މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންގެ މައިންގެ އުމުރު 35 އަހަރަށް ވުރެ މަތި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ 25.44 ޕަސެންޓަކީ އުމުރުން 35 އަހަރާއި އެއަށްވުރެ ދޮށީ އުމުރުގެ މައިންނަށް ލިބުނު ކުދިންނެވެ. މި ނަންބަރަށް ބަލާއިރު މިދިޔަ އަހަރު މުޅި ރާއްޖޭގައި ރަޖިސްޓްރީކުރި 5,625 ކުދިންގެ ތެރެއިން 1,431 ކުދިން އުފަންވެފައިވަނީ އުމުރުން ދޮށީ މައިންނަށެވެ.
އުމުރުން 25 އަހަރުން ދަށުގެ މައިންނަށް އުފަންވެފައިވަނީ 14.92 ޕަސެންޓް ނުވަތަ 839 ކުދިން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ. ދިވެހި އަންހެނުން ދަރިން ހޯދާ އުމުރު ފަސްވަމުންދާކަން މި ހިސާބުތަކުން އެނގެ އެވެ.
އުމުރުން 35 އަހަރުން މަތިވުމުން، ބަލިވެއިނުމަށް ހުރަސްތަކާ ދިމާވެ، ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ސިއްހީ ނުރައްކާތައް އިތުރުވެ އެވެ. މި އުމުރުގައި ބަލިވެއިންނަ ނަމަ ދަރިފުޅަށް ޑައުން ސިންޑްރޯމް ފަދަ ކްރޮމޮޒޯމް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާތީ، ހާއްސަ ސްކްރީނިންތަކާއި ގާތުން މޮނިޓަރުކުރުން މުހިންމުވެ އެވެ.
އުމުރުން ދޮށީ މައިންނަށް 2025 ވަނަ އަހަރު ލިބުނު ކުދިންގެ ތަފްސީލު
- 35-39 އަހަރު: 1،146 ކުދިން (20.37 ޕަސެންޓް)
- 40-44 އަހަރު: 274 ކުދިން (4.87 ޕަސެންޓް)
- 45-49 އަހަރު 11 ކުދިން (0.20 ޕަސެންޓް)
- އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ލިބުނު ކުދިންގެ ޖުމްލަ އަދަދަކީ 1،431 (25.44 ޕަސެންޓް)
ކުއާޓާތަކަށް ބަލާއިރު، އުމުރުން ދޮށީ މައިންގެ ނިސްބަތް އެއްވަރެއްގައި
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި އަހަރަށް ބަލާއިރު، އުމުރުން 35 އަހަރުން މަތީގެ މައިންނަށް ކުދިން ލިބުނު އަދަދު ހުރީ ދާދި އެއްވަރެއްގަ އެވެ. އަހަރުގެ އެކި ކުއާޓާތަކުގައި އުފަންވި ޖުމްލަ އަދަދަށް ބަދަލުތަކެއް އައި ނަމަވެސް، މި އުމުރުފުރާގެ މައިންގެ ނިސްބަތަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ:
ކުއާޓާ 1:368 ކުދިން(ކުއާޓާ 1 ގެ ޖުމްލައިގެ 25.79 ޕަސެންޓް)
- ކުއާޓާ 2:368 ކުދިން(ކުއާޓާ 2 ގެ ޖުމްލައިގެ 26.67 ޕަސެންޓް)
- ކުއާޓާ 3:346 ކުދިން(ކުއާޓާ 3 ގެ ޖުމްލައިގެ 25.18 ޕަސެންޓް)
- ކުއާޓާ 4:349 ކުދިން(ކުއާޓާ 4 ގެ ޖުމްލައިގެ 24.17 ޕަސެންޓް)
އަހަރުގެ ދެ ވަނަ އާއި ތިން ވަނަ ކުއާޓަާއި އުފަންވި ކުދިންގެ ޖުމްލަ އަދަދު ދަށްވުމަށް ފަހު ހަތަރު ވަނަ ކުއާޓާގައި އިތުރުވި ނަމަވެސް، އުމުރުން 35 އަހަރުން މަތީގެ މައިންގެ ނިސްބަތް ކޮންމެ ކުއާޓާއެއްގައި ވެސް ހުރީ 24 ޕަސެންޓަށް ވުރެ މަތީގަ އެވެ.
ރާއްޖޭގައި މައިންގެ އުމުރުފުރާ ބެހިފައިވާގޮތް
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަރިން ހޯދި މައިގަނޑު އުމުރުފުރާތައް ބެހިފައިވާ ގޮތް؛
އެންމެ ގިނައިން ދަރިން ހޯދާ އުމުރު (25–34 އަހަރު):މިއީ މުޅި ރާއްޖޭގެ އުފަންވުމުގެ59.64 ޕަސެންޓް (3,355 ކުދިން). ވަކިވަކި އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައިން ކުދިން ލިބިފައިވަނީ 30–34 އަހަރާ ދެމެދުގެ މައިންނަށެވެ. (1,794 ކުދިން ނުވަތަ 31.89 ޕަސެންޓް)، ދެވަނައަށް އެންމެ ގިނައީ 25–29 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެއީ1,561 ކުދިން ނުވަތަ 27.75 ޕަސެންޓް.
- އުމުރުން ދޮށީ މައިން (35 އަހަރުން މަތި):މިއީ މުޅި އާބާދީގެ 25.44 ޕަސެންޓް ނުވަތަ (1,431 ކުދިން)ކަމަށްވާއިރު، މިއީ ދެވަނައަށް އެންމެ ބޮޑު އުމުރުފުރާ.
- އުމުރުން ހަގު މައިން (25 އަހަރުން ދަށް):މިއީ މުޅި އުފަންވުމުގެ14.92 ޕަސެންޓް (839 އުފަންވުން). މީގެ ތެރޭގައި 20–24 އަހަރާ ދެމެދުގެ މައިންނަށް ލިބުނު774 ކުދިން (13.76 ޕަސެންޓް)އާއި، 15–19 އަހަރާ ދެމެދުގެ އުމުރުފުރާގެ65 އުފަންވުން (1.16 ޕަސެންޓް)ހިމެނޭ.
އުމުރުން 25–34 އަހަރާއި 35–39 އަހަރާ ދެމެދުގެ މައިންގެ ނިސްބަތް މަތިވުމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ. އޭގެ ތެރޭގައި އަންހެނުން މަތީ ތައުލީމު ހާސިލުކުރުމާއި، ވަޒީފާގެ ފުރުސަތުތަކަށް ނުކުތުމާއި، އަދި ސިޓީތަކަށް ބަދަލުވުން ހިމެނެ އެވެ.
ރާއްޖޭގައި ދަރިން ހޯދާ އުމުރު މަތިވަމުން ދާއިރު އާބާދީ އިތުރުވާ ރޭޓް ވެސް ދަށްވެ މުސްކުޅި އާބާދީއެއް އުފެދުމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން އާއްމުކުރި ރިޕޯޓު ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ. އުމުރުން ދުވަސްވީ ކަމަށް ބަލާ 65 އަހަރުން މަތީގެ މީހުންގެ އަދަދު ހުރީ 26،825 ގަ އެވެ. އެއީ މުޅި އާބާދީގެ ހަތް ޕަސެންޓެވެ. އަދި 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ އެވްރެޖް އުމުރު 50 އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.