ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުން މިނުގައި ގާތްގަނޑަކަށް 1،645 މީޓަރު ހުންނާނެ ކަމަށް އެމްްއެންޑީއެފުން ބުނެފި އެވެ.

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި އެ ދޯންޏަށް ރާޅެއް އަރައިގެން ދިޔަވާތީ ދޯނި ސަލާމަތްކުރުމަށް އެ ރަށް ކައިރީ އެމްއެންޑީއެފާއި ފުލުހުން މަސައްކަތް ފެށި އެވެ. އެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާ ކޮށްފައި ވާއިރު މިހާތަނަށް ކުރި މަސައްކަތުން ދޯނި ވެސް، އަދި ގެއްލުނު ތިން މީހުން ވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.

ހުވަދޫ ކަނޑަށް "ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އެމްއެންޑިއެފް

ހުވަދޫ ކަނޑަށް "ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އެމްއެންޑިއެފް

"ދޯނި ދިޔައި ކިހާ ފުންމިނަކަށް ކަމެއް ބުނާކަށް ނޭނގޭ، އެ ތަނުގެ އަސްލު ފުން މިން ވެސް ނޭނގޭތީ. އެމްއެންޑީއެފުން އެ ތަނުގައި ހުރި ފުންމިން ކަމަށް ލަފާ ކުރާ ވަރަށް ބަލައި ދޯނި މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަނީ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުހުގައި މަސައްކަތްކުރާ އަލީ ނާފިއު އެވެ. އެ ތިން މީހުން ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.

އެމްއެންޑީއެފުން ރޭ ބުނެފައި ވަނީ ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބެލި ނަމަވެސް ގެއްލުނު މީހުން އަދި ފެނިފައި ނުވާ ކަމަށެވެ. 

ގެއްލިގެން ހޯދަމުން އަންނަ ތިން މީހުން. (ކ-ވ) ހަމްދޫން، އިބްރާހިމް އަހުމަދު އަދި ނާފިއު.

ގެއްލިގެން ހޯދަމުން އަންނަ ތިން މީހުން. (ކ-ވ) ހަމްދޫން، އިބްރާހިމް އަހުމަދު އަދި ނާފިއު.

އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ބުނެފައިވެ އެވެ. 

"އެ މީހުން ތިބީ ދޯނި ދިޔަވާތީ ޕަމްޕުކުރަން ކަމަށް މައުލޫމާތު ލިބެނީ. އެހެން ތިއްބާ ދޯނި އަރިއަޅާލި ގަޑީގައި ގެއްލުނީ ކަމަށް. ވެލި ބަސްތާތައް ހުރި ކަމަށް މައުލޫމާތު ލިބެނީ ދޯނީގެ މެދުތެރޭގައި،" އޭނާ ބުންޏެވެ. 

އޭނާ ބުނީ މީގެ 17 އަހަރު ކުރިން 2009 ވަނަ އަހަރު ބަން އެ ދޯނި އަރިއަޅާލަން ފެށުމާ އެކު، ފުރަތަމަ ނުކުތް މީހުން ސަލާމަތްވި ކަމަށެވެ.