20 އެޕްރީލް 2017 - 05:56

ކަރަން ޖޯހަރްގެ ފިލްމަކުން ބޮލީވުޑަށް ނިކުންނަން ފުރުސަތެއް ލިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އެފަދަ ފުރުސަތެއް ލިބޭ އެކްޓަރަކަށް ވަކި އެއަށް ވުރެ ބޮޑު ނަސީބެއް ނުލިބޭނެ އެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން "ބާހްބަލީ" އިން ވިދާލި ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް، ހިންދީ ފިލްމަކުން ބޮލީވުޑަށް ތައާރަފްކުރަން، ކަރަން ޖޯހަރު މިހާރު ވަނީ ނިންމައިފަ އެވެ.
އަދި އެކަމާ ބެހޭ ގޮތުން ކަރަން، ޕްރަބާސް އާއި "ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާ ވާހަކަ ދައްކާފައިވާ ކަމަށް ޑީއެންއޭ އިން ރިޕޯޓްކޮށްފައިވާ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ކަރަންގެ ޕްރޮޑަކްޝަން ހައުސް އަށް ހިންދީ ފިލްމެއް ޑައިރެކްޓްކޮށް ދޭން ރާޖަމޯލީ އަށް ހުށަހަޅާފައިވާ އިރު، އެ ފިލްމުގެ ލީޑް ރޯލުން ފެންނާނީ ޕްރަބާސް އެވެ. އެއީ ރޮމޭންޓިކް އެކްޝަން ފިލްމެއް ކަމަށްވެ އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން އެ ތިން މީހުން ވެސް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.
ކަރަން، ޕްރަބާސް ބޮލީވުޑަށް ތައާރަފްކުރާ އިރު، ފާހަގަކޮށްލެވޭ ކަމަކީ 2015 ގައި ރިލީޒް ކުރި "ބާހްބަލީ: ދަ ބިގިނިން" އާއި އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ބާހްބަލީ: ދަ ކޮންކްލޫޝަން" ގެ ހިންދީ ވާޝަން ބެލުންތެރިންނާ ހަމައަށް ގެނެސް ދެނީ ކަރަންގެ ދަރްމާ އިން ކަމެވެ.
ހިންދީ ފިލްމެއްގައި މިހާތަނަށް ޕްރަބާސް ލީޑް ރޯލެއް ކުޅެފައި ނެތަސް އޭނާ ވަނީ އަޖޭ ދޭވްގަން އާއު ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅުނު ޕްރަބޫދޭވާގެ އެކްޝަން ޖެކްސަން (2014) ގެ ލަވައެއްގެ ތަންކޮޅަކުން ފެނިލައިފަ އެވެ.
ޕްރަބާސް، 37، އަކީ މިހާރު ސައުތު އިންޑިއާގައި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ.