އޭޝިއާގެ ސާފިން ފެޑެރޭޝަންގެ ނައިބު ރައީސަކަށް، ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) އިންތިހާބު ކޮށްފި އެވެ.
ރާއްޖޭގެ ސާފިން އެސޯސިއޭޝަން ވުޖޫދު ކުރުމަށް 2001 ގައި އިސް ނެގި ފައުންޑަރުންގެ ތެރޭގައި ހިމެނޭ ސޮބާ، އޭއެސްއެފްގެ ނައިބު ރައީސްކަމަށް ހޮވުނީ ދެކުނު އޭޝިއާ ސަރަހައްދުގެ މަންދޫބުގެ ގޮތުގަ އެވެ.
ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ކޮންގްރެސްގައި، ވަނީ 15 އަހަރަށް ފަހު އޭއެސްއެފް އަށް އާ ރައީސަކު އިންތިހާބުކޮށްފަ އެވެ. އޭ އިދާރާގެ ރައީސްކަން 2011 ވަނަ އަހަރުން ފެށިގެން، މިދިޔަ ހުކުރު ދުވަހާ ހަމައަށް ހުންނެވީ ޖަޕާނުގެ އަސުސޫޝީ ސަކާއި އެވެ.
އޭނާ މިފަހަރު ވާދައެއް ނުކުރައްވަ އެވެ. އާ ރައީސްކަމަށް އިންތިހާބުކޮށްފައި ވަނީ އިންޑިއާގެ ސާފިން ފެޑެރޭޝަނުގެ ރައީސް އަރުން ވާސޫ އެވެ.
އޭނާގެ ދަށުން ހަތަރު ނައިބު ރައީސުން ތިއްބަވަ އެވެ. އެއީ އޭޝިއާގެ ހަތަރު ސަރަހައްދުން ތަމްސީލު ކުރާ ނައިބުންނެވެ.
އޭއެއެސްފްގެ ނައިބު ރައީސުން
| މުހައްމަދު ސޮބާހް (ދިވެހިރާއްޖެ) - ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ނައިބު ރައީސް
| ހަސަން އަޖާޖް (ސައުދީ އަރަބިއާ) - މެދުއިރުމަތި އަދި މެދުތެރޭ އޭޝިއާ ތަމްސީލުކުރާ ނައިބު ރައީސް
| ޗަންޗެން ޖޯ (ޗައިނާ) - އިރުމަތީ އޭޝިއާ ތަމްސީލުކުރާ ނައިބު ރައީސް
| އަލީ ރެޒާ ރޮސްތަމީ އިއްޒަތު (އިރާން) - ހުޅަނގު އޭޝިއާ
އޭއެސްފްގެ ޖެނަރަލް ސެކްރެޓަރީއަކީ ޖަޕާނުގެ ނޮބުނޮރީ ސައިތޯ އެވެ. ދެން އެކްސްކޯގައި ތިއްބަވާނީ، އިންޑޮނޭޝިއާ، ޖަޕާން، އަފްޣާނީސްތާން އަދި ޗައިނާ ތަމްސީލުކުރާ މެންބަރުންނެވެ.
މި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވާނީ 2030 ގަ އެވެ.
ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ބުނީ އޭޝިއާގެ ސާފިންގެ މައި އިދާރާގެ ނައިބު ރައީސްކަމަށް ސޮބާހް އިންތިހާބުވުމަކީ ރާއްޖޭގެ ސާފިން ކޮމިޔުނިޓީގެ އިތުރުން މުޅި ދިވެހި ކުޅިވަރަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ސޮބާހްގެ ރައީސްކަމުގައި، ރާއްޖޭގެ ސާފރުން ވަނީ ފުރަތަމަ ފަހަރަށް އޭޝިއާން ގޭމްސް އަށް ކޮލިފައިވެ ފަ އެވެ.
އަންނަ މަހު ޖަޕާނުގެ އައިޗީ އާއި ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ރާއްޖޭގެ ސާފަރުން ވާދަކުރާނެ އެވެ.
ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް އަންހެން ސާފަރުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނީ، ފުރަތަމަ ފަހަރަށް އެކުލަވާލި ސާފިންގެ އަންހެން ގައުމީ ޓީމު ވެސް އިއުލާން ކުރީ ސޮބާހް ރައީސްކަމުގެ ދައުރުގެ ތެރޭގަ އެވެ.
ކުޅިވަރުގެ އިތުރުން އިޖުތިމާއީ އަދީ މުޖުތަމައުގެ ދީނީ ހޭލުންތެރިކަމަށް ކުރާ އިސްލާހީ މަސައްކަތުގައި ވެސް އޭނާއަކީ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ކުރިން ސަލަފް ޖަމިއްޔާގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރެއްވި ސޮބާއަކީ އިޖުތިމާއީ އަދީ އިސްލާހީ މަސައްކަތުގައި ހަރަކާތްތެރި އެއް އެންޖީއޯކަމަށްވާ، ޕީސް ފަޑުންޑޭޝަންގެ ރައީސް ވެސް މެ އެވެ.