19 އެޕްރީލް 2017 - 10:36

ވޮޝިންޓަން (އެޕްރީލް 19) - ކޮރެއާ ޕެނިންސުލާ އަށް ފޮނުވާފައިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ފްލީޓް ނޯތު ކޮރެއާއާ ދުރަށް ޖައްސަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ ނޭވީން މި މަހު 8 ވަނަ ދުވަހު ބުނެފައި ވަނީ ކާލް ވިންސަން ސްޓްރައިކް ގްރޫޕް ކޮރެއާ ޕެނިންސުލާ އަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިދިޔަ ހަފުތާގައި ވަނީ ކަނޑުގެ ސިފައިން ލަޝްކަރެއް ކޮރެއާ ޕެނިންސުލާ އަށް ފޮނުވާފައިވާކަން ޔަގީންކޮށްދެއްވައިފަ އެވެ. ނަމަވެސް ލަޝްކަރު މިހާރު ވަނީ ސުންޑާ ސްޓްރައިޓް އިން އިންޑިއާ ކަނޑަށް މިސްރާބު ޖަހައިފަ އެވެ.
އެމެރިކާ އިން މިހާރު ބުނަނީ ކަނޑުގެ ސިފައިންގެ ލަޝްކަރު އޮސްޓްރޭލިއާގައި ފުރަތަމަ ތަމްރީނު ފުރިހަމަކުރާނީ ކަމަށެވެ. އެމެރިކާ ސިފައިންގެ ޕެސިފިކް ކޮމާންޑުން ބުނީ މަނަރުތައް މިހާރު ވަނީ ވެސްޓަން ޕެސިފިކަށް ދިއުމަށް އަންގާފައި ކަމަށެވެ.
ނޯތު ކޮރެއާ އިން ދާދި ފަހުން ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން ކޮރެއާ ޕެނިންސުލާ މަޝްރަހު ވަނީ ހޫނުވެފަ އެވެ. އަދި ނޯތު ކޮރެއާ އިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އެ ގައުމުގެ އަސްކަރީ ގާބިލްކަން ހުރި ވަރު ދައްކާލުމަށް ބޮޑު ޕެރޭޑެއް ވެސް ބާއްވައިފަ އެވެ. އަދި އެ ގައުމުން މިސައިލް ޓެސްޓެއް ކުރަން އުޅުނު ނަމަވެސް އެ ޓެސްޓް ފެއިލްވެފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް ނޯތު ކޮރެއާ އިން ބުނެފައި ވަނީ ހަފުތާއަކު އެއްފަހަރު ވެސް މިސައިލް ޓެސްޓެއް ކޮށްފާނެ ކަމަށެވެ.
"އެމެރިކާ އިން ނޯތު ކޮރެއާ އަށް ހަމަލާދީފި ނަމަ ނޯތު ކޮރެއާ އިން ވެސް ނިއުކްލިއާ ހަމަލާދޭނެ،" ނޯތު ކޮރެއާގެ ވައިސް ފޮރިން މިނިސްޓަރު ހން ސޮން-ރިއޯލް ބީބީސީ އަށް ވިދާޅުވި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ ނޯތު ކޮރެއާގެ ފަރާތުން ކުރިމަތިވާ ބިރުތައް ހުއްޓުވުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.