19 އެޕްރީލް 2017 - 11:51

އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު މުހިއްމު މެޗެއް އޮތަސް މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް އޮތީ އޭއެފްސީ ކަޕުގައި މިއަދު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އިންޑިއާގެ މޯހަން ބަގާންގެ ކޯޗު ސަންޖޯއީ ސެން ބުނެފި އެވެ.
"މިވަގުތު އައި-ލީގަކީ އަހަރެންގެ ބޮލުގެ ރިހުމެއް ނޫން. އޭއެފްސީ ކަޕް މެޗެއް މިއޮތީ ބޯމަތީގައި. މިވަގުތު އަހަރެން ބޮޑަށް ސަމާލުކަން ދެނީ އެ މެޗަށް. ބަދަލުތަކެއް ފެންނާނެ. އެކަމަކު މި މެޗަކީ ލީގު މެޗަށް އޮތް ހުރަހެއް ނޫން،" ސަންޖޯއީ ބުންޏެވެ.
އޭނާ ބުނީ މި މެޗު ކުޅެން ޖެހޭކަން އެނގޭ ކަމަށާއި މި މެޗަށް ސިކުނޑި ތައްޔާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް މުހިއްމު މެޗެއް އޮތަސް މައްސަލައެއް ދިމާނުވާނެ ކަމަށް އޭނާ ބުންޏެވެ.
ސަންޖޯއީ ބުނީ ލޫދިއާނާގައި ހޮނިހިރު ދުވަހު ކުޅުނު މެޗަށް ފަހު އެނބުރި ކަލްކަތާ އަށް އައިސް އިއްޔެ ހެނދުނު ޕްރެކްޓިސް ކުރިއިރު، ބިދޭސީ ކުޅުންތެރިންނާއި އިންޑިއާ ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނީ ވަރުބަލިކަން ބޮޑުވުމުން ކަމަށެވެ.
މި މެޗުގައި ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދޭނެތޯ އެހުމުން ސީދާ ޖަވާބެއް ނުދެ އެވެ. އޭނާ ބުނީ މިއަދު އަރާ ޓީމު ވެސް ވަރުގަދަވާނެ ކަމަށެވެ.
ސަންޖޯއީ ބުނީ މި މެޗުގެ ނަތީޖާ އިން ގްރޫޕުގެ މަގާމްތައް ކަށަވަރުނުވާނެ ކަމަށައި އެކަމަކު މިއީ އެންމެ މުހިއްމު އެއް މެޗު ކަމަށެވެ.
މި މެޗާ ކުރިމަތިލާއިރު ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. މާޒިޔާ އާއި ބަގާން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ބަގާން އެވެ. އަބަހާނީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. އަނެއް ބުރަށް ހޮވޭނީ އެއް ވަނަ ޓީމެވެ.