ދިރާގު މާލެ އޯޕަން 2026، ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންނާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފި އެވެ.

މިއީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަ ސްވިމިން މުބާރާތެވެ.

މި މަހުގެ 21 އިން 22 އަށް މާލޭ ރަސްފަންނު
ސަރަހައްދުގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފެތުންތެރިން ބައިވެރިވެފަ އެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ބޭނުމަކީ ރާއްޖޭގައި އޯޕަން ވޯޓަ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ
ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މާލޭ އޯޕަންގެ ބައިވެރިން. އެ ފެތުމުގެ ރޭސް ބޭއްވީ މިދިޔަ ހަފްތާ ބަންދުގައި -- ފޮޓޯ: ދިރާގު

ދިރާގު މާލޭ އޯޕަންގެ ބައިވެރިން. އެ ފެތުމުގެ ރޭސް ބޭއްވީ މިދިޔަ ހަފްތާ ބަންދުގައި -- ފޮޓޯ: ދިރާގު

އުމުރުން 6 އަހަރާއި 79 އަހަރާ
ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން މި މުބާރާތުގައި ބައިވެރިވި އެވެ. އެ މުބާރާތުގައި ކުރިއަށް
ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.  މި އަހަރުގެ މުބާރާތުގައި އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ
ކެޓަގަރީ ވެގެންދިޔައީ ރަހުމަތްތެރިންނާއި، އާއިލާއާއެކު، އަދި ފެތުމުގެ
ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ސްވިމް މޯލްޑިވްސްގެ އަމާޒާ
އެއްގޮތަށް، އެ މުބާރާތް ކުރިއަށް ގެންދިޔައީ  އެކި އުމުރުފުރާތަކުގެ ތަފާތު ފެންވަރުގެ ފެތުންތެރިން، ބައިވެރިވެވޭނެ ގޮތަށް ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލީޓުންނާއި ޕެރަ-ސްވިމަރުން އެހެން ބައިވެރިންނާ އެކު އެކި ދުރުމިންތަކުގެ ރޭސްތައް ކާމިޔާބުކަމާ އެކު
ފުރިހަމަ ކުރި ކަމަށް ދިރާގުން ބުންޏެވެ.

ފެތުމުގެ މުބާރާތް ކުރިއަށްދިޔަ ސަރަހައްދު. އެކި އުމުރުފުރާގެ ފެތުންތެރިން ބައިވެރިވެފައިވޭ -- ފޮޓޯ: ދިރާގު

ފެތުމުގެ މުބާރާތް ކުރިއަށްދިޔަ ސަރަހައްދު. އެކި އުމުރުފުރާގެ ފެތުންތެރިން ބައިވެރިވެފައިވޭ -- ފޮޓޯ: ދިރާގު

ޒުވާން އަދި ތަޖުރިބާކާރު ގިނަ ފެތުންތެރިންތަކެއް
ފެނިގެންދިޔަ މި އަހަރުގެ ދިރާގު މާލެ އޯޕަން މުބާރާތުން ރާއްޖޭގައި މޫދު
ކުޅިވަރުތަކަށް އޮތް ލޯތްބާއި ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ
މިންވަރު ދައްކުވައިދިން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް
ބައިވެރިވެވޭގޮތަށް ބާއްވާ މިފަދަ ކުޅިވަރު ހަރަކާތްތަކަށް
ބާއްވަމުންނެވެ.