19 އެޕްރީލް 2017 - 11:57

ވޮޝިންޓަން (އެޕްރީލް 19) - އަނިޔާވެރި އަމަލުތައް ހިންގާ އެ އަމަލުތަކުގެ ވީޑިއޯލާން ފޭސްބުކް ދެން ބޭނުން ނުކުރެވޭނެ ކަމަށް ސީއީއޯ މާކް ޒުކަބާގު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އެމެރިކާ މީހަކު އޭނާގެ 74 އަހަރުގެ ކާފަ މަރާލުމަށް ފަހު އެ ވީޑިއޯ ފޭސްބުކަށް އަޕްލޯޑް ކުރި މައްސަލަ އަށް އިޝާރާތް ކުރައްވައިފަ އެވެ. އަދި އެ މީހާ ވަނީ އެހެން މީހުން ވެސް މަރާފައިވާ ކަމަށް ފަޚުރުވެރިކަމާ އެކު ފޭސްބުކް ލައިވްގައި ބުނެފަ އެވެ. ފުލުހުން ފަހުން ބުނެފައި ވަނީ ކާފަ މަރާލި ސްޓީވް ސްޓެފަން، 37، އަމިއްލަ އަށް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ފޭސްބުކުން ބުނެފައި ވަނީ އެ ވީޑިއޯ ނަގާފައިވާ ކަމަށެވެ.
ފޭސްބުކުން އަހަރަކު އެއް ފަހަރު ބާއްވާ އެފް8 ޑިވެލޮޕާސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޒުކަބާކު ވަނީ ހިތާމަވެރި ހާދިސާގައި މަރާލި ރޮބަޓް ގޮޑްވިންގެ އާއިލާއާ އެކު "އަހަރެމެންގެ ހިތްތައްވާ" ކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި. މި ބާވަތުގެ ހިތާމަވެރި ހާދިސާތައް ފޭސްބުކުން ދެއްކުން ހުއްޓުވޭނެ ގޮތް ހަދާނަން،" ސިލިކަން ވެލީގައި ބާއްވާ ކޮންފަރެންސްގައި ޒުކަބާގު ވިދާޅުވި އެވެ.