ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ. 

އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގް ޑިރެކްޓަރުންނެވެ.

ކަސްޓަމުން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އޭގެ މައިގަނޑު މަގްސަދަކީ މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

އެ މަސައްކަތް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.