ލިސްޓުގައި ސޮއި ނުކުރިޔަސް އިންތިޚާބު ބޭއްވޭނެ: އިލެކްޝަންސް
ލިސްޓުގައި ސޮއި ނުކުރިޔަސް އިންތިޚާބު ބޭއްވޭނެ: އިލެކްޝަންސް

ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުން ސޮއި ނުކުރި ކަމުގައި ވިޔަސް، އެ އިންތިޚާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ލިސްޓުގައި ސޮއި ނުކުރިޔަސް އިންތިޚާބު ބޭއްވޭނެ: އިލެކްޝަންސް
ލިސްޓުގައި ސޮއި ނުކުރިޔަސް އިންތިޚާބު ބޭއްވޭނެ: އިލެކްޝަންސް

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު މިހާރު ވާނީ، ކެންޑިޑޭޓުންނަށާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކަށް ދީފަ އެވެ. އަދި އެކަން އާންމުކޮށް އިއުލާންކޮށްފައިވާ އިރު، އެ ފަރާތްތަކުން ލިސްޓުގައި ސޮއި ނުކުރި ކަމުގައި ވިޔަސް އިންތިޚާބު ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ މަހުގެ 6 ގައި ބާއްވާ ލާމަރުކަޒީ އިންތިޚާބުގައި ވޯޓު ލާ މީހުންގެ ލިސްޓު އާންމު ކުރުމަށް ފަހު، އެ ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ހުޅުވާލައިފަ އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ އެ ލިސްޓުތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދައިފަ އެވެ. އެމްޑީޕީން ބުނީ ވޯޓު ލާ މީހުންގެ ލިސްޓު އާއްމު ކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނަންބަރު ނޭނގޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް ގަބޫލުނުކުރެވޭތީ އެ ލިސްޓުގައި ސޮއިކުރަން ދަތި ކަމަށް އެ ޕާޓީން ބުނެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ސޮއި ކުރަން ދިނީ ތިން ލިސްޓެއް ކަމަށްވެފައި އޭގެ ތެރެއިން ބައެއް ލިސްޓުގައި އައިޑީކާޑު ނަންބަރު ފަދަ މުހިންމު މައުލޫމާތުތައް ނެތީމާ "ވޯޓާސް ލިސްޓުގައި ސޮއި ކުރަން އަޅުގަނޑުމެން އުޒުރުވެރިވަން" ކަމަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ދިނުމަށް ފަހު، އެ ފަރާތްތަކުން ސޮއި ނުކުރުމަކީ އިންތިޚާބު ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި މި އޮންނަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުން ސޮއިކޮށް، އެއީ ސައްހަ ލިސްޓެއް ކަން ކަށަވަރުކޮށްފައި އޮންނަ ލިސްޓެކޭ ވޯޓު ލާ މަރުކަޒުގައި އޮންނަން ވާނީ. ދެން އަޅުގަނޑުމެންނަށް ދިމާވި ޗެލެންޖަކީ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްގެން އިންތިހާބު ބޭއްވުމަކީ ނުކުރެވޭނެ ކަމަކަށްވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި،" އަހްމަދު އަލީ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެ ފަހަރު ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީމާ އަޅުގަނޑުމެންގެ މައްޗަށް އަމުރެއް ނެރެދެއްވާފައި އެބަ އޮތް. އެ އަމުރުގައި މި އޮންނަނީ ގައިޑްލައިންގައި އެ ބުނާ ގޮތަށް އެކަން ކުރުމަށްޓަކައި އެ ފުރުސަތު އާންމުކޮށް ހުރިހާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުޅުވާލައި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް އެކަން އެންގުމަށް ފަހު، އެ ފަރާތްތަކުން ވަޑައިގެން ލިސްޓުގައި ސޮއި ނުކުރެއްވުމަކީ އިންތިޚާބު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް އޮތް ހުރަހެއް ނޫން ކަމަށް."

އޭނާ ވިދާޅުވީ 2014 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ނެރުނު އަމުރުގައި، ސޮއި ކުރުމުގެ ފުރުސަތު ދިނުމަށް ފަހު އެ ބޭފުޅުން ސޮއި ނުކުރައްވައިފި ކަމަށް ވަންޏާ އިލެކްޝަންސް ކޮމިޝަނަށް އިންތިޚާބު ކުރިއަށް ގެންދެވޭނެ ކަމަށް "ހަމަ ސީދާ ކަނޑައެޅިގެން މުތުލަގަށް ބުނެފައި އެބަ އޮތް" ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓު ލާ މީހުންގެ ލިސްޓު އާންމު ކުރާ އިރު އެ ލިސްޓުގައި މީހުންގެ އައިޑީ ކާޑު ނަންބަރު ފަދަ މައުލޫމާތު ހިމަނަން، ސުޕްރީމް ކޯޓުގެ ގައިޑް ލައިނުން ލާޒިމް ނުކުރާ ކަމަށެވެ.

"ގައިޑްލައިންގެ އެއްވެސް ތަނެއްގައި ނޯންނާނެ އާންމުކުރާ ނުވަތަ ގެޒެޓް ކުރާ ލިސްޓުގައި ހިމަނަންޖެހޭ މައުލޫމާތުގެ ވާހަކައެއް. އާންމުކުރާ ލިސްޓުގައި ލާޒިމެއް ނުކުރާނެ، ވޯޓު ލާ މީހުންގެ އައިޑީކާޑު ނަންބަރާއި އުފަން ތާރީޚާ މީހާގެ ޒާތީ މައުލޫމާތު އާންމު ކުރާކަށް. އެހެންވީމާ އާންމު ކުރާ އެއްވެސް ލިސްޓެއްގައި އަޅުގަނޑުމެން އެ މައުލޫމާތެއް ނުހިމަނަން،" އަހްމަދު އަލީ ވިދާޅުވި އެވެ.

"އެކަމަކު ކެންޑިޑޭޓުންނާއި މަންދޫބުން ސޮއި ކުރުމަށް މި ހުޅުވައިލި ލިސްޓުތަކުގައި ހުންނާނެ އެ ހުރިހާ މައުލޫމާތެއް. ހަމައެއާ އެއްކޮށް ގައިޑްލައިންގައި އަޅުގަނޑުމެންނަށް ލާޒިމް ކޮށްފައި އޮންނާނީ ވޯޓުލާ މަރުކަޒުގައި އާންމުކުރާ ލިސްޓާއި މަރުކަޒުގައި ބޭނުންކުރާ ލިސްޓުގައި އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާ މި ތިން މައުލޫމާތު އޮންނަން ޖެހޭނެ ކަމަށް."

އެހެންވީމާ މަރުކަޒުގައި އާންމުކުރާ ލިސްޓާއި ވޯޓު ލާ މަރުކަޒުގެ އެތެރޭގައި ބޭނުންކުރާ ލިސްޓުގައި ވެސް އެ ހުރިހާ މައުލޫމާތެއް ބަރާބަރަށް ހުންނާނެ ކަމަށް އަހްމަދު ވިދާޅުވި އެވެ. އެހެންވީމާ އާންމުކުރާ ލިސްޓުގައި އެ މައުލޫމާތު ނެތް ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުން މައްސަލަ ޖެއްސިޔަސް، އެއީކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި އޮންނާނެ އާންމުކުރާ ލިސްޓުގައި ހިމަނަންޖެހޭ މައުލޫމާތުގެ ތެރޭގައި އޮންނާނީ އެމީހާގެ ނަމާއި ދާއިމީ އެޑްރެހާ އެކަނި. އުފަން ތާރީޚެއް ވެސް އައިޑީ ކާޑު ނަންބަރެއް ވެސް ނޯންނާނެ ޖަހާކަށް."

އަހްމަދު އަލީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންތައްތަކާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުތަކުން ލާޒިމް ކުރާ ކަންތައް ބައެއް މީހުންނަށް އޮޅިފައިވާ ކަމަށެވެ.