18 އެޕްރީލް 2017 - 18:20

ވިލާ ކޮލެޖުން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
"އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗު އެންޑް އިންފޮމޭޝަން"ގެ މިއަހަރުގެ ތީމަކީ "އެކްސްޕްލޯރިން ނިއު ހޮރައިޒަންސް، ޓްރާންސްފޯމިން ސޮސައިޓީޒް" އެވެ. ކޮންފަރެންސް ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު މަހުގެ 17-18 އަށެވެ.
މި ކޮންފަރެންސަށް މައިގަނޑު 8 ތީމަކަށް ޕޭޕަރު ހުށަހެޅޭނެ އެވެ. އެގޮތުން ހުށަހަޅަން ބޭނުންވާ ޕޭޕަރު ނުވަތަ ޕޯސްޓަރުގެ އެބްސްޓްރެކްޓް، އަންނަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުށަހަޅަންޖެހޭނެ އެވެ. އެއަށްފަހު ކޮންފަރެންސްގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު 30 އޮގަސްޓުން 22 އޮކްޓޯބަރާ ހަމައަށް އޮންނާނެ ކަމަށް، ވިލާ ކޮލެޖުގެ ރިސާޗު ސެންޓަރުގެ އެގްޒެކެޓިވް ޑީން ޑރ. މުހައްމަދު އާދިލް ވިދާޅުވި އެެވެ.
- ޕޮލިޓިކްސް، ޕޮލިސީ، ލޯ އެންޑް ގަވާނެންސް
- ބިޒްނަސް، މެނޭޖްމަންޓް، ފައިނޭންސް އެންޑް ކޯޕަރޭޓް ގަވަނެންސް
- އެންވަޔަރްމަންޓް އެންޑް ޓެކްނޮލޮޖީ
- ލެންގުއޭޖް، މީޑިއާ އެންޑް ކޮމިއުނިކޭޝަން
- ސައިކޮލޮޖީ، އެޑިއުކޭޝަން އެންޑް ޑެވެލޮޕްމަންޓް
- ހެލްތް، ނާސިން އެންޑް ސޯޝަލް ވޯކް
- ރިލިޖަން، އާޓް، ކަލްޗާ އެންޑް ޓޫރިޒަމް
- ޖެނެރަލް (މި ބައިގައި ހިމެނޭނީ، މަތީގައި ފާހަގަކޮށްފައިނުވާ ކެޓެގަރީތައް)
އާދިލް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ކޮންފަރެންސަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 60 ޕޭޕަރެއް ހުށަހެޅިއިރު، އޭގެ ތެރެއިން 37 ޕޭޕަރު ގަބޫލުކޮށް ކޮންފަރެންސަށް ހުށަހެޅިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދަރިވަރުންނާއި ތައުލީމީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. ޕޭޕާ ޑިސްކަޝަންތަކާއި އަދި ވަރަށް މުހިއްމު ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވިގެން ދިޔަ،" ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު މަހު ބާއްވާ އެ ކޮންފަރެންސަށް އެމެރިކާގެ ޔުނިވާސިޓީއެއްގެ ދެ ޕްރޮފެސަރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަންނަ އޮގަސްޓް 30ގެ ކުރިން ކޮންފަރެންސްގައި ރަޖިސްޓްރީވާ ނަމަ، ބޭރުގެ ފަރާތްތަކުން 100 ޑޮލަރު، ދިވެހިން އަދި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުން 500ރ. އަދި ދަރިވަރުންނަށް 250ރ.ގެ ފީއެއް ދައްކަންޖެހޭނެ އެވެ. ނަމަވެސް އޮކްޓޯބަރު 22 ވަނަ ދުވަހުގެ ކުރިން ބައިވެރިވާ ނަމަ، އަގުތައް ބޮޑުވާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މިއީ އެކި ދާއިރާއިން ދިރާސާކުރައްވާ ބޭފުޅުންނަށް، އެ ބޭފުޅުންގެ ދިރާސާތައް ފަންނީ ބޭފުޅުންނާ ހިއްސާ ކުރުމާއި ހުށަހެޅުމުގެ ފުރުސަތު ތަނަސްވަސްކޮށްދިނުމުގެ މަގުސަދުގައި ވިލާ ކޮލެޖުން ބާއްވާ މިފަދަ ދެ ވަނަ ކޮންފަރެންސެވެ.