18 އެޕްރީލް 2017 - 16:28

ބަނގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު ކޮނެގެން ނެގުމުގެ ހުއްދަ ބަންގްލަދޭޝްގެ ކޯޓަކުން މިއަދު ދީފި އެވެ.
ބަނގްލަދޭޝްގެ ކޯޓަކުން އެ ހުއްދަ ދިނީ ރައުދާގެ މަރާ މެދު ސުވާލުތަކެއް އުފެދޭތީ އެކަން ބެލުމަށް އިތުރު އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު ކޮނެގެން ނެގުމުގެ ހުއްދަ އަށް އެދި އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) އިން ކޯޓަށް ހުށަހެޅުމުންނެވެ.
މެޓްރެޕޯލިއަން ކޯޓުގެ މެޖިސްޓްރޭޓް މަހްބޫބުއް ރަހްމާން ނެރުނު އަމުރުގައި އަންގާފައިވަނީ ކޯޓުން ކަނޑައަޅާ މެޖިސްޓްރޭޓެއްގެ ހާޒިރުގައި ރައުދާގެ ގަބުރު ނެގުމަށެވެ.
ސީއައިޑީގެ އޮފިޝަލާ ހަވާލާދީ ބަނގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުގައި ބުނެފައިވާ ގޮތުގައި ގަބުރު ކޮނެގެން ނަގާނެ ދުވަހެއް އެ އިދާރާ އިން ކަނޑައެއްޅާނެ އެވެ. ސީއައިޑީން ވަނީ ރައުދާ އުޅުނު ކޮޓަރި އާއި އޭނާއާ ގުޅުން ހުރި ތަންތަނާއި ތަކެތި އިތުރަށް ބަލައި ތަހުގީގު ފުޅާކޮށްފަ އެވެ. އެގޮތުން ރައުދާ ދަންޖެހިފައި ހުރި ކަމަށް ބުނާ ތަނުގައި، ރައުދާގެ އިސްކޮޅުގެ މީހަކަށް، އެތަނުގައި ހުރި ތަކެތި ބޭނުންކޮށްގެން ދަންޖެހެވިދާނެތޯ އާއި ރައުދާގެ ކޮޓަރި އެތެރެއިން ތަޅުލާފައި ހުއްޓާ ދޮރު ހަލާކު ނުކޮށް ވަދެވޭތޯ ވެސް ބެލި ކަމަށް ސީއައިޑީއާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.
ސީއައިޑީގެ އޮފިޝަލަކާ ހަވާލާދީ ޑެއިލީ ސްޓާއިން ބުނެފައި ވަނީ ރައުދާ ދަންޖެހިފައި ހުރި ކަމަށް ބުނާ ތަނުގައި، އެ ތަނުގައި ހުރި ތަކެތި ބޭނުންކޮށްގެން ދަން ޖެހެވޭނެކަން ޔަގީންވާ ކަމަށާއި ތަަޅުލާފައި ހުއްޓަސް ދޮރު ވެސް ހަލާކު ނުކޮށް ހުޅުވޭ ކަމަށެވެ. އެ ކޮޓަރީގެ ދޮރު އެތެރެއިން ތަޅުލަނީ ތަންޑު އަޅުވައިގެންނެވެ.
ރައުދާގެ ފުރަތަމަ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު ރައުދާގެ އާއިލާ އިން ތުހުމަތު ކުރަނީ ރައުދާ އޮތީ މަރާލާފައި ކަމަށެވެ. ނަމަވެސް ޑެއިލީ ސްޓާއިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައުދާގެ ގަބުރު ނަގަން އާއިލާއިން އިންކާރު ކުރެ އެވެ.
ރައުދާގެ މަރާ ގުޅިގެން، ރައުދާއާ އެކު އުޅުނު ދަރިވަރަކަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ބަންގްލަދޭޝް އިން ފުރުން އޮތީ މަނާކޮށްފަ އެވެ.