މުއްދަތު ހަމަވާތީ ބިލަބޮންގް ސްކޫލު އިމާރާތް ބީލަމަށް ލައިފި
މުއްދަތު ހަމަވާތީ ބިލަބޮންގް ސްކޫލު އިމާރާތް ބީލަމަށް ލައިފި

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް، ކުރީގެ އީޕީއެސްއެސް ހިންގި އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އީޕީއެސްއެސް އިމާރާތުގައި ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭ ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 27ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުއްދަތު ދީފަ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބިލަބޮންގް ސްކޫލު ހިންގަން އައިލެންޑާސް އެޑިއުކޭޝަންއާ ހަވާލުކުރި ދިހަ އަހަރުގެ މުއްދަތު 2019 ގައި ހަމަވާނެ ކަމަށެވެ. އެހެންވެ އޭގެ ކުރިން އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގައި ސްކޫލް ހިންގަން އައިލެންޑާސް އެޑިޔުކޭޝަން އަށް ވެސް ކުރިމަތިލެވޭނެ އެވެ.

އޮފިޝަލް ވިދާޅުވީ އައިލެންޑާސް ނޫން ބަޔަކު ސްކޫލު ހިންގަން ހަވާލުވި ނަމަވެސް މިހާރު ބިލަބޮންގް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގެއްލުމެއް ނުފޯރާނެ ކަމަށެވެ.

"މިސާލަކަށް ހުޅުމާލޭ ލާލޭ ސްކޫލު ހިންގި އިމާރާތް ގޭޓްވޭއަށް ދިނުމުން ވެސް ދަރިވަރުންގެ ކިޔެވުމަކަށް އެއްވެސް ބަދަލެއް ނާދޭ. ހަމަ އެއް ކަރިކިއުލަމެއް މި ކުރިއަށް ގެންދަނީ. އެހެންވެ، މިކަން ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން އެހާ ކުރިން އިއުލާން ކުރީ، ކުރިން ފެށިގެން އެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައަޅައި ދުރާލައި ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އޭރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އެކަމަށް ހޭނެން ވަގުތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.