16 ޖޫން 2016 - 19:10

ޖަލަށް ލާން ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވީ އެންމެ އަވަހަކަށް ޖަލަށް ބަދަލުކޮށްދިނުމަށް އޭނާގެ ވަކީލުން ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅުކުރެއްވި ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ އަދީބު ކަމަށް ސާބިތުވެ، އެ މަނިކުފާނު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ކުރި ދައުވާގައި އަދީބުގެ މައްޗަށް އިތުުރު 10 އަހަރުދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
އަދީބުގެ ވަކީލް މުސާ ސިރާޖު ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަދީބު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންވެ، ހުކުމް ކުރެވިފައިވާ މީހަކަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ލިބެމުން ނުދާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"... އެކަން ވެވަޑައިގެންނެވި އެންމެ އަވަހަކަށް ހަމަޖައްސަވައި ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.
އަދީބުގެ މައްޗަށް ކުރި ދެ ހުކުމް ވެސް އިސްތިއުނާފް ކުރަން ވަނީ ނިންމާފަ އެވެ.
"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ އިތުރުން އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ވެސް ކުރެ އެވެ. މީގެ އިތުުރުން ވެސް ގިނަ ތުހުމަތުތަކެއް އެ މަނިކުފާނަށް ވަނީ ކޮށްފަ އެވެ.