ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ، އެމްއެޗްއޭއިން 30 މިލިޔަން ރުފިޔާގެ ސުކޫކު ވިއްކައިފި އެވެ.

އެ ސުކޫކަކީ،
އެމްއެޗްއޭއިން ހުޅުމާލޭގައި ތަރައްގީކުރާ އެމްއެޗްއޭ ޕްރޮމެނާޑް އިމާރާތްކުރުމަށް ފައިނޭންސް ހޯދުމަށް ދޫކޮށްފައިވާ، ޕެރެލަލް އިސްތިސްނާ
ސުކޫކެކެވެ.

ސުކޫކުގެ މުއްދަތަކީ، ފަސް އަހަރެވެ. އަދި ޕްރޮފިޓް ރޭޓަކީ،
އަހަރަކު އަށް ޕަސެންޓެވެ. އެ ސުކޫކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ބައިއެނުއަލް ރިޓާނެއް
ލިބޭނެ ކަމަށް އެ ސުކޫކު މެނޭޖްކުރާ ލީޑް އެރޭންޖަ ފަސްޓް ނެޝަނަލް އިން ބުންޏެވެ.

އެމްއެޗްއޭގެ ސުކޫކުގައި އިންވެސްޓްކޮށްފައިވަނީ، ރީޓެއިލް އަދި
އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނެވެ. އަދި އެ ލިބުނު ޝަައުގުވެރިކަމުން
ދޭހަވަނީ، އެމްއެޗްއޭގެ ކުރިމަގުގެ ތަސައްވަރާއި ރާއްޖޭގެ ކެޕިޓަލް މާކެޓުގައި
އިންވެސްޓްކުރުމަށް ލިބޭ ޝަރީއާ ކޮމްޕްލަޔަންޓް ޕްރޮޑަކްޓްތަކަށް އިންވެސްޓަރުން
ކުރާ އިތުބާރު ކަމަށް ފަސްޓް ނެޝަނަލް އިން ބުންޏެވެ.

އެ ސުކޫކް އިޝޫގައި ޖުމްލަ 30,000 ސުކޫކު ހިމެނޭއިރު، ކޮންމެ ސުކޫކެއްގެ މޫނުމަތީ އަގަކީ
1000 ރުފިޔާ އެވެ. އެ ސުކޫކު އިޝޫއިން ލިބޭ ފައިސާ އެމްއެޗްއޭ ޕްރޮމެނާޑް ތަރައްގީ ކުރުމަށް ބޭނުންކުރާނެ އެވެ. މިއީ ހުޅުމާލޭގައި އެމްއެޗްއޭގެ ރިޓެއިލް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންތައް
ފުޅާކުރުމަށް ތަރައްގީކުރާ ކޮމާޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެކެވެ.

އެ އިމާރާތުގައި ހޯލްސޭލް އަދި ޑިސްޓްރިބިއުޝަން ސެންޓަރުތައް، ޝޯރޫމް އައުޓްލެޓްތައް، ސްޓޯރޭޖް
ފެސިލިޓީސް އަދި އޮފީސް ޖާގަތައް ހިމެނޭނެ އެވެ. މިއީ އެމްއެޗްއޭގެ ފުޅާވަމުންދާ އޮޕަރޭޝަންތަކަށް
ހާއްސަކޮށްގެން ތަރައްގީކުރާ މަޝްރޫއެކެވެ.

ސުކޫކު އިޝޫ ކާމިޔާބުކަމާ އެކު ނިންމާލެވުމާ
ގުޅިގެން އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވީ، އެމްއެޗްއޭ އިން އަބަދުވެސް
މަސައްކަތްކޮށްފައިވަނީ ކަސްޓަމަރުންގެ ގަޔާވާ، ފެންވަރު ރަގަޅު ހިދުމަތެއް ދިނުމަށް ކަމަށާއި އާބާދީއަށް އައި ބަދަލުތަކާ އެކު އާއިލާ އާއި ރައްޓެހިން އަދި ކޮމިއުނިޓީ ވަގުތު
ހޭދަކޮށްލަން ދާނެ ހިތްގައިމު ތަންތަން ބޭނުންވާ ކަމަށެވެ.


"އެމްއެޗްއޭ ޕްރޮމެނޭޑް ތަރައްގީކުރެވެނީ މި ހިޔާލާއެކު، އާއިލާތަކަށް މުހިންމުކަންދޭ، ޒަމާނީ
ތަނެއްގެ ގޮތުގައި، މީހުން އެއްތަނަކަށް ޖަމާވެ، ގުޅުންތައް ބަދަހިކޮށް، ވަގުތުކޮޅެއް
އެކުއެކީގައި ހޭދަކުރެވޭ މަންޒިލެއްގެ ގޮތުގައި. މި ސުކޫކު އިޝޫ
ކާމިޔާބުކަމާއެކު ނިންމާލެވުން މި ކުންފުންޏާމެދު އިންވެސްޓަރުން އިތުބާރު ކުރަ
މިންވަރު ދައްކައިދޭ،" އޭނާ ވިދާޅުވި އެވެ.