މާފަންނު ސްޓޭޑިއަމް ސަރަހައްދުން
އެފްއޭއެމުން ދޫކޮށްފައިވާ ބިމެއްގައި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް
ފަޒީލް (އޮއްޕޮ) ގެ ކުންފުނިން ހަދާފައިވާ އިމާރާތް ހުސްކުރަން އެ ކުންފުނިން އެންމެ
ފަހުން ނިންމައިފި އެވެ.
އޮއްޕޮގެ ފިއުޗާ ހޯމްސް ޕްރައިވެޓް
ލިމިޓެޑުން އިމާރާތެއް އެޅީ ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެފްއޭއެމުން
އެއްވެސް ކުއްޔެއް ނެތި 25 އަހަރަށް ދިން
2500 އަކަފޫޓުގެ ބިމެއްގަ އެވެ. ފުޓްބޯޅަ އެރީނާއެއް ހެދުމަށް ސަރުކާރުން ދިން ބިމުން
ބަޔެއް އޭރު އެ ކުންފުންޏަށް ދިނީ 1.8 މިލިއަން ރުފިޔާގެ ކުނި އުކައިދިނުމުން އޭގެ
ބަދަލުގައި ކަމަށް ބުނެ އެވެ.
ނަމަވެސް އެފްއޭއެމްގެ ރައީސް ކަމަށް
އަހުމަދު ތޯރިގް (ޓޮމް) އިންތިހާބުވެ އޭނާ ވަނީ އެ ކުންފުންޏަށް ބިން ދިނީ
އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް ބުނެ އިމާރާތް ހުސްކުރަން އަންގައިފަ އެވެ. ނަމަވެސް
ފިއުޗާ ހޯމްސް އިން ވަނީ ބަދަލެއް ނުލިބޭ ނަމަ އިމާރާތް ހުސްނުކުރާނެ ކަމަށް ބުނެ
މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ކޯޓުގައި އެ ކުންފުނިން ބުނީ އެފްއޭއެމުން
އެންގި ގޮތަށް އިމާރާތް ހުސްކޮށްފި ނަމަ އެ ކުންފުންޏަށް އިޔާދަ ނުކުރެވޭނެ
ގެއްލުމެއް ލިބޭނެ ކަމަށާއި އެފްއޭއެމަކީ އެ ގެއްލުމުގެ ބަދަލު ދެވޭނެ މާލީ
ގާބިލްކަން މި ވަގުތު އޮތް ތަނެއް ނޫން ކަމަށެވެ.
ނަމަވެސް ކޯޓުން ވަނީ މަޝްވަރާކޮށްގެން
މައްސަލަ ހައްލުކުރަން ދެ ފަރާތަށް ދެ ހަފުތާގެ މުއްދަތެއް ދީފަ އެވެ. އެ
މުއްދަތުގައި ކުރި މަޝްވަރާތަކަށް ފަހު އޮއްޕޮގެ ކުންފުނިން ވަނީ މައްސަލަ އަނބުރާ
ނަގައިފަ އެވެ. އަދި އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިމާރަތް
ހުސްކުރަން ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
އެފްއޭއެމުން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި
ބުނީ ދިވެހި ފުޓްބޯޅަ ލެޖެންޑް އޮއްޕޮގެ ކުންފުނީގެ މި ނިންމުމާ އެކު އެ
އިމާރާތާއި، ބިން ފުޓްބޯޅައިގެ ކަންކަމަށް ދެން ބޭނުންކުރެވޭނެތީ އެކަމަށް އެ
ކުންފުންޏަށް މަރުހަބާ ކިޔައިފަ އެވެ.
"އެ ކުންފުނީގެ މި އަމަލުން ދައްކުވައިދެނީ
ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެ ކުންފުނިން އަހައްމިއްޔަތުކަން ދޭ
މިންވަރާއި، ފުޓްބޯޅަ އާއިލާއަށް ހެޔޮ ނަތީޖާއެއް ހޯދައިދިނުމަށް ދޭ އެހީތެރިކަން،"
ބަޔާނުގައިވެ އެވެ.
"ރާއްޖޭގެ ފުޓްބޯޅަ
ކުރިއެރުވުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްކޮށް
މަސައްކަތްކުރަން އެފްއޭއެމް އަބަދުވެސް އޮންނާނީ ތައްޔާރުގައި."
ގައުމީ ފުޓްބޯޅަ ޓީމާއި، ނިއު ރޭޑިއަންޓަށް
ކުރިން އެއްކޮށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ޓޮމް އާއި އޮއްޕޮ
އެއްބަސްވުމަކަށް އައީ ކޮން ކަހަލަ ކަންކަމެއްގެ ދަށުން ކަމަށް ނޭގެ އެވެ. އެފްއޭއެމްގެ
އެކްސްކޯ އިން ވަނީ މި މައްސަލައިގައި މަޝްވަރާކުރަން ކޮމިޓީއެއް ވެސް ނަގައިފަ
އެވެ. އޭގައި ހިމެނެނީ ޓޮމްގެ އިތުރުން އެކްސްކޯ މެމްބަރުން ކަމަށްވާ އަހުމަދު
އައްބާސް (އައްބު) އަދި އަލީ ރިޒްވާން (އައްޔަ) އެވެ.