18 އެޕްރީލް 2017 - 15:29

އަންކާރާ (އެޕްރީލް 18) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފު ބާރުތައް ދިނުމަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ރުހުން ހޯދުމަށް އާދިއްތަ ދުވަހު ނެގި ވޯޓުގައި 2.5 މިލިއަން ވޯޓު އޮޅުވާލާފައިވާ ކަމަށް ބެލެވޭ ކަމަށް އޮބްޒާވަރުން ބުނެފި އެވެ.
ކައުންސިލް އޮފް ޔޫރަޕް އޮބްޒާވާ ވަފުދުގައި ހިމެނޭ އޮސްޓްރިއާގެ މެންބަރު އެލެވް ކޮރުން ވިދާޅުވީ ފެންނަ، ނުފެންނަ ވޯޓު ދިޔައީ ހަމަހަމަކޮށް ނޫން ކަމަށެވެ. އަދި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޓީމަށް ކެމްޕޭން ކަވަރޭޖް ދިން އިރު އިދިކޮޅު މީހުންގެ އަޑު ކަނޑުވާލަން ނޫސްވެރިން ހައްޔަރުކޮށް ބައެއް މީޑިއާތައް ބަންދުކޮށްފައިވާ ކަމަށެވެ.
"ވޯޓުގައި ހުއްދަ ކުރަނީ ހަމައެކަނި ރަސްމީ ވޯޓު ކަރުދާސް ބޭނުން ކުރުމަށް. އެކަމަކު އިލެކްޝަން ބޯޑުން ވަނީ ސްޓޭމްޕް ނެތް ވޯޓު ކަރުދާސް ވެސް ގަބޫލް ކުރަން ނިންމާފައި،" ކޮރުން ވިދާޅުވި އެވެ. "ލަފާ ކުރެވޭ ގޮތުގައި 2.5 މިލިއަން ވޯޓު ވާނީ ގަވާއިދާޚިލާފަށް ލާފައި."
އޭނާ ވިދާޅުވީ އެކަކު ދެ ފަހަރަށް ވޯޓުލާ ކަމަށް ސޯޝަލް މީޑިއާގައި ހުރި ވީޑިއޯތައް ވެސް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
އިދިކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީން ވަނީ ސްޕޭމްޕް ނުޖަހާ ވޯޓު ކަރުދާހުގެ ސަބަބުން ތިން މިލިއަން ވޯޓު ސައްހަ ނޫން ކަމަށް ބުނެ މައްސަލަ ޖައްސައިފަ އެވެ. މިއީ ރައީސް އުރުދުޣާން އަށް ކާމިޔާބުވި ވޯޓުގެ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
ތުރުކީގައި ނެގި ފެންނަން ނުފެންނަ ވޯޓުގައި ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތަކަށް ރުހޭ ކަމަށް 51.37 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. ގާނޫނު އަސާސީ ބަދަލު ކުރަން ދެކޮޅު ކަމަށް ބުނެފައި ވަނީ 48.63 ޕަސެންޓް މީހުންނެވެ.