އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު ޖޫން 8 ގައި
އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު ޖޫން 8 ގައި

ލަންޑަން (އެޕްރީލް 18) - އަންނަ ޖޫން މަހު 8 ވަނަ ދުވަހު އިނގިރޭސި ވިލާތުގައި އާއްމު އިންތިޚާބު ބާއްވާނެކަން ބޮޑު ވަޒީރު ތެރޭސާ މެއި މިއަދު އިއުލާން ކުރައްވައިފި އެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގެ ބޭރުގައި ވާހަކަ ދައްކަވަމުން މެއި ވިދާޅުވީ އަވަސް އިންތިޚާބެއް ބާއްވަން ނިންމެވީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ އަހަރު ނެގި ވޯޓަށް ފަހު ގައުމަށް ހަމަޖެހުމާއި ވަރުގަދަ ލީޑާޝިޕެއް ބޭނުންވާނެތީ ކަމަށެވެ.

އިނގިރޭސިވިލާތުގައި 2020 ގެ ކުރިން އިންތިޚާބެއް ބާއްވާ ނަމަ ޕާލަމެންޓުގެ ރުހުން ބޭނުންވާނެ އެވެ. އިންތިޚާބު ބޭއްވުމާ ބެހޭ ގޮތުން ޕާލަމެންޓުގެ ތާއީދަށް އެދި މާދަމާ ހުށަހަޅުއްވާނެ އެވެ. އަވަސް އިންތިޚާބެއް ބާއްވަން ފާސްވާނީ ހައުސް އޮފް ކޮމަންސްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދާ އެކު އެވެ.

"އީޔޫ އިން ވަކިވުމުގެ ވޯޓަށް ފަހު ގައުމަށް ހަމަޖެހުމާއި ސުލްހަ ބޭނުންވޭ. އެހެންވެ އާއްމު އިންތިޚާބެއް ވީހާވެސް އަވަހަކަށް ބޭނުންވޭ. މިއީ އެ ފުރުސަތު،" އިންތިޚާބަށް ގޮވާލި ސަބަބާ ބެހޭ ގޮތުން މެއި ވިދާޅުވި އެވެ. "މި ދުވަސްވަރު އިންތިޚާބު ނުބާއްވައިފި ނަމަ އީޔޫ އިން ވަކިވުމާ ގުޅޭ ގޮތުން ޔޫރަޕާ އެކު ކުރާ މަޝްވަރާތައް ވެސް އެންމެ އުނދަގޫ މަރުހަލާ އަށް ދާނެ. މީގެ އިތުރުން އިދިކޮޅު ޕާޓީތަކުން ސިޔާސީ ގޭމް ކުޅުން ވެސް ހުއްޓޭނެ."

މެއި ވިދާޅުވީ އިންތިޚާބެއް ބާއްވަން ނިންމެވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ ޕްރޮސެސްގައި އިދިކޮޅު ޕާޓީތަކުގެ ފިއްތުންތައް ހުއްޓުވުމަށް ޓަކައި ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީ އަށް ވޯޓު ދިނުމަށް އެކަމަނާ ގޮވާލެއްވި އެވެ. އެ ޕާޓީ އަށް ދޭ ކޮންމެ ވޯޓަކީ އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް ލިބޭ އިތުރު ބާރެއް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ އިންތިޚާބަކަށް ދެކޮޅު ނުހަދާނެ ކަމަށެވެ.

އިނގިރޭސި ބޮޑު ވަޒީރު ކަމުގެ މަގާމަށް މިދިޔަ ޖުލައި މަހު މެއި ވަޑައިގެންނެވީ އީޔޫ އިން ވަކިވުމުގެ ވޯޓަށް ފަހު ކުރީގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާ ދެއްވުމުންނެވެ.