ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އަދިވެސް ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މީޑިއާތަކަށް އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިހާތަނަށް ރިސޯޓުތަކުގެ ތެރެއިން ކޮމްޕްލަޔަންސް ހުށަހަޅަނީ ނުވަތަ ގާނޫނާއި ގަވާއިދުތަކުން ލާޒިމްކުރާ ގޮތަށް ހުރިހާ ކަމެއް ފުރިހަމަކުރަނީ 66 ޕަސެންޓް ރިސޯޓުތަކުންނެވެ. ބާކީ ރިސޯޓުތަކުން އެކަން ނުކުރާކަން އެ މައުލޫމާތުން އެނގެ އެވެ. އާމްދަނީގެ ކޮމްޕްލަޔަންސް ހުށަހަޅާ ރިސޯޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖޭގައި 180 އަށް ވުރެ ގިނަ ރިސޯޓު އޮޕަރޭޓްކުރެ އެވެ. އެހެންވެ، ގާތްގަނޑަކަށް 60 ރިސޯޓުން އަދިވެސް އާމްދަނީގެ 20 ޕަސެންޓް ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރެއް ނުކުރެ އެވެ.

އެމްއެމްއޭއިން މިހާރު ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން އުވާލުމަށް ނިންމައިފަ އެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ޑޮލަރު މާރުނުކޮށްގެން ތިން ރިސޯޓެއް މިހާތަނަށް ޖޫރިމަނާކޮށްފައިވެ އެވެ.

ގެސްޓް ހައުސްތަކުގެ ތެރެއިން މިހާތަނަށް ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަނީ ގާތްގަނޑަކަށް 40 ޕަސެންޓު ގެސްޓް ހައުސް އިންނެވެ. ރާއްޖޭގައި 940 އަށް ވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ. އެހެންވެ، މިހާތަނަށް ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަނީ 370 ވަރަކަށް ގެސްޓްހައުސް އިންނެވެ. ބާކީ 560 ގެސްޓްހައުސްތަކުން އަދިވެސް ޑޮލަރު މާރެއް ނުކުރެ އެވެ.

ރިސޯޓުތަކުން މާލީ ހިސާބުތަކާއި އާމްދަނީގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާތީ، އެތަންތަނާ މުއާމަލާތް ކުރުމަށް މާބޮޑު ދަތިތަކެއް ނެތް ނަމަވެސް، ގެސްޓްހައުސްތަކާ މިކަމުގައި މުއާމަލާތް ކުރުމުގައި ދަތިތައް އެބަ ހުރި ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ. އެހެންވެ، މިކަމުގައި ގެސްޓްހައުސްތައް ހޭލުންތެރިކޮށް، މި ނިޒާމުތެރެއަށް ވެއްދުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން މިދިޔަ އަހަރުގެ މިހާތަނަށް ބޭންކްތަކަށް 400 މިލިއަން ޑޮލަރު މާރުކުރި އިރު މިއަހަރުގެ މިހާތަމަށް މާރުކޮށްފައިވަނީ 390 މިލިއަން ޑޮލަރެވެ. ޑޮލަރު މާރުކުރި މިންވަރު ދަށްވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުންނެވެ.

އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އޭގެ ކުރިން އޮކްޓޫބަރު 2024 އިން ފެށިގެން އެމްއެމްއޭގެ ގަވައިދެއްގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ދިޔައީ ޑޮލަރު މާރުކުރަމުންނެވެ.