ކާއެއްޗެހި ވިއްކާ 300 އަށް ވުރެ ގިނަ ފިހާރައިގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައިފި
ކާއެއްޗެހި ވިއްކާ 300 އަށް ވުރެ ގިނަ ފިހާރައިގައި ހުރި މައްސަލަތައް ހައްލުކުރަން އަންގައިފި

އާއްމު މިންގަނޑުތަކާ ހިލާފު ކަންކަން ފާހަގަ ކުރެވުނު ކާބޯތަކެތި ވިއްކާ 300 އަށް ވުރެ ގިނަ ފިހާރަ އަށް އެ ކަންކަން ރަނގަޅު ކުރަން އަންގައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ މަހުގެ 25ގައި ފެށި މި އޮޕަރޭޝަންގައި އާއްމު މިންގަނޑުތަކާ ހިލާފު ގިނަ ކަންތައްތަކެއް މާލޭގެ ފިހާރަތަކުން ފާހަގަކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ވިއްކުން.

- ފިހާރައިގެ އާއްމު ސާފުތާހިރުކަން ދަށްވުން.

- ފިނިކޮށް އަދި ގަނޑުކޮށް ކާބޯތަކެތި ބެހެއްޓުމުގައި ތަޣައްޔަރުވާ ގޮތަށް ހުރުން (ކުކުޅާ އެކު ބަޓަރު ފަދަ ތަކެތި ބެހެއްޓުން).

- މީދާ އަދި ބުޅާ ފަދަ ޖަނަވާރު ވަދެ، އާލާވާ ގޮތަށް ހުރުން.

- އެކަށީގެންވާ ތަކެތި ނެތި ކުކުޅު ކޮށުމާއި އެއްޗެހި ޕެކްކުރުން.

- ބަނޑިވެފައި ހުރި ދަޅު ފަދަ ތަކެތި ވިއްކުން.

- ކަނޑައަޅާފައިވާ ފިނިހޫނުމިނަށް ބެލުމެއް ނެތި އެއްޗެހި ބެހެއްޓުން.

- ދިވެހި އުފެއްދުންތަކުގައި ވަކި އުސޫލެއް ނެތި މުއްދަތު ހަމަވާ ތާރީހު ޖަހާފައި ހުރުން.

- ބައެއް ދިވެހި އުފެއްދުންތަކުގެ ޕެކިންގެ ފެންވަރު ދަށްވުން.

- މިންގަނޑަށް ނުފެތޭ ލޭބަލް ޖަހާފައި ހުރި ކާބޯތަކެތި ވިއްކުން.

- ސާފުތާހިރުކަމަށް މުވައްޒަފުން ހޭލުންތެރި ނުވުން.

"ފާހަގަކޮށްފައިވާ ކަންތައްތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ފަދަ ކަމެއް މެދުވެރިވެ ދާނެ ކަމަކަށް ވާތީ، ކާބޯތަކެތި ވިޔަފާރި ކުރާ ފަރާތްތަކުން މި ކަންކަން ރަނގަޅަށް ބަލައި އިސްލާހު ކުރުމަށް އަންގަމެވެ،" ބަޔާނުގައިވެ އެވެ.

ފިހާރަތަކުގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ދޭތެރެ ދޭތެރެއިން އިންސްޕެކްޓް ކުރެ އެވެ. ސާފުތާހިރުކަމުގެ މިންގަނޑުތަކާ ހިލާފުވާ ބައެއް ތަންތަން ބަންދު ވެސް ކުރެ އެވެ.