19 އެޕްރީލް 2017 - 02:51

މެޑްރިޑް (އޭޕްރިލް 19) – ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި 100 ވަނަ ލަނޑާ އެކު ބަޔާން މިއުނިކް 4-2 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.
ރޮނާލްޑޯ މިރޭ ހެޓްރިކެއް ހެދިއިރު ރެއާލް މެޑްރިޑް ކޮލިފައިވީ ދެ ލެގުގެ އެގްރިގޭޓުން 6-3 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުން މެޑްރިޑް މޮޅުވީ ރޮނާލްޑޯގެ ދެ ލަނޑާ އެކު 2-1 އިންނެވެ.
މިރޭ ކުޅުނު އަނެއް މެޗުގައި ލެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް 1-1 އިން އެއްވަރުވިއިރު ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައި އެތުލެޓިކޯ ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ.
ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމާއި ބަޔާން މިއުނިކް ކުޅުނު މެޗުގައި ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މެޑްރިޑުން ވަނީ މުހިއްމު ވަގުތު ތަފާތު ދައްކައިފަ އެވެ.
މި މެޗުގެ 53 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ބަޔާނަށް ކުރި ހޯދައިދިނީ ރޮބަޓް ލެވޮންޑޮސްކީ އެވެ. އެކަމަކު 76 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އެއްވަރުކޮށް އެގްރިގޭޓުން އެ ޓީމަށް ކުރި ހޯދައިދީފަ އެވެ.
މި ގޯލަށް ފަހު މިނެޓެއް ފަހުން މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ބަޔާނަށް ކުރި ލިބުނެވެ. އަދި އެ ނަތީޖާއާ އެކު ދެ ޓީމު އެގްރިގޭޓުން ހަމަހަމަވެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހުނެވެ. ބަޔާނަށް ބޮޑު މައްސަލައެއް ކުރިމަތިވީ 84 ވަނަ މިނެޓުގައި އާޓޫރޯ ވިޑާލަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތްކާޑާ ގުޅިގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރޮނާލްޑޯ ވަނީ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓުން އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު ރާމޯސް ދިން ބޯޅަ ރޮނާލްޑޯ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ވައްދާލީ، އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށް ރީޕްލޭ އިން ފެނެ އެވެ.
އިތުރު ލަނޑަކާ އެކު ބަޔާނަށް އެގްރިގޭޓުން ކުރި ލިބެން އޮއްވާ، އެ ޓީމުގެ އުއްމީދުތައް ފެނަށް ދުއްވާލީ 109 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ. ބަޔާނުގެ ރޮބެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާސެލޯ ބޯޅަ ހިފައިގެން، ބަޔާނުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ރޮނާލްޑޯ އަށް ދިން ބޯޅަ އޭނާ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިގެން ޗެމްޕިއަންސް ލީގުގައި 100 ވަނަ ގޯލް ޖެހި އެވެ. އޭނާ އަކީ އެ ޝަރަފް ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. މެޑްރިޑުގެ ފަހު ލަނޑު 112 ވަނަ މިނެޓުގައި ވައްދާލީ ޒުވާން ފޯވާޑް މާކޯ އަސެންސިއޯ އެވެ.
އެތުލެޓިކޯ އާއި ލެސްޓާ ކުޅުނު މެޗުގައި 26 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ކުރި ހޯދައިދިނީ ސައުލް އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޖެމީ ވާޑީގެ ލަނޑުން ލެސްޓާ އިން ހަމަހަމަކުރި ނަމަވެސް އެގްރިގޭޓުން ކުރި ހޯދޭ ގޮތެއް ނުވި އެވެ. ކުއާޓާ އިން ކެޓި ނަމަވެސް މިއީ ލެސްޓާ އަށް ނިސްބަތުން ބޮޑު ކާމިޔާބެވެ.