޯގްރަފީއެކެވެ. މި ފޮތުގައި ސްކޫލުން
ވަކިކުރުމާއި، އޭގެ ފަހުން ދުވުމުގެ ތެރެއަށް ވަދެ ރާއްޖޭގެ ފުރަތަމަ
އޮލިމްޕިއަނަށްވި ގޮތުގެ ތަފްސީލު ހިމެނެ އެވެ. އަދި އޭގެ ސަބަބުން ދިރިއުޅުން
ބަދަލުވެ، މަތީ ތައުލީމު ހާސިލްކުރުމުގެ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާއި
ލިބުނު ފިލާވަޅުތައް ވެސް ހިމަނުއްވާފައިވެ އެވެ.
މި ފޮތްތައް ގަންނަން ބޭނުންވާ
ފަރާތްތަކުން ހުސެއިންގެ ސޯޝަލް މީޑިއާ ޕޭޖަށް މެސެޖުކުރުމުން އެކަން ހަމަޖެހޭނެ އެވެ.
ސުލްތާން އިދުރީސް
ޔުނިވާސިޓީގައި ހުސެންގެ މައިގަނޑު ޒިންމާއަކީ ފިޒިކަލް އެޑިއުކޭޝަން، ސްޕޯޓްސް
ސައިންސް އަދި ސްޕޯޓްސް ސޯޝިއޮލޮޖީގެ މާއްދާތައް ކިޔަވައިދީ، ސްޕޯޓްސް
ޓީޗަރުންނާއި ކޯޗުން އުފައްދައި ތަމްރީންކުރުމެވެ. މީގެ އިތުރުން ޔުނިވާސިޓީގެ
އެތުލެޓިކްސް ޓީމަށް ކޯޗުކޮށްދިނުމާއި، ޕެރާކް ސްޓޭޓް ލެވެލްގެ ބައެއް
ދުވުންތެރިން ތަމްރީންކުރުން ވެސް ހިމެނެ އެވެ.
ހުސެން ވަނީ މާލޭގައި
"ކޭއެޗް ސްޕޯޓްސް އެކަޑަމީ"ގެ ނަމުގައި ކާމިޔާބު އެކަޑަމީއެއްވެސް
ހިންގަވައިފަ އެވެ. އެތަނުގައި ވަކި ކުޅިވަރެއް އިހުތިޔާރުކުރުމުގެ ކުރިން
ކުޑަކުދިންނަށް ހާއްސަ "ސްޕޯޓްސް ފޯ އޯލް" ޕްރޮގްރާމަކާއި، ޕްރޮފެޝަނަލް
ދުވުންތެރިންނާއި ރެކްރިއޭޝަނަލް ދުވުންތެރިން ތަމްރީންކުރެއްވި އެވެ.

ކުޑަހުސެން ހުޅުމާލޭގައި އޮތް ރޭހެއްގައި ދުވަނީ: ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ. -- ފައިލް ފޮޓޯ
ހުސެންއަކީ 1988 ވަނަ އަހަރު
ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވި އޮލިމްޕިކްސްއަށް ރާއްޖޭން ފޮނުވާނެ ދުވުންތެރިން
ތަމްރީންކުރުމަށް، މަރުހޫމް މުހައްމަދު ޒާހިރު ނަސީރު އިސްވެ ހުންނަވައި
އޮލިމްޕިކް ކޮމިޓީން ހިންގި ތަމްރީންތަކުން އުފެދުނު ދުވުންތެރިއެކެވެ. އޭރު ރާއްޖެ
އައި ޖަޕާނު ކޯޗުގެ ތަމްރީނާއެކު ހުސެން ވަނީ 1988ގެ އޮލިމްޕިކްސްގައި ދުވެ،
ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަންގެ ޝަރަފު ހޯއްދަވައިފަ އެވެ.
އޭގެ ފަހުން ޕާކިސްތާނުގައި 1989
ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި 2 ގަޑިއިރާއި 45.03 މިނެޓުން މެރެތަން
ނިންމައި، އޭނާ ގައުމީ ރެކޯޑް ހެއްދެވި އެވެ. އެ ރެކޯޑް މުގުރާލެވުނީ 28 އަހަރު
ފަހުންނެވެ. ދުވުމުގެ ކެރިއަރަށް ފަހު ހުސެން ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ
ކޯޗުކަމާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފިޓްނަސް ކޯޗުކަން ވެސް
ކުރައްވައިފަ އެވެ.
އޭގެ ފަހުން އޮލިމްޕިކް
ސްކޮލަޝިޕެއްގައި ނިއުޒީލެންޑަށް ވަޑައިގެން ކުޅިވަރުގެ ރޮނގުން ޕީއެޗްޑީ
ހާސިލްކުރެއްވި އެވެ. ހުސެން ބޭނުންވި ނަމަ އެ ކޯސް ނިމުމުން ނިއުޒީލެންޑުގެ
ރައްޔިތުކަން ލިބެން އޮތް ނަމަވެސް އެ ފުރުސަތު ދޫކޮށްލައްވައި އެނބުރި ރާއްޖެ
ވަޑައިގަތީ ގައުމަށް ހިދުމަތްކުރުމަށް ބޭނުންވެވަޑައިގެންނެވެ. އޭގެ ފަހުން އޭނާ
ވަނީ ސިފައިންގޭގައި މަސައްކަތްކުރައްވައިފަ އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ
ނައިބު ރައީސްކަމާއި، ސްޕޯޓްސް ކައުންސިލުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.