އާ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި، އަލަށް
ޕްރޮމޯޓްވި ހަލް ސިޓީ އަތުން 0-2 އިން ބަލިވި މެޗުން އެނގިގެން ދިޔައީ އަދިވެސް
ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭކަން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު
މައިކަލް ކެރިކް ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ޔުނައިޓެޑާ ހަވާލުވި
ކުރީގެ ކުޅުންތެރިޔާ ކެރިކުގެ ކޯޗުކަމުގައި ޔުނައިޓެޑުން އޭރު ކުޅުން ރަނގަޅުކުރި އެވެ.
އެހެންވެ ސަޕޯޓަރުން ތިބީ އާ ސީޒަނާމެދު އުއްމީދުގަ އެވެ. އެކަމަކު ސީޒަން ހުޅުވި މެޗުން
ބަލިވުމުން ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

"އަހަރެމެން މި މެޗަށް އައީ މޮޅުވާން. އެހެންވެ އެކަން ނުވުމަކީ ވަރަށް ބޮޑު
މާޔޫސްކަމެއް. އެކަމަކު އޭގެ މާނައެއް ނޫން ކްލަބުގެ އަމާޒު އެއްކޮށް
ބަދަލުވާނެކޭ،" ކެރިކް ބުންޏެވެ.

އެކަމަކު އޭނާ ބުނީ ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން
އެބަހުރި ކަމަށެވެ.

"އަހަންނަށް އެނގޭ ކުރިންވެސް ޓީމު ފުރިހަމަ ނޫންކަން. އަލަށް ޕްރޮމޯޓްވި
ޓީމެއްގެ އަތުން ފުރަތަމަ މެޗުން ބަލިވީމާ އެކަން މާބޮޑަށް ފާހަގަވެއްޖެ،" ކެރިކް
ބުންޏެވެ.

އޭނާ ބުނީ ހަފުތާގެ ތެރޭގައި ދެން އޮންނާނީ އެކަންކަން
ރަނގަޅުކުރުން ކަމަށެވެ.

"އެކަމަކު އެންމެ މެޗަކުން ބަލިވީމާ މުޅި ޓީމުގެ އަމާޒު ބަދަލެއް ނުވާނެ.
އަހަރެމެންގެ އަމާޒަކީ އެންމެ މައްޗަށް އެރުން. ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނަން،"

ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބުނީ ފުރަތަމަ
މެޗުން ބަލިވުމުން ސަޕޯޓަރުން މާޔޫސްވާނެކަން އެނގޭ ކަމަށާއި، އެކަމަކު އެދެނީ
ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެން ކަމަށެވެ.

ހަލް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ
ގޯލު ޖެހީ 17 ވަނަ މިނެޓުގައި ސެމީ އަޔާޖީ އެވެ. ދެ ވަނަ ގޯލު ފުރަތަމަ ހާފުގެ
ފަހުކޮޅު ޖެހީ ނޮބެލް މެންޑީ އެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޝަން ކިރިޔާ ސަލާމަތްވެ، އެކަމަކު
ބޮޑު ހަރަދެއްކޮށް ޓީމު ވަރުގަދަކުރި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ ފުރަތަމަ މެޗުން
ބްރެންފޯޑް އަތުން 3-0 އިން ބަލިވެފަ އެވެ.