ޓިކްޓޮކް ލައިވް ޖައްސައިގެން ހުރެ އެކި ބާވަތްތައް ހަދައި އެ ވިޔަފާރި އާއްމުންނަށް ޕްރޮމޯޓްކޮށް، ކަސްޓަމަރުންނަށް އެތައް ބާވަތެއް ކޮންމެ ދުވަހަކު ފޮނުވާއިރު ފެންނަނީ އޭނާގެ ރެ އާއި ދުވާލުގެ މަސައްކަތެވެ. އުފުލާ މިބުރައިން ފާތުމަތު ލީޝާ ކާމިޔާބު މީހަކަށް ވި ގޮތް އޮތީ ނޭނގި އެވެ.
އޭނާ ފަށަން ޖެހުނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރެއިންނެވެ. ފުރަތަމަ ކައިވެނީގައި އެ ލިބުނު ވޭނާ ދުރަށް ދާން ވިސްނިއިރު، ގިރާކުރަން ޖެހުނު ހުރަސްތައް ގިނަ އެވެ. އެކަނި ދަރިން ބަލަން، މާލީ ގޮތުން އޭނާގެ ހާލަތު ދަށެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އޮތީ ދަރިންގެ ކުރިމަގެވެ. އުފަން ރަށް ށ. މިލަންދޫ ދޫކޮށް ދެ އަންހެން ދަރިންނާ އެކު ލީޝާ މާލެ ބަދަލުވުމަކީ އޭނާގެ ދިރިއުޅުމުގައި ނެގި ވަރަށް ބޮޑު ރިސްކެކެވެ.
ބައިބޯ މާލެއަށް ދަރިންނާ އެކު އޭނާ އައީ ހުސްއަތާ އެވެ. އެކަމަކު ކުރިއަށްދާންވީ ގޮތް އޮތީ ވަރަށް ބޮޑަށް ޕްލޭންކޮށްފަ އެވެ. ދެން ޖެހުނީ އެ ހިސާބަށް ދާން 24 ގަޑިއިރު މަސައްކަތް ކުރާށެވެ. ސުމަކުން ފެށި ނަމަވެސް ލީޝާއަކީ ވިޔަފާރީގައި މިހާރު މާލޭގައި މަޝްހޫރު ނަމެކެވެ. ކޮވިޑުގެ ދުވަސްވަރު "3ލީ" އުފަންކޮށް، އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެ އެވެ.
ލީޝާ "މިހާރު" އަށް ކިޔައިން ގޮތުގައި އޭނާ މާލެއަށް ބަދަލުވިއިރު އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅަށް 12 އަހަރެވެ. އަދި ހަގު ދަރިފުޅުގެ އުމުރަކީ އަށް އަހަރެވެ. އެހެންވެ، އެ ކުދިން ގޭގައި އެކަނި ބައިތިއްބާފައި ވަޒީފާއަކަށް ދިއުމުގެ ބަދަލުގައި އޭނާ ބެލީ ގޭގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތެކެވެ.

ލީޝާ، އޭނާގެ ފިހާރައިގައި ހުރި ބައެއް ސާމާނު ދައްކާލަނީ-- ފޮޓޯ: އަހްމަދު އަޒާން
ގޭގައި ކުދިން ބައިތިއްބައިގެން ބަލަމުން ދެން ފެށީ މީރުކޮށް ބޯވަ ހަދައި ޕެކްކޮށްގެންނާއި ރިހާކުރު ހަދައިގެން ވިއްކާށެވެ. އޭނާގެ ގޭގައި ފުރަތަމަ ތިބީ އަށް ކުދިންނެވެ. އެ ކުދިންނަށް ކައްކައި ކާންދީ، އެއްޗެހި ދޮވެދެ އެވެ. އެ މަސައްކަތަށްފަހު ލިބޭ ވަގުތުތަކުގައި ބޯވަ ޕެކު ހަދައިގެން ވިއްކަމުން ގޮސް، ރިހާކުރު ގަނެގެން، އެ ވެސް ވިއްކަން ފެށި އެވެ.
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ކުރަމުން އައި އެ ވިޔަފާރި އޭރު ވެސް އޮތީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފަ އެވެ.
ކޮވިޑުގެ ބަލި ރާއްޖޭގައި ވެސް ފެތުރި މުޅި ގައުމު ލޮކްޑައުންކުރި ދުވަހަކީ މި ވިޔަފާރި ފުޅާވުމުގެ ފުރަތަމަ ފިޔަވަޅެވެ. ވިޔަފާރި ރަޖިސްޓްރީކޮށްގެން ހިންގުމުގެ ފައިދާއަކީ އެ ދަނޑިވަޅުގައި ވެސް ގެއިންބޭރަށް ނުކުމެ، އެއްޗެހި ޑެލިވަރީކުރަން އޭނާއަށް ހުއްދަ ލިބިފައި އޮތުމެވެ.
ލީޝާ ބުނީ ލޮކްޑައުންކުރި ދުވަހު، އެ މީހުން ވިއްކަމުން އައި ރިހާކުރު އެއްކޮށް ހުސްވި ކަމަށެވެ.
"ލޮކްޑައުން އައިމަ މި ވިޔަފާރި ވަރަށް ފުޅާވި. ވައިރަލްވި ވިޔަފާރި. އޭރު އަޅުގަނޑުމެން ފޭސްބުކްގައި ޖަހައިގެން ކޮވިޑު ތެރޭގައި ފުރަތަމަ ރިހާކުރު. ލޮކްޑައުންކުރި ދުވަހު އަޅުގަނޑުމެންގެ އަތުގައި ހުރި ރިހާކުރު އެ ދުވަހުން ދުވަހަށް ހުސްވެގެން ދިޔައީ،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ އަތުގައި އޭރު ވެސް ވިޔަފާރި ރަޖިސްޓްރީ ކޮށްފައި އޮތީމަ ލޮކްޑައުންގައި ލިބުނު ހުއްދަ، އެއްޗެހި ޑެލިވަރީކުރަން ދާން. އެއީ އެންމެ ބޮޑަށް ފަހިވި ކަމަކީ ބޭރަށް ގޮސް މީހުންނަށް ދޮރުން ދޮރަށް ހަވާލުކޮށްލަން ފުރުސަތު ލިބުމުން. ދެން އޭގެ ފަހުން ކޮންޓިނިއުކޮށް މީތި މި ދަނީ،"

ފިހާރައިން ލިބޭ ތަކެތި ދައްކާލަނީ: މިއީ ށ. މިލަންދޫއަށް ހާއްސަ ހަވާދެއް ކަމަށް ލީޝާ ބުނޭ. ފޮޓޯ: އަހްމަދު އަޒާން | މިހާރު
ލީޝާގެ މި ވިޔަފާރީގެ އެންމެ ހާއްސަކަމަކީ އޭނާ ވިއްކަމުން އަންނަ ހުރިހާ އެއްޗިއްސަކީ ވެސް ދިވެހި އުފެއްދުންތަކަށް ވުމެވެ. އެކި ރަށްރަށުގައި ދިވެހިން ތައްޔާރުކުރާ މި ސާމާނުތައް ގަނެގެން އެ އެއްޗެހި އޭނާ އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ރަށްރަށުގައި މަޝްހޫރު ސާމާނު ހިމެނެ އެވެ. މިހާރު "3ލީ" ގެ ދަށުން 60-70 އައިޓަމް އެބަ ވިއްކަ އެވެ.
އޭގެ ތެރޭގައި ހދ. ނެއްލައިދޫ މެޓާގަނޑާއި ޅ. ހިންނަވަރު އަތުޖެހި އާއި ފުވައްމުލަކުގެ މަޝްހޫރު އަލަ ފަދަ ތަކެތި ހިމެނެ އެވެ. އެތަނުން ކުދި ގުޅަ، ބަޖިޔާ، އަތުޖެހި، ތެލުލިފަތް، އާދައިގެ ރިހާކުރު، ތެލުލި ރިހާކުރު، ދިޔާހަކުރު، މަސް ރިހަ ހަވާދު، ލޮނު މިރުސް، މަސް މިރުސް، ތެލުލި ބަނބުކެޔޮ، ބޮނޑި، އެކި ކަހަލަ އަލަ އަދި ކާޖާގެ ބާވަތްތައް ވެސް ހިމެނެ އެވެ.
މި ވިޔަފާރިއަށް ފިހާރައެއް ހުޅުވުމުގެ ކުރިން އެ ތަކެތި ވިއްކީ ސީދާ އޭނާގެ ގެއިންނެވެ. ނުވަތަ ވަކި ވަރަކަށްވުރެ މަތިން ވިޔަފާރި ކުރުމުން ޑެލިވަރީކޮށްދޭ ގޮތަށެވެ.
ލީޝާ ބުނި ގޮތުގައި ގޭތެރޭގައި ހިންގޭ ވަރަށް ވުރެ ސާމާނު ގިނަވެ، އެންމެ ފަހުން ތަންކޮޅެއް ކުއްޔަށް ނަގައިގެން ފިހާރައެއް ހިންގަން ފެށީ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ހުޅުވި މި ފިހާރައަކީ މިވަގުތު މާލޭގައި ހުރި މިފަދަ ހަމައެކަނި ފިހާރަ އެވެ. އެތަނުގައި ލިބެނީ ހުސް ދިވެހި އުފެއްދުންތަކެެވެ.

ލީޝާ، އޭނާގެ ފިހާރައިގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ-- ފޮޓޯ: އަހްމަދު އަޒާން | މިހާރު
"ކުރިން އަޅުގަނޑުމެން އުޅުނީ ތިން ވަނަ ފްލޯގައި ކަމަށްވެފައި ބައެއް މީހުން އަންނާނެ ގެއަށް. އެކަމަކު އެހާ މައްޗަށްވީމަ ބައެއް މީހުންނަކަށް ނޭރޭނެ. ގްރައުންޑް ފްލޯ އިން ތަންކޮޅެއް ލިބުނީމަ ފިހާރައެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ދުވަސްވީ މީހުންނަށް ވެސް އައިސް މިތާ ހުރި އެއްޗެހި ބަލައި އެ އެއްޗެހި ގަންނަން ފުރުސަތު ދިނުން،"
މި ވިޔަފާރި އެންމެ ފުރަތަމަ ފެށީ އެކި ރަށްރަށުން ހުރިހާ އެއްޗެއް ގެނެސްގެން ނަމަވެސް، މިހާރު އެތަނުގައި ހުންނަ އެކި ބާވަތްތަކުގެ ކާއެއްޗެހި އުފައްދަނީ އޭނާ އަމިއްލައަށް ގޭގަ އެވެ. އެގޮތަށް އެކަން ކުރަންޖެހުނީ އެކި ފަހަރު އެކި އަގުގައި ގަންނަން ޖެހޭތީ ކަމަށް ލީޝާ ބުންޏެވެ.
"މިހާރު މީގައި ދިމާވާ މައްސަލައަކީ އަޅުގަނޑު، މިސާލަކަށް އިތުބާރުކޮށްފައި ވާހަކަ ދައްކާފައި ކަމެއް ފަށާއިރަށް ބުނެފާނެ 800 އަށޭ. އެކަމަކު މަހެއް ދެ މަހެއް ކޮންޓިނިއުކޮށް ގެނެސްފައި އިތުރުކުރަމުން އައިމަ ވާނެ ގޮތަކީ އެމީހުންނަށް އިތުބާރެއް ލިބުނީމަ ތެޔޮ އަގު ބޮޑުވެއްޖެއްޔޭ ނޫނީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ދެން ދޭނީ 950ރ. އަށް،"
"އެކަމަކު ފިހާރައިގައި އަޅުގަނޑުމެންނަށް ހަމަ ޓަސްލާފައި އެހެން އަގެއް ބޮޑެެއް ނުކުރެވޭނެ. އެހެންވީމަ ޕްރައިޒަށް އަންނަ ޗޭންޖާ ހެދީ މި ޖެހެނީ އަމިއްލައަށް އުފައްދަން ފަށަން،" އުމުރުން 38 އަހަރުގެ ލީޝާ ބުންޏެވެ.

3ލީގައި ހުރި ހުރިހާ ބާވަތެއްގެ އަސާރައަކީ ވެސް ލީޝާ ތައްޔާރުކޮށްފައިވާ އަސާރަ.-- ފޮޓޯ: އަހްމަދު އަޒާން | މިހާރު
"އެހެންވެ، މަސް މިރުުހާއި ހުރިހާ ވައްތަރެއްގެ އަސާރަ އާއި އަލުވި ސަމްބޯލް އާއި މަސް ސަމްބޯލާއި ކުޅި ކާޖާ، މުރުމުރު، އަތުޖެހި، ރިހާކުރު ގުޅަ، ހިންނަވަރުން ގެންނަން ގުޅަ، ކުރިން ހުރިހާ އެއްޗެއް ގަނެގެން ގެންނަނީ. މިހާރު އަމިއްލައަށް އުފައްދަނީ،" ގޭތެރެ ސާފުކުރުމުގެ ކަންކަމުގައި އެހީވުމަށް ދެތިން މީހަކު ގެންގުޅޭކަން ފާހަގަކޮށް އޭނާ ބުންޏެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ހަތަރު އަހަރު ވަންދެން ކުރި ލީޝާ ބުނާ ގޮތުގައި ކެއްކުމަކީ އޭނާއަށް މާބޮޑު ބުރައެއް ނޫނެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ހެނދުނު 5:30 ގައި ހޭލާ ގޮތަށް އޭނާއަށް ނިދެނީ ދަންވަރު 1 ވެސް ޖަހާ ފަހުންނެވެ.
މިހާރު އޭނާ ތިރީހަކަށް ކުދިން ވެސް ގޭގައި ގެންގުޅެ އެވެ. އެ ކުދިންނަށް ކައްކާއި ކާންދެމުން ދަރިންގެ ކަންކަން ވެސް ބަލަމުން، ފިހާރަ ހިންގަމުން އަންނައިރު އެ ވިޔަފާރީގެ ކަންކަމުގައި ދަރިންނާއި މިހާރުގެ ފިރިމީހާގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބެ އެވެ.
އާންމުކޮށް ގޭގެ މަސައްކަތުގައި ހެނދުނު އަވަދިނެތި ލީޝާ އުޅޭއިރު ފިހާރަ ހުޅުވަނީ އޭނާގެ ދަރިންނެވެ. އެތަނުގައި ގިނައިން ތިބެނީ ވެސް އޭނާގެ ދަރިންނެވެ. އަދި އޭނާގެ މައިންބަފައިންނާއި އާއިލާގެ މީހުންގެ ފަރާތުން ވެސް އެކަމުގައި އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކަށް ހާއްސަ ނާރު ފަލޫދާ: އެކި ރަށްރަށަށް ހާއްސަ ތަކެތި މި ފިހާރައިން ލިބެން ހުރޭ..- ފޮޓޯ: އަހްމަދު އަޒާން | މިހާރު
އެ ވިޔަފާރި ދާ ގޮތާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. އޭގެއިން ލިބޭ އެއްޗަކުން ކައިގެން ބޮއެގެން އުޅެވޭ ކަމަށާއި ގޭގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ކަަމަށް އޭނާ ކިޔައިދެ އެވެ.
"މިއީ ވަރަށް މަސައްކަތް. މި މީހުންނަށް ފެންނާނީ ވަރަށް ސިމްޕަލް ކަންކަން. އެކަމަކު އެ ހުރިހާ ކަމަކާ ވެސް ކުރިމަތިލައިގެން އައިސް މިތިބީ. އަދި މިހާ ބުރަކޮށް އުޅެމުން އަޅުގަނޑުމެން ސޯޝަލް މީޑިއާގައި ވެސް ވަރަށް އެކްޓިވްކޮށް އުޅެނީ. ވަރަށް ގަދައަށް އިޝްތިހާރު ޖައްސަން، ވީޑިއޯ ހަދައިގެން އަމިއްލައަށް ވެސް އަޑުއަޅަން،"
މާލޭގައި މިކަހަލަ އެއްވެސް ފިހާރައެއް ނުހުރޭ. ސީދާ ހަމައެކަނި ދިވެހި އެއްޗެހި. ބައެއް މީހުން މިވެނި އެއްޗެހި ލާން ބޭނުންވޭ. އެކަމަކު އަޅުގަނޑު މި ބުނަނީ އަސްލު ބޭނުން ކެނޑޭނެއޭ. އަސްލު ބޭނުމަކީ ހަމައެކަނި ދިވެހި އެއްޗެހި ލިބޭ ތަނެއްގެ ގޮތުގައި ހެދުން. އެެހެން ކަހަލަ އެއޗެހި ލީމަ ޝައުގުވެރިކަން ގެއްލޭނެއޭ އަޅުގަނޑު ހިތަށް އަރަނީ،
އޭނާގެ ކުރާ މި ވިޔަފާރިއަށް ރަށްރަށުން ވެސް އޯޑަރު ލިބެ އެވެ. ލީޝާ ބުނާ ގޮތުގައި ތެލުލިފަތް ކަހަލަ އެއްޗެއްސަށް އެންމެ ގިނައިން އޯޑަރުތައް ލިބެނީ ވެސް ރަށްރަށުންނެވެ.

3ލީ ފިހާރައިގައި ދިވެހި އެކި އުފެއްދުންތައް ހުރޭ.-- ފޮޓޯ: އަހްމަދު އަޒާން | މިހާރު
މި މަސައްކަތުގައި އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑެލިވަރީ ކުރުމުގައި ދިމާވާ ދައްޗެވެ. ވަރަށް ވަގުތު ހުސްކޮށް ޑެލިވަރީ ކުރުމުގައި ޓީމުން ހަރަކާތްތެރިވާއިރު އޯޑަރު ހިފައިގެން ދިއުމުން މީހުން ފޯނު ނުުނަގައި މައްސަލަތައް ބޮޑު ކަމަށް އޭނާ ބުންޏެވެ. އެހެންވެ، މަސައްކަތަށް ހުރަސް އެޅޭކަން ފާހަގަކުރި އެވެ.
"ޑެލިވަރީ ވަރަށް އުނދަގޫވޭ. 60 ޕަސެންޓް ޑެލިވަރީ. 40 ޕަސެންޓް މީހުން އަންނާނެ ފިހާރައަށް. ޑެލިވަރީގައި މާލޭގައި އުނދަގޫވާނެ. ވަރަށް ޓައިމް ނަގައިގެން އެކަމަށް ހުސްވެގެން ދިޔައިމަ ފޯނެއް ނުނަގަނާނެ. ދެން ހުރިހާ ޑެލިވަރީއެއް ކޮށްފައި ގެއަށް އަންނަ ފަހުން ބުނާނީ ނިދިފައޭ، ފޯނު ޗާޖަށް ޖަހާފައޭ. އެކަހަލަ ކަންކަން ދިމާވާތީ އެކަންކަން ރަނގަޅުކޮށްލަން އަސްލު ބޭނުންވޭ،"
އެ އުނދަގޫތައް ވެސް ހުރަސްކޮށް ފަސް ޖެހުމެއް ނެތި ކުރިއަށް ދިއުމުގެ ނަތީޖާއަކީ ލީޝާ މިއަދު ހޯދާފައިވާ ކާމިޔާބީ އެވެ. އެ ވިޔަފާރިއަށް އޮތް މީހުންގެ ތަރުހީބާއި އާއިލާ އިން ދޭ ހިތްވަރަކީ އެކަމައިގެން ކުރިއަށް ދިއުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު އެހީ އެވެ.
"މި ކާމިޔަބުކުރެވުނީ ވަރަށް ގިނަ މީހުންގެ އެހީގައި. ބައްޕަމެން މަންމަމެން. ދަރިން ސަޕޯޓު ވަރަށް ބޮޑު. އަޅުގަނޑުމެންގެ ކަސްޓަމަރުން ދޭ އިތުބާރު. އޯޑަރުތަކަށް ދިވެހި ކެއުން ވެސް ތައްޔާރުކޮށްދެން. ބޮޑެތި އޯޑަރު ނަގައިދެން. އާއިލާ މީހުން ވެސް އަންނާނެ ގުޅާފައި ބުނީމަ އެހީވާން،"
"ޑިވޯސް ވެގެން ވަރަށް ހާލުގައި ވެސް އުޅުނިން. އެކަމަކު މިއަދު އަހަރެން މިއޮތީ ކާމިޔާބުކޮށްފައި. މިއަދު މިއޮތީ ދައްކާފައި އަންހެނަކަށް ވެސް ކުރެވިދާނެކަން. ހިތްވަރުކަން ބޭނުންވަނީ."
ލީޝާ މި ދައްކައިދެނީ އެތައް ބަޔަކަށް މިސާލެކެވެ. ސުމަކުން ފަށައިގެން ވެސް ކުރިއަށް ދެވިދާނެ ކަމެކެވެ.