ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ ދަށުން ކަސްޓަމްސްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އަދި އެ ޒިންމާ އަދާކުރުމުގައި އެތަނުގެ މުވައްޒަފުން ދެމިތިބޭނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
އެއާޕޯޓް ޓާމިނަލް އެރައިވަލްގައި މަސައްކަތްކުރާ ކަސްޓަމްސްގެ މުވައްޒަފެއްގެ ފޮޓޯ އާންމުކޮށް ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި، މީހުންގެ ގަޔަށް އަތްލައިގެން ބަލައި ފާސްކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައިވަނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ފާސްކުރުމަށް ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކުރާ ކަމަށެެވެ.
މީގެ އިތުރުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިއާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ގަނޫނާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ބަަލައި ފާސްކުރާނެ ކަމަށް ވެސް ކަސްޓަމްސްއިން ނެރުނު ބަޔާނުގައިވެ އެވެ.
ކަސްޓަމްސް އިން ބުނީ އެގޮތަށް އެކަންކަން ތަންފީޒު ކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
"އެހެންކަމުން، ދިވެހިރާއްޖޭގެ ބޯޑަރުގައި މިކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ގާނޫނާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކަސްޓަމްސް އިން މިގެންދަނީ ކުރަމުންނެވެ." އެ ބަޔާނުގައިވެ އެވެ.
ކަސްޓަމްސްއިން ވަނީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.