އެންމެ ޒުވާން އުމުރުގައި ފެށި ސެލޫން ފުޅާކޮށް، ބިއުޓީ އިންޑަސްޓްރީގައި އަމިއްލަ ބްރޭންޑަށް ފައްކާކުރި އެވެ. ފާއިތުވި 20 އަހަރުގެ މަސައްކަތުން ފާތިމަތު ނަދާ ގްލޭމް ނަދާގެ ގޮތުގައި ފަނޑުވިޔަ ނުދީ ހިފެހެއްޓި އެވެ.
އޭނާގެ ވިޔަފާރި ފުޅާކޮށް، މިދިޔަ ހަފުތާގެ ބަންދުގައި ލޯންޗުކުރި "ހައުސް އޮފް ނަދާ"ގެ ޑިޒައިންތަކާ އެކު އާއްމުންގެ ސަމާލުކަން ހޯދި އެވެ. އެކަމަކު މި ފަހަރު ބޮޑު ތުހުމަތަކާ އެކުގަ އެވެ.

އެހެން ބައެއްގެ ޑިޒައިނެއް، ހައުސް އޮފް ނަދާގެ ބްރޭންޑު ލޯގޯގެ ދަށުން ނެރެފައި.
އެ ބްރޭންޑުގެ ލޯގޯއާ އެކު ތައާރަފްކުރީ، "ޝީއިން"، "އެސޮސް" އަދި "އީބޭ" ފަދަ ވެބްސައިޓުތަކުން ވެސް ގަންނަން ލިބެން ހުރި ޑިޒައިންތަކުގެ ހެދުންތަކެއް ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. ދެން އުފެދުނު ބަހުސަކީ އެއީ އަމިއްލަ ސްޓައިލް ކިއުރޭޓްކުރުން ނޫނީ ބައެއްގެ އޮރިޖިނަލް ޑިޒައިންގައި އަމިއްލަ ލޯގޯ ޖެހި ސްކޭމެއް ހެއްޔެވެ؟
އެކަމާ ގުޅިގެން ނަދާގެ ބަހެއް ހޯދަން ގުޅައި މެސެޖުކުރުމުން އަދި ޖަވާބެއް ނުދެ އެވެ.

ހައުސް އޮފް ނަދާގެ ބްރޭންޑުގެ ދަށުން ނެރުނު ހެދުން (ވ) އަދި ބޭރުގެ ސައިޓުތަކުން ލިބެން ހުރި އޭގެ ޑިޒައިންގެ ހެދުންތައް.
ނަމަވެސް، އެ ޑިޒައިންތަކަކީ ކޮޕީއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް، ނަދާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ މިދިޔަ ހޯމަ ދުވަހު ރައްދު ދީފަ އެވެ.
އޭނާ ބުނިގޮތުގައި ހައުސް އޮފް ނަދާއިން ފަހިކޮށްދެނީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. އެއީ، އާއްމުންނަށް ބޭނުންވާނެކަން ކުރިން އެނގިފައިނެތް ފަދަ ތަކެތި ފޯރުކޮށްދޭ ޖާގައެއް ކަމަށް ވެސް ބުންޏެވެ.
ނަދާ ބުނީ އެ ތަނުގެ އަމިއްލަ އުފެއްދުންތަކުގެ އިތުރުން އޭނާ ގަޔާވާ ޑިޒައިނަރުންގެ ފެޝަންތަކާއި ބޭރުގެ އެކި ގައުމުތަކަށް ކުރި ދަތުރުން އޭނާގެ ހިތް ދަމައިގަތް ތަކެތި އަދި ގޭތެރެއަށް ބޭނުންވާ ރީތި ސާމާނާއި ދުވަހުން ދުވަހަށް ބޭނުންކުރަން އެންމެ ކަމުދާ ތަކެތި ވެސް ލިބޭނެ ކަމަށެވެ.

އަންހެނުންގެ ހެދުން އުފައްދާ "އޫޒީ" ބްރޭންޑުގެ ހެދުމެއްގެ ޑިޒައިންގައި ހުރި އިނގިރޭ ލިޔުންތައް ތާނައަށް ބަދަލުކޮށް ހައުސް އޮފް ނަދާއިން ތައްޔާރުކުރި ހެދުން (ވ).
"އަހަރެން އެ އެއްޗެއް ދެކެ ލޯބިވަންޏާ، ތި އެންމެންނަށް ވެސް އެ ތަނަކުން އެ އެއްޗެއް ގެނެސްދޭނަން،" ނަދާ، 30،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި އިންސްޓަގްރާމްގެ ސްޓޯރީގައި ބުންޏެވެ.
"ހައުސް އޮފް ނަދާއާ އެކު މި ފައްކާކުރަނީ ކްލޮތިން ބްރޭންޑެއް. ފެޝަން ހައުސެއް ނޫން."

"މެޑީ ޕެރިސް" ނަމަކަށް ކިޔާ ބްރޭންޑެއްގެ ހެދުމެއްގެ އޮރިޖިނަލް އަދި ހައުސް އޮފް ނަދާގެ ދަށުން ނެރުނު ހެދުން (ވ).
އޭނާ އެހެން ބުންޏަސް، ހައުސް އޮފް ނަދާއިން ސޯޝަލް މީޑިއާއަށް އެންމެ ފުރަތަމަ ދޫކޮށްލި ރީލްގައި ދައްކުވައިދެނީ، އެ ތަނުގެ އަމިއްލަ ޑިޒައިންތަކެއް މާކެޓަށް ނެރެން އުޅޭ ކަމެވެ. އެ ރީލްގައި، ހެދުން ފެހުމަށް މިންނަގާ ތަނާއި ފަހާ ތަން ވެސް ދައްކަ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ކުރި ޕޯސްޓުގައި ނަދާ ބުނީ ބިއުޓީ އިންޑަސްޓްރީއަށް ވަނުމުގެ ކުރިން އޭނާގެ ހިތް އޮތީ ފެޝަންގައި ކަމަށެވެ. އެ ދާއިރާއިން ތައުލީމް ހާސިލްކުރިއަސް ކުރިއަށް ދެވޭނެ މަގު ނުފެނުމުން އެކަން މަޑުޖައްސާލީ ކަމަށް ބުންޏެވެ.

ބޭރުގެ އޮންލައިން ވެބްސައިޓަކުން ލިބެން ހުރި ފައިވާނެއްގެ ޑިޒައިން، ހައުސް އޮފް ނަދާއިން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޕޮޕް-އަޕް ސްޓޯރުގައި ވިއްކަން ބަހައްޓާފައި.
"އަހަރެންގެ އުމުރުން 40ގެ ހިސާބަށް އާދެވުމުން، އަހަރެންގެ އެންމެ ފުރަތަމަ ލޯތްބަށް ހައްގު ފުރުސަތު މި ދިނީ. ސަބަބަކީ 'ވާނެނަމައޭ' ހީކޮށް ހުރެ އުމުރު ދުއްވާލުމަށްވުރެ ދިރިއުޅުން މާ ކުރުކަން،" ނަދާ ބުންޏެވެ.

ފާފެޗް ބްރޭންޑުގެ ދަބަހުގެ ޑިޒައިން އަދި އެއާ އެއްގޮތަށް ހައުސް އޮފް ނަދާގެ ލޯގޯގައި ނެރުނު ދަބަސް (ވ)
އޭނާ ބުނީ ހައުސް އޮފް ނަދާއަކީ އެ ހިތްވަރުގައި އެޅި ފިޔަވަޅު ކަމަށެވެ. އަހަރުތަކެއް ވަންދެން ސިކުނޑީގައި ރޭވި ހިޔާލުތަކާއި، ކުރެވުނު ދަތުރުތަކާއި ލިބުނު އިންސްޕިރޭޝަންތައް އެކުވެ، މިއަދު ކްލޯތިން ބްރޭންޑަކަށް ބަދަލުވެފައިވާ ކަމަށް އެ ދުވަހު ނަދާ ބުންޏެވެ.

ބޭރުގެ އޮންލައިން ސައިޓުގައި ވިއްކަން ހުރި ހެދުން އަދި ހައުސް އޮފް ނަދާއިން ތައްޔާރުކުރި އޭގެ ޑިޒައިންގެ ހެދުން (ވ)
"އަހަރެން ބޭނުންވީ ހަމައެކަނި އަލަމާރީގައި ބަހައްޓާފައި ހުންނާނެ ހެދުންތަކެއް ނެރޭކަށް ނޫން. އެއީ ދުވަހުން ދުވަހަށް އަލަމާރިން ނަގައިގެން އަބަދުވެސް ލާން ބޭނުންވާނެ ހެދުންތަކެއް. ތަފާތު، އެތައް ސަތޭކަ ގޮތަކަށް ސްޓައިލް ކުރެވޭނެ އަދި ރައްޓެހިންނަށް ވެސް ދޭން ބޭނުންނުވާނެ ފަދަ ހާއްސަ ހެދުންތަކެއް،"
އާއްމުންގެ ފާޑުކިޔުންތަކާ އެކު ވާހަކައިގެ މިސްރާބު ބަދަލުވެއްޖެ އެވެ. ނަދާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އެ ބުޓީކުގައި ހުރީ ހަމައެކަނި އޭނާގެ އަމިއްލަ ޑިޒައިންތަކެއް ނޫން ކަމަށާއި އެގޮތަށް ދައްކުވައިދޭން މަސައްކަތް ވެސް ކޮށްފައިނުވާނެ ކަމަށެވެ.

ބޭރުގެ ސައިޓަކުން ވިއްކަން ހުރި ދަބަސް އަދި ހައުސް އޮފް ނަދާގެ ބްރޭންޑުން ނެރުނު ދަބަސް (ވ)
މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި ޝޯގައި ބައިވެރިވި މީހަކު "މިހާރު"އަށް ބުނީ ލޯންޗުކުރުމުގެ ހަފުލާގެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް، އެ ތަނުގައި އެހެން ބައެއްގެ ޑިޒައިން ހިމެނޭ ކަމެއް އޭރު ވެސް ނުބުނާ ކަމަށް އޭނާ ބުންޏެވެ.
"އުފެއްދުންތަކުގައި އަމިއްލަ ޓެގް ޖަހާފައި ވެސް ހުރީ. ޖިންސެއްގެ އަގު ވެސް މި އުޅުނީ 2،000ރ. އިން މަތީގައި. ސްކާފެއް 800ރ. އިން މަތީގައި. އަންހެން އަދި ފިރިހެން ހެދުން ސެޓެއް 4،000ރ.އަށް."

ބޭރުގެ އޮންލައިން ފިހާރައަކުން ވިއްކަން ހުރި ހެދުން އަދި ހައުސް އޮފް ނަދާއިން ތައްޔާރުކުރި ހެދުން (ވ)
ރީޓެއިލް ކިއުރޭޝަނަކީ ދުނިޔޭގެ ފެޝަން މާކެޓުގައި އާއްމު ކަމަކަށް ވިއަސް ކަސްޓަމަރުންގެ އިތުބާރު ހޯދަނީ އެކަން ސާފުކޮށް ކިޔައިދީގެންނެވެ. މި ފަހަރު ދިމާވީ އެ މައްސަލަ އެވެ.
"ދިޔައިރު ވެސް ނޭނގޭ އެއީ ކޮޕީއެއް ކަމެއް. އެކަން ނުވެސް ބުނޭ،" "މިހާރު"އާ ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ.
ހައުސް އޮފް ނަދާ އަދި ބޭރުގެ ސައިޓުތަކުގެ ޑިޒައިންތައް: އަޅާކިއުމެއް
"ހައުސް އޮފް ނަދާ" ލޯންޗުކުރުމާ އެކު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ބަހުސް ކުރި އެއް ކަމަކީ، އެ ބްރޭންޑުގެ ދަށުން ނެރުނު ބައެއް އުފެއްދުންތަކާއި ބޭރުގެ މަގުބޫލު އޮންލައިން ފިހާރަތަކުން ލިބެން ހުރި ތަކެއްޗާ ހުރި އެއްގޮތް ކަމެވެ.

ބޭރުގެ ސައިޓެއްގައި ވިއްކަން ހުރި ހެޓު އަދި ހައުސް އޮފް ނަދާގެ ބްރޭންޑުގައި ވިއްކި ހެޓު (ވ)
1. "އޫޒީ" (Oozee)ބްރޭންޑުގެހެދުން
• ބޭރުގެސައިޓު:ބޭރުގެ ފެޝަން ބްރޭންޑެއް ކަމަށްވާ "އޫޒީ" ގެ އޮރިޖިނަލް ޑިޒައިނެއްގައި ހިމެނެނީ ހާއްސަ ކަޓިންއަކަށް ތައްޔާރުކޮށްފައިވާ އަންހެނުންގެ ހެދުމެކެވެ.
• ހައުސްއޮފްނަދާ:މި ޑިޒައިނަށް ބަދަލުތަކެއް ގެނެސް، ދިވެހި ތާނަ އަކުރުތައް ހިމަނައިގެން "ހައުސް އޮފް ނަދާ" ގެ ޓެގްގައި ވަނީ ތައްޔާރުކޮށްފަ އެވެ.
2.
"މެޑީޕެރިސް" (Maddie
Paris)ގެޑިޒައިން
• ބޭރުގެސައިޓު:"މެޑީ ޕެރިސް" ބްރޭންޑުގެ ދަށުން ވިއްކަން ހުރި ބެއިޖު ކުލަ އާއި ސްޓައިލްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހެދުމެކެވެ.
• ހައުސްއޮފް️ނަދާ:އެ ހެދުމުގެ އޮރިޖިނަލް ޑިޒައިނާ އެއްގޮތް ހެދުމެއް، ހަމަ އެ ކުލައިގައި ނަދާގެ ކަލެކްޝަންގައި ހިމަނާފައިވެ އެވެ.

ބޭރުގެ ސައިޓެއްގައި ވިއްކަން ހުރި ހެދުމެއް އަދި ހަމަ އެ ޑިޒައިންގައި ހައުސް އޮފް ނަދާގައި ނެރުނު ހެދުން (ވ)
3.ފާފެޗް(Farfetch)އަދިބޭރުގެސައިޓުތަކުގެދަބަހާއި ފައިވާން
• ބޭރުގެސައިޓު:Farfetch ފަދަ ލަގްޒަރީ ސައިޓުތަކުންނާއި އެހެނިހެން އޮންލައިން ފިހާރަތަކުން ލިބެން ހުރި ދަބަހާއި ފައިވާނުގެ ޑިޒައިންތަކެވެ.
• ހައުސްއޮފްނަދާ:ބޭރުގެ ސައިޓުތަކުގައި ހުރި ދަބަސްތަކާ އެއްގޮތް ޑިޒައިންތަކުގައި "ހައުސް އޮފް ނަދާ" ގެ ލޯގޯ ޖަހައިގެން ވިއްކަން ބަހައްޓާފައިވާއިރު، ފައިވާނުގެ ޑިޒައިންތައް ވެސް ހުރީ ބޭރުގެ އޮންލައިން ސައިޓުތަކުން ފެންނަން ހުރި ގޮތަށެވެ.

އެޑިޑާސްގެ ހޫޑީ އަދި ހައުސް އޮފް ނަދާގެ ޓެގުގައި މާކެޓަށް ނެރުނު ހޫޑީ (ވ)
ހައުސް އޮފް ނަދާއަކީ އޭނާގެ އަމިއްލަ އުފެއްދުންތަކާއި އަމިއްލައަށް ސްޓައިލްކުރެވޭނެ ގޮތް ފަހިކޮށްދޭ ފެޝަން އަދި ޓްރެންޑީ ސްޓައިލްތަކާއެކު ދުވަހުން ދުވަހަށް ބޭނުންކުރާނެ އެންމެ ފުރިހަމަ ބޭސިކްސް އެކުލެވޭ ފެޝަން ރީޓެއިލް ކޮންސެޕްޓެއް ކަމަށް ވަނީ ބުނެފަ އެވެ.
ބްރޭންޑު ތައާރަފްކުރަން ބޭއްވި ފުރަތަަމަ ޝޯގައި އެ ހުރިހާ ބައިތަކެއް ދައްކާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ބިއުޓީ އިންޑަސްޓްރީގައި ލިބުނު އިތުބާރަށް ފަހު ނަދާ މި ވަނީ ބޮޑު ތުހުމަތަކުން ސަލާމަތްވާން ޖެހިފަ އެވެ.