ލޮނުން ކަރުހިއްކަނީއެއް ނޫން، ބަނޑުހައިވަނީ
ލޮނުން ކަރުހިއްކަނީއެއް ނޫން، ބަނޑުހައިވަނީ

ލޮނު ރަހަދޭ ލުއިކާނާއެއް ކެއުމުން ކަރުހިއްކާ ކަމަށް އަހަރެމެން ބުނަމެވެ. އެކަމަކު ދިރާސާއެއްގައި ބުނަނީ ލޮނުން ކަރުހިއްކަނީ ނޫން ކަމަށާއި ބަނޑުހައިވެއްޖެ ކަމުގެ އިހްސާސް ގެނުވައި، ކާހިތްކުރުވަނީ ކަމަށެވެ.

ޖަރުމަނުގެ މެކްސް ޑެލްބްރަކް ސެންޓަ ފޯ މޮލެކިއުލާ މެޑިސިން (އެމްޑީސީ)ގެ ތަޖުރިބާކާރުން މި ދިރާސާކޮށްފައި ވަނީ ޖަރުމަނުގެ ޖައްވީ އިދާރާ ޖާމަން އެއަރޮސްޕޭސް ސެންޓަރުގައި، އިންސާނުން މާސްއަށް ފޮނުވުމުގެ ސިމިއުލޭޝަނެއް ހެދުމުގެ ތެރޭގަ އެވެ.

ދިރާސާގައި 10 މީހުންގެ ދެ ގްރޫޕެއް ބައިވެރިކޮށް، 200 ދުވަސް ވަންދެން އެއްވައްތަރެއް ކާނާ ދިނުމުގެ ސިމިއުލޭޝަނެއް ހެދި އެވެ. އެކަމަކު ލޮނު އެއްޗިއްސެއް ނުދެ އެވެ. ޖާނަލް ކްލިނިކަލް އިންވެސްޓިގޭޝަންގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގުނު ގޮތުގައި، ލޮނު ހުންނަ ކާނާ ދިން މީހުން ދިޔާ އެއްޗެހި ބޮއެފައި ވަނީ މަދުންނެވެ.

ލޮނު ގިނަ ކާނާ ކޭ މީހުންގެ ހަށިގަނޑުގައި ފެން ހިފެހެއްޓި، ކަރުހިއްކުން އެހާ ބޮޑަށް އިހްސާސް ނުވި ކަމަށާއި ހަށިގަނޑަށް އިތުރަށް ހަކަތަ ބޭނުންވި ކަމަށް ދިރާސާއިން އެނގުނެވެ.

ސައިންސްވެރިން ކުރިން ގަބޫލުކުރާ ގޮތުގައި ލޮނުގެ ސަބަބުން، ކުޑަކަމުދާ ނަޖިސް އިތުރުކުރުވަ އެވެ. ބެލެވިފައި އޮންނަނީ ލޮނުގެ ސަބަބުން ކަރު ހިއްކައި، ގިނައިން ފެން ބުއިމުގެ ސަބަބުން ކުޑަކަމު ދެވޭ މިންވަރު އިތުރުވަނީ ކަމަށެވެ.

ނަމަވެސް މިހާރު އެނގުނު ގޮތުގައި ލޮނުގެ ސަބަބުން ކިޑްނީގައި، ޔޫރިއާ އިތުރުވެ، ކިޑްނީގެ މަސައްކަތްތައް އިތުރުވެ އެވެ. މިކަމާ ހުރެ އިތުރު ހަކަތަ ބޭނުންވެ ބަނޑުހައިވެއްޖެ ކަމުގެ އިހްސާސް ވަނީ އެވެ. މިއީ ކަރުހިއްކުމާ ގުޅުން ހުރި ކަމެއް ނޫންކަން އާ ހޯދުމުން އެނގުނެވެ.

"މިއީ ލޮނުގެ ސަބަބުން ހަށިގަނޑުން ބޭރުކޮށްލާނެ ފެންތައް ހަށިގަނޑުގައި ހިފެހެއްޓުމަށް ހަށިގަނޑުގެ ނިޒާމު މަސައްކަތްކުރާ ގޮތް ކަމަށް ވެދާނެ،" އެމްޑީސީގެ ތަޖުރިބާކާރެއް ކަމަށްވާ ފްރެޑްރިކް ލުފްޓު ވިދާޅުވި އެވެ.

ލުފްޓް ވިދާޅުވީ މީދާ ބޭނުންކޮށްގެން މީގެ ކުރިން ކޮށްފައިވާ ދިރާސާއަކުން ވެސް، ލޮނުގެ ސަބަބުން ޔޫރިއާ އިތުރުވާކަން އެނގުނު ކަމަށެވެ. ޔޫރިއާ އަކީ ޕްރޮޓީން މެޓަބޮލިޒަމްގެ ސަބަބުން އުފެދޭ ކޮމްޕައުންޑެކެވެ. ލިވާ ގައި މި އުފެދުމަށް ފަހު ކުޑަކަމުދާ ނަޖިހާ އެކު ދަނީ ކިޑްނީއަށެވެ. ލުފްޓް ވިދާޅުވީ މިއީ ހަށިގަނޑުން ބޭރުކޮށްލަންޖެހޭ، ބޭކާރު އެއްޗެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮތަސް އެއީ ކުށް ހީއެއް ކަމަށެވެ.

އޭނާ ވިދާޅުވި ބޭކާރު އެއްޗެއްގެ ގޮތުގައި ބެލެވިފައިވާ މި ކޮމްޕައުންޑަކީ ލޮނާ އެކު ހަށިގަނޑުން ފެން ބޭރުވެގެން ދިއުން ކޮންޓްރޯލްކުރުމަށް މުހިންމު އެއްޗެއް ކަމަށެވެ.