އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. 

ޔާމީންގެ ގެކޮޅުގައި ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އަޅާ ކިޔާ ނަމަ އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވި އެވެ.  

"އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ،" އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ފާޅުގައި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް އަރައިގަންނަމުންދާ ޕާޓީއެކެވެ. 

ދާދި ފަހުން ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު އަނިޔާވެރި ނުވާނެ ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެ މަނިކުފާނުގެ ނަން ވެސް އޮންނާނެ ކަމަށެވެ. 

އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ޔާމީން ވިދާޅުވިއިރު، މި ފަހުން ސަރުކާރުން ކަންކަން ރަނގަޅުކޮށް ހަމަ މަގަށް އަޅުވަންދެން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެއްވުމަށް ވެސް ޔާމީން ނިންމެވި އެވެ. 

ޕީއެންއެފް އިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.--

ޕީއެންއެފް އިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ.--

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރައްވަން ތިން ރައީސުން ނިންމަވައި އެއްބަސްވުމެއްގައި ސޮއި ކުރެއްވި ނަމަވެސް އެ މަސައްކަތް ނިމުނީތޯ ނުވަތަ ކުރިއަށްދޭތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. 

ރޭގެ ޖަލްސާގައި ޔާމީން ވަނީ މުއިއްޒަށް ވެސް ގާނޫނުއަސާސީއާ އެއްގޮަތަށް ކަންކަން ކުރެވޭތޯ އާއި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވާއިރު ވެސް އިދާރާތަކުގެ ވެރިންނަށް ފިޔަވަޅު ނާޅާ މައްސަލަތަކުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އިންތިހާބުތަކާ ދިމާކޮށް ގިނަ ބަޔަކަށް ވަޒީފާ ދޭ މައްސަލާގައި ޔާމީން ވިދާޅުވީ ކަންކަމާ ނުގުޅޭ މީހުންނަށް އެކި އިދާރާތަކުން ވަޒީފާ ދީފައިވާތީ މަސްވެރިކަމުގައި ދިވެހި ޒުވާނުން މިހާރު ނެތް ކަަމަށެވެ. އެ މީހުން މިހާރު ތިބީ ތަންތަނުގެ ޓެކްނީޝަނުންނަށް ކަމަށް ވިދާޅުވެ، ފެނަކަ ފަދަ އިދާރާތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާ މައްސަލާގައި ވެސް ނުރުހުން ފާޅުކުރެއްވި އެވެ.