ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި ތައާރަފުކުރި ފުރަތަމަ
ބައިނަލްއަގުވާމީ ދިރާސާ ކޮންފަރެންސް ކަމަށްވާ، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން
(އައިސީއެސްއާރުއައި) 2026 އަށް މިފަހަރު 25 ދިރާސާ ކަރުދާސް ލިބިފައިވާ ކަމަށާއި 138 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

ވިލާ ކޮލެޖުން އިންތިޒާމްކޮށްގެން އެ ކޮލެޖުގެ ކިއުއައި ކެމްޕަސް ހޯލްގައި ބާއްވާ މި ކޮންފަރެންސް މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މިއީ މި ކޮންފަރެންސް ބާއްވާ 10 ވަނަ ފަހަރެވެ.

ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޓައިޑްސް އޮފް ޓްރާންސްފޮމޭޝަން: ޝޭޕިން ސަސްޓެއިނަބަލް ފިއުޗާސް ނުވަތަ "ބަދަލުވުމުގެ އޮއިވަރު: ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުން" އެވެ. 

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ޗެއާ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރު (ރިސާޗް އެންޑް
އިނޮވޭޝަން) ޑރ. މުހައްމަދު އާދިލް ވިދާޅުވީ، މިއަހަރުގެ ކޮންފަރެންސަށް 116 އެބްސްޓްރެކްޓް ހުށަހެޅި އިރު، އޭގެ ތެރެއިން 81 އެބްސްޓްރެކްޓް
ބަލައިގެންފައިވާ ކަމަށެވެ. އަދި 25 ފުލް ޕޭޕަރު (ފުރިހަމަ ދިރާސާ ކަރުދާސް)
ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އެކަޑެމިކް،
ސަރުކާރު އަދި ސިނާއާތްތަކުން ޖުމްލަ 138 ބައިވެރިން މިއަހަރުގެ ކޮންފަރެންސްގައި
ވަނީ ރަޖިސްޓްރީވެފަ އެވެ.

"އެ ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދިރާސާވެރިންނާއި، ދަރިވަރުންނާއި،
ސިނާއަތްތަކުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފައްދައި،
އިޖުތިމާއީ ސައިންސާއި ތަރައްގީގެ ދާއިރާއިން އާ ހިޔާލުތަކާއި އީޖާދީ
އުސޫލުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު
ފަހިކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

 ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަތީ ތައުލީމީ އިދާރާތަކުން ބައިވެރިވާތީ އެ ކޮންފަރެންސްގެ އަގު އުފުލިގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންވީ، މި ކޮންފަރެންސްގެ ބޭނުން ހިފައިގެން އަޅުގަނޑުމެން ކުރާ
ދިރާސާތަކަކީ މުޖުތަމައަށް އޭގެ ހެޔޮ އަސަރު ފޯރުވަނިވި، ފައިދާކުރަނިވި
ދިރާސާތަކަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.

ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގެ ތީމަކީ، މި ޒަމާނާ ގުޅޭ އަދި ބޭނުންތެރި ތީމެއް ކަމަށެވެ.

"މިއަހަރުގެ
ކޮންފަރެންސްގެ ޝިއާރަކީ މިވަގުތަށް ނުހަނު މުނާސަބު ޝިއާރެއް. ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި ސަރުކާރުތަކުންނާއި، ދިރާސާކުރާ ފަރާތްތަކުންނާއި،
ބައިނަލްއަގްވާމީ މުއައްސަސާތަކުން، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން،
އަދި ތިމާވެއްޓާ ރައްޓެހި ތަރައްގީގެ އާ މޮޑެލްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

 ވިލާ ކޮލެޖުން ނެރޭ ޖާނަލް "އިންޓަނޭޝަނަލް ޖާނަލް އޮފް
ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިޖޭއެސްއާރުއައި)" ގެ 9 ވަނަ
ވޮލިއުމްގެ 2 ވަނަ އިޝޫ މި ރަސްމިއްޔާތުގައި ނެރެފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޖުމްލަ ތިން ކީނޯޓް
ސްޕީޗް، ހަތަރު ޕެނަލް ޑިސްކަޝަން އަދި އަށް "އިމްޕެކްޓް ރޫމް" ސެޝަން
ކުރިއަށްދާނެ އެވެ. "އިމްޕެކްޓް ރޫމް" ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ
ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އަދި ދާއިރާގެ ތަޖުރިބާކާރުން
އެއްތަންކޮށް، އަމަލީ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މަޝްވަރާތައް ކުރުމެވެ.

އެ ކޮންފަރެންސް ނިންމާލުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު އެވެ. އެ ރަސްމިއްޔާތުގައި، ހުށަހެޅޭ ދިރާސާ ކަރުދާސްތަކުގެ
ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަރުދާސްތަކަށް "ބެސްޓް ޕޭޕަ އެވޯޑް"
އަދި "ބެސްޓް ޕޭޕަ ޕްރެޒެންޓޭޝަން އެވޯޑް" ދިނުން އޮންނާނެ އެވެ.