މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން ބާއްވަން މި އަހަރު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހުމަދު އައިހަމް ކިޔާ މީހަކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހޯދި މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 567،839ރ. ހަރަދުކުރި އެވެ. 

އެންމެ ބޮޑު ހަރަދެއް ހިނގީ އިވެންޓު މެނޭޖްމަންޓަށެވެ. އެގޮތުން ބިޑުކޮށްގެން އެ މަސައްކަތް ހަވާލުކުރީ 360،000ރ. އަށެވެ. އަދި އެ ބައްދަލުވުމުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހަދަން 135،000ރ. ހޭދަވި ކަމަށް އެ މައުލޫމާތުތަކުން ދައްކަ އެވެ. 

އޭގެ ފަސް މަސް ފަހުން މިދިޔަ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 585،137ރ. ހަރަދުވި އެވެ. އެއީ އިވެންޓް މެނޭޖްމަންޓަށް 360،000ރ. އަދި ސިންގަލް ސޯސްކޮށް ހަވާލުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600،00ރ. އެވެ.

ކައުންސިލުން ކުރާ މަސައްކަތްތަކަށް އާއްމުންގެ ހިޔާލު ހޯދަން ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ދެ ބައްދަލުވުން ބާއްވަ އެވެ. އޭގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ މަހު އަދި ދެވަނަ ބައްދަލުވުން ޖުލައި މަހު ބާއްވަން ޖެހެ އެވެ.  

ގާނޫނުން ލާޒިމްކުރާ އެ ދެ ބައްދަލުވުމަށް ސިޓީ ކައުންސިލުން 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ނަމަވެސް، ބޮޑު ރަސްމިއްޔާތެއް ބާއްވާ ގޮތަށް އެ ބައްދަލުވުންތަކުގެ ހޯލު ޒީނަތްތެރިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.