ރާއްޖޭގައި މިދިޔަ އަހަރު މަރުވި ދިވެހިންގެ ތެރޭގައި 61 ޕަސެންޓަކީ ފިރިހެނުން ކަމަށް، މޯލްޑިވްސް ސްޓެޓްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ހެލްތު މިނިސްޓްރީއާ ގުޅިގެން ހެދި "ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ" ނަމްބަރުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖޭގައި 1،398 ދިވެހިން މަރުވި އެވެ. އޭގެ ތެރެއިން 858 މީހުން ނުވަތަ 61.4 ޕަސެންޓަކީ ފިރިހެނުންނެވެ. 

މަރުވި އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި އެންމެ ގިނައީ 65 އަހަރުން މަތީގެ މީހުންނެވެ. ދެވަނައަށް 18-64 އަހަރުގެ އެ މީހުންނެވެ. އެ އުމުރުގެ 131 އަންހެނުން އަދި 320 ފިރިހެނުން މިދިޔަ އަހަރު މަރުވި އެވެ. 

ހުރިހާ އުމުރުފުރަޔަކަށް ބަލާއިރު ވެސް މަރުވި މީހުންގެ ތެރޭ ފިރިހެނުން ގިނަ އެވެ.

މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވީ މާލޭގަ އެވެ. ދެ ވަނައިގައި އެވްރެޖުކޮށް ހިމެނިފައިވަނީ ހދ. އަތޮޅު އަދި އައްޑު އަތޮޅެވެ.

މިދިޔަ އަހަރު 1،300 އަށްވުރެ ގިނަ މީހުން މަރުވިއިރު، އެ މުއްދަތުގައި 5،625 ކުދިން ވަނީ އުފަންވެފަ އެވެ.