19 އެޕްރީލް 2017 - 05:56

ޒުވާން އެތުލީޓުންނަށް ސްޕޯޓްސް ޑްރިންކްތަކަށް ވުރެ ރަނގަޅީ ފެން ކަމަށް، ސްޕޯޓްސް މެޑިސިންގެ ތަޖުރިބާކާރުން ބުނެފި އެވެ.
ޕެން ސްޓޭޓް ހެލްތު މެޑިސިން ސެންޓަރުގެ ޑރ. މެތިއު ސިލްވިސް ވިދާޅުވީ ސްޕޯޓްސް ޑްރިންކްތަކުގައި ބޭނުންކޮށްފައި ހުންނަ ހަކުރާއި ލޮނު ބޭނުންވާ ވަރަށް ޒުވާން އެތުލީޓުންނަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. ނުވަތަ ލޮނާއި ހަކުރު އިތުރަށް ބޭނުންވާހާ ގިނައިރު ކުޅިވަރުގައި ހަރަކާތްތެރި ނުވެވޭ ކަމަށެވެ.
"ކަސްރަތު ކުރާއިރު ހަށިގަނޑުން ގެއްލޭ މިންވަރުގެ ބައެއް ސްޕޯޓްސް ޑްރިންކުން ލިއްބައިދޭ. އެކަމަކު ސްޕޯޓްސް ޑްރިންކް ބޭނުންކުރުމާ މެދު ވިސްނަން ވެސް ޖެހޭނީ 45 މިނެޓާއި އެއް ގަޑި އިރާ ދެމެދުގެ ވަގުތަަކަށް ކަސްރަތުކޮށްފި ނަމަ،" ސިލްވިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާން ގިނަ އެތުލީޓުންނަށް ސްޕޯޓްސް ޑްރިންކް ބޭނުންވާ ވަރަށް ކަސްރަތު ނުކުރެވޭ ކަމަށެވެ.
ސްޕޯޓްސް ޑްރިންކަކީ އެހާ ބޭނުންތެރި އެއްޗަކަށް ނުވާއިރު، ގިނައިން ހަކުރު އަޅާފައި ހުންނަ ބުއިންތަކުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވާކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބަރުދަން އިތުރުވުމާއި ދަތްފަނިކެއުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ސްޕޯޓްސް ޑްރިންކްތަކުން އިތުރުވާނެ އެވެ.
ޕެން ސްޓޭޓް މެޑިކަލް ގްރޫޕްގެ ސްޕޯޓްސް ފިޒިޝަނެއް ކަމަށްވާ ޑރ. ކެޓީ ގްލޯޔާ ވެސް ވިދާޅުވީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ސްޕޯޓްސް ޑްރިންކް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
"ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ސްޕޯޓްސް ޑްރިންކް ބޭނުންކޮށްގެން ނުވާނެ. ފެން މަދުވުމުން އެންމެ ރަނގަޅީ ފެން ބުއިން،" އޭނާ ވިދާޅުވި އެވެ.
ކެފެއިން އާއި އެ ޒާތުގެ އެހެން މާއްދާތައް ހުންނަ އެނާޖީ ޑްރިންކަކީ ވެސް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ރަނގަޅު އެއްޗެއް ނޫނެވެ. މިއީ ލޭމައްޗަށް ގޮސް ހިތުގެ އެކި މައްސަލަތަކަށް ޒުވާން އުމުރުގައި މަގު ފަހިކުރުވާ އެއްޗެހި ކަމަށް ހޯދުންތަކުން ދައްކަ އެވެ.