ގައުމީ ދުވަހު އަޒުމު
ކަނޑައަޅަންވީ މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމަށް ކަމަށާއި އެގޮތުން
އެކަކު އަނެކަކަށް ގަދަރުކުރާ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް
ހުރިހާ މާނައެއްގައި އިހުތިރާމް އަދާކުރާ އެއް ބައެއްކަމުގެ އިހުސާސް ދިވެހި
އުންމަތުގައި ދިރުވުމުގެ އަޒުމު އާކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު
މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި މިއަދު
ހެނދުނު އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް
ވިދާޅުވީ، މިއަދުގެ ބަތަލު ބޮޑުތަކުރުފާނުގެ ކާމިޔާބު ހަޔާތްޕުޅުންވެސް އަދި
މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަ އިންސާނީ
މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަހުލާގު ކަމަށެވެ.

"އެއީ ގައުމެއް
ބިނާކުރުމުގެ މައިގަނޑު އަސާސް. ކުޑަވެސް ޝައްކެއްނެތް، އިންސާނުންގެ އެންމެ
މަތިވެރި އިންސާނީ ޒީނަތްތެރިކަމަކީ އަދި އައްޑަނައަކީ މަކާރިމުލް އަހުލާގު،"
ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ
ނިސްބަތުގައި އަހުލާގުގެ މާނަ ވަރަށް ތަނަވަސް ކަމަށެވެ. އާއިލީ ނިސްބަތުގައި އެއީ
އާއިލާގެ އެކަކު އަނެކަކަށް އޮންނަންޖެހޭ އިހުތިރާމާއި ކުލުނާއި ލޯބިން އުފެދޭ
ކަމޭހިތުން ކަމަށްވާއިރު މުޖުތަމައެއްގެ ނިސްބަތުގައި އެއީ އެބައެއްގެ ތެރޭގައި
ހުންނަ އިޖުތިމާއީ އަގުތަކަށް ފަރުވާތެރިވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމެއްގެ
ނިސްބަތުގައި އެއީ މުޅި ގައުމުގެ ހުރިހައި ކަމެއްގައި ހަމަހިފެހެއްޓުން. އިދާރީ
އުސޫލުތައް ދެމެހެއްޓުމަށް ކަމޭހިތުން، ގައުމީ ޒިންމާއާއި މަސްއޫލިއްޔަތު އޭގެ
ފުރިހަމަ ގޮތުގައި އަދާކުރުން، ގާނޫނާއި ގަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި، ގާނޫނާއި
ގަވާއިދާއި އުސޫލުތަކަށް ބޯލެނބުން،"

ރައީސް ވިދާޅުވީ،
އެހެންކަމުން އިޖުތިމާއީ އަގުތަކަކީވެސް އަޅުގަނޑުމެން ވަރަށް އިސްކަންދޭންޖެހޭ
ދާއިރާއެއް ކަމަށާއި، ގައުމާއި މުޖުތަމައާއި އާއިލާ އަދި އަމިއްލަ ނަފުސުގެ
ހަމަޖެހުން ގެނެސްދެނީ މިކަންކަމުން ކަމަށްވީތީ، އަޅުގަނޑުމެންގެ އުޅުންތަކާއި
ގުޅުންތައް ބައްޓަންކުރަންވާނީ އިޖުތިމާއީ އަގުތައް ހިމާޔަތްކުރުމަށް ކަމަށެވެ.

"މާތް
ރަސޫލާގެ އިރުޝާދުފުޅު އަޅުގަނޑުމެންގެ ހިތްތަކުން އެންމެ ހިނދުކޮޅަކަށްވެސް
ފިލައިގޮސްގެންނުވާނެ. ކޮބައިތޯ އެ ނަސޭހަތްޕުޅަކީ؟ އެކަކު އަނެކަކަށް ލޯބިވުމާއި،
އޯގާތެރިވުމާއި، ކުލުނުވެރިކަމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ
މިސާލޭ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭނެއް އުފެދިއްޖެނަމަ، ހޭލާ ހުރުމާއި
ހުންއައުމުގައި އެ މުޅި ހަށިގަނޑު ބައިވެރިވެޔޭ،"

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އާދައިގެ ކުޑަކުޑަ ކަންކަމުން
ވެސް އެ އަގު އަދާކުރެވޭނެ ކަމަށާއި އެގޮތުން ޓެކްސީ ދަތުރެއް ނިންމާފައި ފައިބަމުން އެ ކާރު ދުއްވާ
މީހާއަށް "ޝުކުރިއްޔާ" އޭ ބުނެލެވޭނަމަ، އޭނާ ވަރަށް ބޮޑު
ހިތްހަމަޖެހުމެއް އިހުސާސްކުރާނެ ކަމަށެވެ.

"ލިފްޓަކަށް
އަރާއިރު، ފަހަތުން އަންނަ މީހާއަށްޓަކައި މަޑުކޮށްލެވޭނަމަ، އޭނާއަށް އެއީ ކިހާ
ބޮޑު އުފަލަކަށްވާނެތޯ؟ މަގުމަތީ ދުވާރުމަތިން ހިނގާފައިދާއިރު، އެހެން މީހުންނަށް
ޖާގަ ލިބޭގޮތަށް އެކަމަށް ވިސްނައިގެން ދެވޭނަމަ، އެ މީހުންގެ ހިތުގައި އެފަދަ
މީހަކާމެދު ކިހާ ކުލުނެއް، ގަދަރެއް އުފެދޭނެތޯ؟"

އެމަނިކުފާނު ވިދާޅުވީ ތިމާގެ
އަވަށްޓެރިޔާއަކީ ނުދަންނަ ބީރައްޓެއްސެއް ނަމަވެސް، އަވަށްޓެރިޔާ ވާނީ
އަވަށްޓެރިޔާއަށްކަން ދަނެ، އިސްލާމްދީނުގައި އަވަށްޓެރިންނަށް ދޭންއޮންނަ މަގާމާއި،
ގަދަރާއި، އިހުތިރާމާއި، އަޅާލުން ތިމާގެ ފަރާތުން އަވަށްޓެރިޔާއަށް ދެވޭނަމަ،
ބީރައްޓެހިކަން ރަށްޓެހިކަމަށް ބަދަލުވެ، ތިމާ އުޅޭ މާހައުލުގައި އުފެދިގެންދާނީ އަމާން،ހިތްހަމަޖެހޭ
ވެއްޓެއް ކަމަށެވެ.

"ބޭނުންތެރި
ނޫން ވާހަކައެއް ނަމަވެސް، ނުވަތަ އެއްވެސް ވަރަކަށް ތާކުންތާކުޖެހޭ ވާހަކައެއް ނޫން
ނަމަވެސް ކެތްތެރިކަމާއެކު އަޑުއަހައި، ހިނިތުންވުމާއި އިހުތިރާމާއެކު ޖަވާބު
ދެވޭނަމަ، އެ ވާހަކައެއް ދެއްކި މީހަކު ލަދުނުގަނެ، ނުވަތަ ނިކަމެތިކަން އިހުސާސްނުވެ،
ތިމާއާމެދު އޭނާގެ ހިތުގައި އުފެދޭނީ ކިހާ ބޮޑު ހިތްހަމަޖެހުމަކާއި
ޝުކުރުވެރިކަމެއްތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އޮފީހަށް
ގަޑިއަށް ހާޒިރުވުމާއި، އޮފީހުގެ މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމާއި،
ސަލާމް ބުނުމަކީ އާދަޔަކަށް ނުހެދުމާއި، ތިމާއާ ހަވާލުވެފައިވާ ޒިންމާތަކާއި
މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރެވޭނަމަ، އަދި މިގޮތުގައި ކޮންމެ
ދުވަހަކު އޮފީސް ނިމެންދެން މަސައްކަތް ކުރުމުގައި ހޭދަކުރެވޭނަމަ، އެއީ
ދައުލަތަށްވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ލިބޭނެ ރީތި ނަމެއް ކަމަށެވެ.

"ފަހަރެއްގައި
ވެސް އަޅުގަނޑު މި ދަންނަވަނީ މި ޒަމާނުގައި އަޅުގަނޑުމެން ހޯދާފައިވާ ހައްގުތަކާއި
ލުއިކަން ބޭނުން ނުކުރާކަށް ނޫން. އެކަމަކު އަޅުގަނޑު މި އެދެނީ މަސައްކަތުގެ އަހުލާގުގައި
ވެސް އަމާނާތްތެރިވުމަށް، ފަރުވާތެރިވުމަށް، ތެދުވެރިވުމާއި ޒިންމާދާރުވުމަށް.
އާދެ، މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރުމަށް. އޮފީހުގެ ވެރީންނާއި
މުވައްޒަފުންނަށް މިގޮތުގައި މަސައްކަތުގެ އަހުލާގަށް އިހުތިރާމް އަދާކުރެވޭނަމަ، ހިދުމަތް
ހޯދަން އަންނަ ރައްޔިތުންނަށް އެ ލިބިގެންދަނީ ކިހާ ބޮޑު ހިތްހަމަޖެހުމެއްތޯ؟،"

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ކަށިމާ އަހުމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ކަށިމާ އަހުމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައސް ވިދާޅުވީ އެހެންކަމުން
ގައުމެއްގައި އިހުތިރާމް އަދާކުރުން، ހުރިހައި މާނައެއްގައި، ހުރިހައި
ދާއިރާއެއްގައި އަދި ހުރިހައި ދަރަޖައެއްގައި އޮންނަން އެބަޖެހޭ ކަމަށާއި އާއިލާއިން
ފެށިގެން ގައުމީ މަސްއޫލިއްޔަތުތަކާ ހަމައަށް އިހުތިރާމުކުރުމުގެ އަހުލާގު
އަށަގަންނަވަންޖެހޭ ކަމަށެވެ.

"ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުން އަންނާނީ، ގައުމުގެ ރައްކާތެރިކަން
ކަށަވަރު ކުރެވޭނީ، ގައުމަށް މާނަހުރި ތަރައްގީއެއް ހާސިލްވެގެންދާނީ، އަދި އުމްރާނީ
ތަރައްގީ އާއި އިގުތިސާދީ ތަރައްގީ އާއި އިޖުތިމާއީ ތަރައްގީ ފުރިހަމަވެގެންދާނީ، ގައުމުގެ
އަފްރާދުންގެ ވިސްނުމާއި ފިކުރު މިގޮތުގައި ތަރައްގީ ކުރެވިގެން،"
ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ ދުވަސް ބުނެދެނީ މިފަދަ އެތައް ކަންކަމެއް ކަމަށާއި ގައުމީ
ދުވަސް އަޅުގަނޑުމެންނަށް ހިތްވަރުދެނީ ދިވެހިންގެ ކިބައިގައި އިހުގައި ހުރި ރީތި
މާތް އަހުލާގީ ސިފަތައް އަނބުރާ އިއާދަކުރުމަށް ކަމަށެވެ.

"ގައުމީ ދުވަސް
އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ބައިބައިވުންތަކާ ދުރުހެލިވުމަށް. އެގޮތުން
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ގައުމު، ދިވެހީންނަށްޓަކައި އުފާވެރި، ހިމޭން
މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް،"