ކުރީގެ ސަރުކާރުގައި ފެނަކައިން ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ބަލަމުން އަންނަ މައްސަލަތަކާއި، ގެންނަ އިސްލާހުތަކާއި ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮންމެ ދެ މަހަކުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭ ގޮތަށް ފެނަކައާ ގުޅޭ ގަރާރެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ފެނަކައިގެ 2021 އިން 2023 އަށް ހިންގި މުއާމަލާތްތަކާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އޭގެތެރޭގައި މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މާލީ ހާލަތަށް ނުބަލައި އަދި ބިޑަށް ނުލައި ޕްރޮޖެކްޓްތައް ހިންގާފައިވުން ހިމެނެ އެވެ. 

ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ކޮމިޓީން ފާސްކުރި އެ ކުންފުންޏާ ގުޅޭ ހާއްސަ ގަރާގުގައިވާ ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކުރި ގިނަ މައްސަލަތަކެއް ތަހުގީގުކޮށް އެކަންކަން ސީދާ މާލިއްޔަތު ކޮމިޓީއަށް އަންގަން ޖެހެ އެވެ.

ގަރާރުގައި ހުރި މުހިއްމު ބައެއް ކަންކަން:

1. ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ކުރީގެ މެނޭޖިން ޑިރެކްޓަރަކާ އާއިލީ ގުޅުން އޮންނަ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދަން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 92 އެއްބަސްވުމުގެ ދަށުން ޖުމްލަ 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރުން. އެ ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ، ދުރުރާސްތާގެ ޕްލޭނެއް ނެތި އަވަސް އަރުވާލައިގެން ގިނަ މަޝްރޫއުތަކެއް ފަށައި މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުންފުންޏަށް ކުރިމަތިލާން ޖެހުން. މި މައްސަލަ އޭސީސީ އާއި ޕޮލިހަށް ހުށަހަޅައި މައްސަލަ ނިމެންދެން އެ މައްސަލަ ކުރިއަށްދާ ގޮތުގެ ތަފްސީލު ކޮންމެ ތިން މަހަކުން އެ އިދާރާ އިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުން. 

2. ކުންފުންޏަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން ވެސް އޭސީސީ އާއި ޕޮލިހަށް އަންގައި އޭގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއް ފަހަރު ފެނަކައިން ކޮމިޓީއަށް އެންގުން. 

3. ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގާފައިވާތީ، އެކަމާ ގުޅޭ މައްސަލަތައް ބަލައި އެކަން ވެސް މާލިއްޔަތު ކޮމިޓީއަށް އެންގުން. 

4. މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ބައެއް ހިދުމަތްތައް ހޯދަން އެއްބަސްވުންތައް ހުށަހަޅާފައިވާތީ، އެކަން ތަހުގީގުކުރުމަށް ކަމާ ގުޅޭ އިދާރާއަށް ހުށަހަޅައި މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭން އެ ކުންފުންޏަށް އަންގާފައިވޭ.

5. އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހެދުމަށް، ހެދި އެއްބަސްވުންތަކުގެ ތެރެއިން ބާތިލްކޮށްފައިވާ އެގްރީމެންޓްތަކުގެ އެޑްވާންސް ފައިސާ ހޯދުނު މިންވަރުގެ ތަފްސީލުތައް ކޮންމެ ދެމަހަކުން މާލިއްޔަތު ކޮމިޓީއަށް އެންގުމަށް ފެނަކާގައި އެދުން. 

6. ފެނަކައަށް ބޭނުންވާ އަޑީ ތެޔޮ އަދި ސްޕެއާ ޕާޓްސް ގަނެފައިވަނީ ޓެންޑަރިން ޕްރޮސެސްއެއް ނެތި ކަމަށް ވާތީ، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި ކޮންމެ ދެ މަހަކުން އެކަމުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އަންގާފައިވޭ.

7. ޖަނަރޭޓަރުތައް ގެނައުމުގައި، ބާ ޖަނަރޭޓަރުތަކެއް ގެނެސްފައިވާތީ އެކަން ވެސް ތަހުގީގީ އިދާރާތަކަށް ހުށަހަޅައި އެކަމުގެ ތަފްސީލު ވެސް މާލިއްޔަތު ކޮމިޓީއަށް ކޮންމެ ދެ މަހަކުން އެންގުމަށް ގަރާރުގައި އެދިފައިވޭ.

މީގެ އިތުރުން ވެސް އެ ކުންފުނީގެ މުދަލާ ފައިސާ އިސްރާފުވާގޮތަށް ހިންގާފައިވާ ވަކިވަކި އެހެން ޕްރޮޖެކްޓްތައް ވެސް ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އެކަންކަމުގެ ތަފްސީލުތައް ކޮންމެ ދެ މަހަކުން އެ ކޮމިޓީއަށް އަންގަން ޖެހޭނެ ކަމަށް ގަރާރުގައި ވެ އެވެ.

އެ ގަރާރު ކޮމިޓީއަށް ހުށަހަޅާފައިވަނީ، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ކޮމިޓީން އެ ގަރާރު ފާސްކޮށް މިއަދު ވަނީ މަޖިލީސް ތަޅުމަށް ފޮނުވައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާންމުކުރި ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދާއިމީ މުވައްޒަފުންގެ އިތުރުން ވަގުތީ މުވައްޒަފުންގެ އަދަދު ވެސް ތިން އަހަރުގެ ތެރޭގައި 78 ޕަސެންޓަށް އިތުރުވި އެވެ.

އެ ރެކޯޑުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނީގައި ތިބީ 3،500 މުވައްޒަފުންނެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ހުރީ ގާތްގަނޑަކަށް 7،000 ގަ އެވެ.