16 ޖޫން 2016 - 17:32

ރާއްޖެ އައި ބޭރު މީހެއްގެ އަތުން ކިލޯއަކަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރޭ އަތުލައިގަނެ، އެ މީހާއާ އެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސުން މިއަދު ބުނި ގޮތުގައި ރޭ ހޯދާފައި ވަނީ 1.37 ކިލޯގެ ކެނެބިސް އެވެ. އެ ތަކެތި ހުރީ، އެ ތަނުން ބުނި ގޮތުގައި، އުމުރުން 29 އަހަރުގެ ބަންގްލަދޭޝް މީހާގެ ލަގެޖު ތެރޭގައި ފޮރުވާފަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތަކެތި ހުރީ ބައިބަޔަށް ބެހުމަށް ފަހު ތުނި ރަބަރު ކޮތަޅުގައި ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅުން ހުރި އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު، އެ މީހުންގެ މައުލޫމާތެއް ކަސްޓަމްސްއަކުން ނުދެ އެވެ.
ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން މިހާރު ނިސްބަތުން މަދެވެ. މި ގޮތަށް އެތެރެ ކުރާއިރު ވެސް ގެންނަނީ ހަށިގަނޑު ތެރޭގައި ފޮރުވައިގެން ނުވަތަ އެކަހަލަ އެހެން ވެސް ގޮތަކަށެވެ.