16 ޖޫން 2016 - 17:52

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފޮޓޯ އާއްމުކޮށް ފުލުހުން ހޯދަމުން އަންނަނީ ހިތަދޫ ބްލޫބާޑް، ހޫދު ލަތީފް، 20، އާއި އެ އަވަށު ހުދުފިޔަ، އިބްރާހީމް ހާރިޝް ހުސައިން، 24، އެވެ. ފުލުހުން ބުނީ މި ދެ މީހުންނަކީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ދެ މީހުން ކަމަށެވެ.
އެހެންވެ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ އެ މައުލޫމާތު ހިތަދޫ ޕޮލިސް ސްޓޭޝަނާ ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.
ހިތަދޫގައި ދެ ގްރޫޕެއްގެ މެދުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހިންގި މާރާމާރީގައި ފަސް މީހަކަށް އަނިޔާވި އެެވެ. އޭގެ ތެރެއިން އެކެއްގެ ބުރަ ކައްޓަށް ކަޓަރަކުން ހަމަލާ ދީފައިވާ އިރު، މާރާމާރީގައި ބޯ ފަޅައިގެން ދިޔަ މީހަކަށް ފަރުވާ ދޭން ވަނީ މާލެ ވެސް ފޮނުވާލައިފަ އެވެ.
މި މާރާމާރީ ހިންގި ރޭ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މާރާމާރީ އާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ފަހުން ހައްޔަރުކޮށްފައިވެ އެވެ.