ފުޓްބޯޅަ ކުޅުން ހުއްޓާލިތާ 11 އަހަރު ފަހުން
އެނބުރި އައުމުގެ ބޭނުމަކީ ކެރިއަރުގެ 300 ވަނަ ލަނޑު ޖެހުން ކަަމަށް އިޓަލީގެ
ތިން ވަނަ ޑިވިޝަނުގެ ރަވޭނާއާ ދާދި ފަހުން ގުޅުނު ބްރެޒިލްގެ ލެޖެންޑް
ރޮނާލްޑީނިއޯ ބުނެފި އެވެ.
އުމުރުން 46 އަހަރުގެ ރޮނާލްޑީނިއޯ އަށް
ކްލަބުގެ މައިނޯރިޓީ ހިއްސާ ވަރަށް އަވަހަށް ލިބޭނެ އެވެ. ކްލަބުގެ މެޖޯރިޓީ ހިއްސާދާރު
އިގްނާޒިއޯ ކިޕްރިއާނީ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑީނިއޯ ގުޅުނީ ރަމްޒީ
ގޮތުން ނޫން ކަމަށާއި އަދި މިއީ މާކެޓްކުރަން ރޭވި ކަމެއް ވެސް ނޫން ކަމަށެވެ.
"އޭނާގެ އަމާޒަކީ ފަހު ގޯލު ޖެހުން،" ރަވޭނާގެ
ބީޗުގައި އޮތް ހާއްސަ އިވެންޓެއްގައި ކިޕްރިއާނީ ބުންޏެވެ.
ރޮނާލްޑީނިއޯ ގުޅުމާ އެކު އެ ކްލަބުގެ މެޗު
ޓިކެޓަށް ވަނީ ޑިމާންޑް ވަރަށް ބޮޑުވެފަ އެވެ.
ރޮނާލްޑީނިއޯ ބުނީ އޭނާ ކުޅޭނެތޯ ނުވަތަ ނޫންތޯ
ނިންމާނީ ކޯޗު ކަމަށެވެ.
"ތި އެންމެންނަށް ވެސް ފެންނާނެ. އަހަރެން
މިހިރީ ފިޓުކޮށް. އަހަންނަށް 300 ވަނަ ގޯލު ޖަހަން ފުރުސަތު ލިބިއްޖެ ނަމަ ވަަރަށް
ހާއްސަ ވާނެ،"
އެކަމަކު ސީޒަނުގެ ފުރަތަމަ މެޗުގައި ހޯމަ
ދުވަހު ރެޖީނާއާ ދެކޮޅަށް ޔަގީނުން ވެސް ރޮނާލްޑީނިއޯ ނުކުޅޭނެ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ
ކަމަށްވާ ރޮނާލްޑީނިއޯ ވަނީ ކްލަބް ކެރިއަރުގައި ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެ ޗެމްޕިއަންސް
ލީގާއި، ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ބެލޮންޑިއޯ އާއި ފީފާގެ މޮޅު
ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ. ފަހުން އިޓަލީ އަށް ގޮސް އޭސީ މިލާނަށް
ވެސް ކުޅުނެވެ.
"އެނބުރި އިޓަލީ އަށް އާދެވުމުން ވަރަށް
އުފާވެއްޖެ،"
ބްރެޒިލް ގައުމީ ޓީމަށް 97 މެޗުން 33 ގޯލް ޖަހައިދީފައިވާ
ކުޅުންތެރިޔާ ވަނީ އެ ޓީމާ އެކު 2002 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެެވެ.