ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފްތާއަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ، މި ބަދަލު ގެންނަން ނިންމާފައިވަނީ، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި، ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރީ، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި އޭގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް މިކަމުން ލިބޭނެ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށް ބޭންކުން ބުންޏެވެ.
މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު، މިއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ބީއެމްއެލްއިން ބުނީ، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.
މި ފުރުސަތުގައި އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ. ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުމެވެ.