އާ ސީޒަނުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް
ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން، އެ ޓީމުގެ ކުރީގެ ކޯޗު ރުބެން އަމޮރިމް މިހާރު
ކޯޗުކޮށްދޭ އޭސީ މިލާން އަތުން 4-2 އިން އިއްޔެ ބަލިވެއްޖެ އެވެ.

އުއްމީދީ ޕްރޮޖެކްޓެއްގައި ޔުނައިޓެޑާ 2024
ވަނަ އަހަރު ހަވާލުވި އަމޮރިމްއާ އެކު ނަތީޖާތައް ދަށްވުމުން އޭނާ މިދިޔަ
ސީޒަނުގައި ވަކިކުރިއިރު ސަޕޯޓަރުންނާ ވެސް އޮތީ މައްސަލަ ޖެހިފަ އެވެ. އެހެންވެ އިއްޔެގެ
މެޗު ޔުނައިޓެޑުގެ ސަޕޯޓަރުން ނެގީ، އޭނާގެ ކިބައިން ބަދަލު ހިފަން ލިބޭ ރަނގަޅު
ފުރުސަތެއްގެ ގޮތުގަ އެވެ.

އެކަމަކު ކުރީގެ ކުޅުންތެރިޔާ މައިކަލް
ކެރިކުގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑަށް މި މެޗުގައި އެދެވޭ ކުޅުމެއް
ނުދެއްކުނެވެ. އަނެއްކޮޅުން ޕްރީ ސީޒަނުގައި މެޗަކުން މޮޅުނުވެ އޮތް މިލާން ވަނީ ވަރަށް
މޮޅަށް ކުޅެފަ އެވެ.

ޕޮލެންޑުގައި ކުޅުނު މި މެޗުގެ ދެ ވަނަ
މިނެޓުގައި ހެރީ މެގުއާ ވަނީ ޔުނައިޓެޑަށް ކުރި ހޯދައިދީފަ އެވެ. ފުރަތަމަ ހާފު
ނިމުމުގެ ކުރިން މިލާނަށް އެއްވަރުކޮށްދިނީ ސެމުއަލް ޗުކުވުއޭޒޫ އެވެ.
ޔުނައިޓެޑަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ކެޕްޓަން ބްރޫނޯ
ފެނާންޑޭޒްގެ ޕެނަލްޓީ މިލާނުގެ ޒުވާން ގޯލްކީޕަރު ލޮރެންޒޯ ޓޮރިއާނޯ މަތަކުރި
އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ޕެޓްރިކް ޑޯގޫ ޔުނައިޓެޑަށް
އަލުން ކުރި ހޯދައިދިނެވެ. އެކަމަކު އަލްފާޖޯ ސީސޭ، ގޮންސާލޯ ރާމޯސް އަދި ރުބެން
ލޮފްޓަސް-ޗީކްގެ ލަނޑުތަކާ އެކު މިލާން ތަފާތު ބޮޑުކުރީ އެވެ.

ޔުނައިޓެޑުގެ ކޯޗު ކެރިކް ބުނީ ޖުމްލަކޮށް ޕްރީ
ސީޒަނާ މެދު ހިތްހަމަޖެހޭ ކަމަށާއި ޕޮޒިޓިވް ވަރަށް ގިނަ ކަންކަން ފާހަގަވި
ކަމަށެވެ.

"އެކަމަކު މިއަދުގެ ކުޅުމާ މެދު ހިތްހަމަނުޖެހޭ.
މިމެޗުން ފިލާވަޅު ނެގިދާނެ،" އޭނާ ބުންޏެވެ.

އާ ސީޒަނުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ
ފުރަތަމަ މެޗަކީ މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި ހަލް ސިޓީއާ ދެކޮޅަށް
ކުޅޭ މެޗެވެ.