ތިން ވަނަ މޮޅާ އެކު ބެންގަލޫރަށް ހަ ޕޮއިންޓުގެ ލީޑެއް
ތިން ވަނަ މޮޅާ އެކު ބެންގަލޫރަށް ހަ ޕޮއިންޓުގެ ލީޑެއް

އޭއެފްސީ ކަޕްގައި މިރޭ އަމިއްލަ ދަނޑުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަތުން 2-0 އިން މޮޅުވެ ބެންގަލޫރު އެފްސީ ގްރޫޕް އީގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ބެންގަލޫރު މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ވަނީ މޯހަން ބަގާން އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން މާޒިޔާގެ މައްޗަށް މާލޭގައި ކުރި ހޯދީ ފަހު ސިކުންތުގައި ޖެހި ލަނޑާ އެކު 1-0 އިންނެވެ.

ރާއްޖެ އަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދައިދިން ޑްރަގޯ މަމިޗްގެ އިރުޝާދުގެ ދަށުން ކުޅޭ ޑާކާ އަބަހާނީއާ ދެކޮޅަށް މިރޭ ބެންގަލޫރުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.

މެޗުގެ ކުރީކޮޅުގައި ސުނިލް ޗެތުރީ އާއި އެގެނެސެން ލިންޑޮން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ބެންގަލޫރަށް ލީޑު ނަގައިދިނީ މެޗުގެ 42 ވަނަ މިނިޓްގައި ނިޝޫ ކުމާރެވެ. އޭނާ މި ލަނޑު ޖެހީ ޑެނިއަލް ލަލިމްޕޫއާ ދިން ބޯޅަ އަކުންނެވެ. ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖެހީ މަރިޔާން ޔުގޮވިޗެވެ.

މި މުބާރާތުގައި ބެންގަލޫރު ދެން ކުޅޭ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު ނުކުންނާނީ ވެސް އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޑާކާގަ އެވެ.

މިރޭގެ މެޗަށް ބެންގަލޫރު ކޯޗު އަލްބާޓް ރޮކާ ސަސްޕެންޑްވެފައިވާތީ އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު ކާލެސް ކުއަޑްރާޓެވެ. ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް ކޯޗު ރޮކާ ސަސްޕެންޑްވީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑުކިއުމުން ބެންޗުން ފޮނުވާލުމާ ގުޅިގެންނެވެ.