19 އެޕްރީލް 2017 - 14:03

ވޮޝިންޓަން (އެޕްރީލް 19) - ނޯތު ކޮރެއާ އިން ފޮނުވާލާ މިސައިލްތައް ވައްޓާލުމުގެ ގޮތުން އެމެރިކާ އިން މަތީ ފެންވަރުގެ ޓެސްޓްތަކެއް އަންނަ މަހު ކުރަން ހަމަޖެހިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
މިއީ ނޯޠު ކޮރެއާ އާއި އީރާނާ ދެކޮޅަށް އެމެރިކާ އިން ހިންގާ ބެލެސްޓިކް މިސައިލް ޑިފެންސް ޕްރޮގްރާމުގެ ދަށުން ޕެސިފިކުގައި ކުރާ ޓެސްޓްތަކެއް ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ. މި ޓެސްޓްތަކުގެ ތެރޭން އެއް ޓެސްޓަކީ އެމެރިކާގެ މަނަވަރަކުން ފޮނުވާލާ ސްޓެންޑާޑް މިސައިލްތަކެވެ. މި ބާވަތުގެ މިސައިލް މީގެ ކުރިން ޓެސްޓްކޮށްފައި ވަނީ އެއް ފަހަރު އެވެ. ދެ ވަނަ ޓެސްޓް ކުރަން ހަމަޖެހިފައި ވަނީ މެއި މަހު ފަހުކޮޅު އެވެ. އެއީ ނޯތު ކޮރެއާ އިން އެމެރިކާ އަށް ފޮނުވާލަފާނެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ވައްޓާލުމަށް ކުރާ ޓެސްޓްތަކެކެވެ.
ނޯތު ކޮރެއާގެ ބިރު ދެއްކުމުގެ އިންޒާރުތަކާ ގުޅިގެން އަސްކަރީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވިސްނާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ނޯތު ކޮރެއާ އިން ދާދި ފަހުން މިސައިލްތަކެއް ޓެސްޓް ކުރުމާ ގުޅިގެން ކޮރެއާ މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާ އިން ވަނީ ކޮރެއާ ޕެނިންސުލާ ސަރަހައްދަށް ފޮނުވި މަނަވަރުތަކުގެ މިސްރާބު ބަދަލުކޮށް ވެސްޓަން ޕެސިފިކަށް ފޮނުވައިފަ އެވެ. ނޯތު ކޮރެއާ އިން ކުރިން ވަނީ އެމެރިކާ އަށް ހަމަލާ ދެވޭވަރުގެ އިންޓަކޮންޓިނެންޓަލް މިސައިލެއް ޓެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ.
ނޯތު ކޮރެއާގެ އިންޒާރުތަކާ ގުޅިގެން އެމެރިކާ އިން ވަނީ ޗައިނާގެ އެހީތެރިކަން ނުލިބުނު ނަމަވެސް އެމެރިކާ އެކަނި ނަމަވެސް ނޯތު ކޮރެއާ މައްސަލަ ހައްލުކުރާނެ ކަމަށް ބުނެފަ އެވެ.