ފީފާގެ ރައީސް ޖިއާނީ
އިންފަންޓީނޯގެ ނާކާމިޔާބުވި ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ޕްލޭނަށް
ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތައް
ހައްލުކުރެއްވުމަށް އެ އިދާރާގެ އިސްވެރިންނަށް ކުއްލި ބައްދަލުވުމެއްގެ ދައުވަތު
އޭނާ ފޮނުއްވައިފި އެވެ.
ފީފާގެ ކޮމާޝަލް އަދި އިވެންޓް
އޮޕަރޭޝަންތަކުން ހިއްސާ ގަތުމުގެ ފުރުސަތު އަމިއްލަ އިންވެސްޓަރުންނަށް ދިނުމަށް
އެކުލަވާލި ހުށަހެޅުން އިންފަންޓީނޯ ވަނީ މިދިޔަ ހަފުތާގައި ކެންސަލްކުރައްވައިފަ
އެވެ. މި ޕްލޭނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ
ގުޅިގެން އޭނާ އަށް މަގާމުގައި ހުންނެވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ
އެވެ.
މި ފާޑުކިޔުންތައް އިތުރަށް
ބޮޑުވެގެންދިޔައީ ހޯމަ ދުވަހު ފީފާގެ ސެކްރެޓަރީ ޖެނެރަލް މެޓިއަސް ގްރާފްސްޓްރޯމް
އަދި ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރް މި ޕްލޭނާ ދެކޮޅަށް
ވާހަކަދެއްކެވުމުންނެވެ.
ފީފާގެ މުވައްޒަފުންނަށް
ފޮނުއްވި އިންޓާނަލް އީމެއިލެއްގައި ގްރާފްސްޓްރޯމް ވިދާޅުވީ އެ ހުށަހެޅުމާ ބެހޭ
މައުލޫމާތު އޭނާއަށް ކުރިން
އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ޗީފް އޮޕަރޭޓިން އޮފިސަރު މީޑިއާގައި ވިދާޅުވީ
ފީފާގެ މުވައްޒަފުންނަށް އިންފަންޓީނޯ އޮޅުވާލައްވާފައިވާ ކަމަށާއި، މިއީ އެކަކު
އިސްވެ ހުރެ ތައްޔާރުކުރި ޕްލޭނެއް ކަމަށެވެ.
ފީފާގެ ޑިވެލޮޕްމަންޓް
ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް މަސައްކަތްކުރައްވާ އާސެނަލްގެ ކުރީގެ ކޯޗު އާސެން
ވެންގާ ވިދާޅުވީ މި ޕްލޭނާ ބެހޭގޮތުން އޭނާއަށް ވެސް މައުލޫމާތު އެނގިވަޑައިގަތީ
ނޫސްތަކުން ކަމަށެވެ. އަދި ފީފާއަކީ މީހުންގެ އިތުބާރު ލިބިފައިވާ ތަނެއްގެ ގޮތުގައި
ދެމިއޮތުމަށް މި ޕްލޭން ބާތިލުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ފާޑުކިޔުންތަކާ އެކު
އިންފަންޓީނޯ މިހާރު ވަނީ މިއަދުގެ ވަގުތެއްގައި ފީފާގެ އިސްވެރިންނާ
ބައްދަލުކުރައްވަން ނިންމަވައިފަ އެވެ. މިވަގުތު މޮރޮކޯގެ ރަބާތުގައި ހުންނެވި
އިންފަންޓީނޯގެ މި ބައްދަލުވުން ބާއްވާނީ، 2030 ގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު
ވެސް ކަމަށްވާ މޮރޮކޯގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި
ބައްދަލުވުމުގައި ފީފާގެ އިސްވެރިންގެ އިތުބާރު އޭނާ އަށް ނެތްކަން
އެނގިވަޑައިގެންފި ނަމަ އިންފަންޓީނޯ އިސްތިއުފާ ދެއްވުން ގާތެވެ.
ޔޫރަޕުގެ ފުޓްބޯޅަ އިދާރާ ޔުއެފާ
އިން ވަނީ އިންފަންޓީނޯ އަށް އިތުބާރު ނެތް ކަމަށް ބުނެ އޭނާ އިސްތިއުފާ
ދެއްވުމަށް ގޮވާލައިފަ އެވެ. ވަކިވަކި ބައެއް ގައުމުތަކުން އޭނާ އަށް ތާއީދުކުރި
ނަމަވެސް ޖުމްލަކޮށް ފުޓްބޯޅައިގެ ގިނަ ބަޔެއްގެ ނުރުހުން އިންފަންޓީނޯ އަށް ވަނީ
އަމާޒުވެފަ އެވެ.
ޔުއެފާގެ ކުރީގެ ޖެނެރަލް
ސެކްރެޓަރީ އިންފަންޓީނޯ 2016 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމަށް
ވަޑައިގެންނެވީ ކުރިން މާބޮޑު ޕްލޭނެއް ނެތި އެވެ. ސެޕް ބްލެޓާ އަށް ކުރެވުނު
ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަދަލުގައި އޭރު އެ މަގާމަށް އައުމަށް
އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އާއި
އުރުދުން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޕްރިންސް ހުސެއިނެވެ.
އިންފަންޓީނޯ އަށް މިފަހުން
ފާޑުކިއުން އަމާޒުވީ އެމެރިކާގައި ބޭއްވި ވޯލްޑް ކަޕާ އެކު އެ ގައުމުގެ ރައީސް ޑޮނާލްޑް
ޓްރަމްޕާ ސިއްރު ގުޅުންތަކެއް ބޭއްވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފީފާގެ މުބާރާތްތަކުގެ
ހިއްސާ ވިއްކަވަން އިންފަންޓީނޯ ހެއްދެވި ޕްލޭނުގައި ވެސް ޓްރަމްޕުގެ އާއިލީ
ބައެއްގެ އަތެއް ވެ އެވެ. މީގެ އިތުރުން ޓްރަމްޕަށް ފީފާގެ ސުލްހައިގެ އެވޯޑް ދިނުމާއި،
އޭނާގެ އިމާރާތެއްގައި ފީފާގެ އޮފީހެއް ހެދުން ފަދަ ކަންކަމާ ގުޅިގެން ގިނަ
ބަޔެއްގެ ނުރުހުން އަމާޒުވި އެވެ.