ހަޅުތާލު ކުރާ މީހުންނާ މަޝްވަރާ ކުރުމެއް ނެތް: އިޒްރޭލް
ހަޅުތާލު ކުރާ މީހުންނާ މަޝްވަރާ ކުރުމެއް ނެތް: އިޒްރޭލް

ގުދުސް (އެޕްރީލް 18) - އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ މަޝްވަރާ ނުކުރާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ސާވިސް މިނިސްޓަރު ގިލާދު އެރްދާން ވިދާޅުވެއްޖެ އެވެ.

ފަލަސްތީނު މީހުން ކުރަމުން ގެންދާ ހަޅުތާލުގައި އެންމެ އިސްކޮށް ހުރީ އިޒްރޭލުން އުމުރަށް ޖަލަށްލާފައި ހުރި ފަލަސްތީނުގެ މަރްވާން ބަރްގޫތީ އެވެ. ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގައި ވެސް ހިމެނޭ އިސް މެންބަރެއް ކަމަށްވާ 57 އަހަރުގެ ބަރްގޫތީ އަކީ އައްބާސް އަށް ފަހު ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ފަރާތް ކަމަށް ބެލެވެ އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ މީހުން ވަނީ އިޒްރޭލަށް ޑިމާންޑްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އެ މީހުންނަށް ރަނގަޅު ސިިއްހީ ޚިދުމަތް ދިނުމާއި އާއިލާއާ ފޯނުން ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.

ފަލަސްތީނުގެ ޕްރިޒަން އެފެއާޒްގެ ވެރިޔާ އިއްސާ ގަރާގު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން 1،300 މީހުން ހަޅުތާލު ކުރަމުންދާ ކަމަށެވެ. ފަލަސްތީނިއަން ޕްރިޒަނާސް ކްލަބުން ބުނީ 1،500 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ. އެކަމަކު އިޒްރެލުގ ޕްރިޒަން ސާވިސްގެ ތަރުޖަމާނަކު ބުނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވެފައި ވަނި 1،100 މީހުން ކަމަށެވެ.

އެރްދާން ވިދާޅުވީ ހަޅުތާލު ކުރާ މީހުންނާ އިޒްރޭލުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި ހަޅުތާލުގައި އިސްކޮށް އުޅުނު ބަރުގޫތީ މިހާރު ވަނީ އެހެން ޖަލަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އޭނާ ހުރީ އެކަހެރިކޮށް ބަންދުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބަކީ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ގޮވާލުމަކީ އިޒްރޭލުގެ ޖަލުތަކުގެ ގަވާއިދާ ޚިލާފު ކަމަކަށްވާތީ ކަމަށެވެ.

ފަލަސްތީނުން ގަބޫލް ކުރަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބީ އެ ގައުމުގެ ސިޔާސީ ގައިދީން ކަމަށެވެ. ގިނަ މީހުން ބަންދުކޮށްފައި ވަނީ އިޒްރޭލް މީހުންނަށް ހަމަލާ ދީގެންނެވެ. އަނެއް ބަޔަކު ތިބީ އިޒްރޭލުން ގެންގުޅޭ "އިދާރީ ބަންދު" ގަ އެވެ. އިދާރީ ބަންދުގެ ދަށުން އެއްވެސް ކުށެއް ނެތި ހަ މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅެވެ އެވެ. ހަ މަސް ހަވަމުމުން އަނެއްކާ ވެސް މުއްދަތު އިތުރު ކުރެ އެވެ.
ފަލަސްތީނުގެ ޕްރިޒަން ގްރޫޕްތަކުން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،000 ގައިދީން ތިބި ކަމަށެވެ. މީގެ ތެރޭގައި 62 އަންހެނުންނާއި 300 ކުޑަ ކުދިން ހިމެނޭ ކަމަށްވެ އެވެ. އަދި 500 މީހުންނަކީ އިދާރީ ބަންދުގައި ތިބި މީހުންނެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައި މިވަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ފަލަސްތީނުގެ ގައިދީންގެ ދުވަހާ ދިމާކޮށެވެ.