ސެޓްލައިޓް މިޝަންއާ ގުޅޭގޮތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން އިންޑިއާގައި ބާއްވާ ބޮޑު އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

ވިމެން އިން މެނޭޖްމަންޓް (ވިމް) އިންސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައިބުނީ މި މަހުގެ 23 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ "މިޝަން ޝާކްތީސެޓް" ގެ ދެ ވަނަ ފިޔަވަހީގެ ހަރަކާތުގައި ރާއްޖޭއިން ބައިވެރިވާނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލްއަށް ކިޔަވަމުން އަންނަ އާމިނަތު ނޯޔާ ސަމީހު ކަމަށެވެ. 

އޭނާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި ރާއްޖެއިން އެއްވަނަ ހޯދައިދަ އެވެ.

ފުރަތަމަ ފިޔަވަހީގައި ކުދިން ވަނީ އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ ސްޕޭސް އިންޖިނިއަރިންގެ ބައިތައް އޮންލައިންކޮށް ދަސްކޮށްފަ އެވެ.

ދެވަނަ ފިޔަވަހީގައި، ކޮންމެ ގައުމަކުން ހޮވާލެވޭ ކުއްޖަކަށް އިންޑިއާގައި ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެވޭނެ އެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ބޮޑު ޝައުގެއް ހުންނަ ނޯޔާއަށް، މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުންނާ ބައްދަލުވެ، ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ހަރަކާތުގައި 108 ގައުމަކުން 12،000 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ އެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ސެޓެލައިޓް ލޯންޗުކުރަން ހަމަޖައްސާފައިވަނީ އަންނަ އޮކްޓޯބަރު 11 ގަ އެވެ. އަދި އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާލާ ކިއުބްސެޓެއް އުފެއްދުމުގައި ވެސް މި ކުދިން ބައިވެރިވާނެ އެވެ.

ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވާ ނޯޔާ މީގެ ކުރިން ވެސް ރާއްޖެ އަދި ބޭރުގެ ފޯރަމްތަކުގައި ބައިވެރިވެ، ސައިބަ ބުލީ އަދި ސައިބަ ސޭފްޓީއަށް ހޭލުންތެރިކުރުވުމަށް އަޑު އުފުލާފައިވެ އެވެ.